ދުނިޔެ

ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއް އިންޖީނު ފެއިލްވެގެން އިމަޖެންސީކޮށް ޖައްސައިފި

މުހައްމަދު އައުޒަމް

ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއް އިންޖީނު ފެއިލްވެގެން އިމަޖެންސީކޮށް ޖައްސައިފިއެވެ.

ޑެންވާ އިންޓަނޭޝަނަލް އެއާޕޯޓުން ހޮނޮލުލޫ އަށް 231 ފަސިންޖަރުންނާއި 10 ކްރޫ އިންނާއެކު ދަތުރުކުރި ފްލައިޓު ނައްޓާލިތާ ކުޑައިރުކޮޅެއްތެރޭ ވަނީ ބާރުގަދަ ގޮވުމަކާއެކު ފްލައިޓުގެ އެއް އިންޖީނުގައި އަލިފާން ރޯވެފައެވެ.

ފްލައިޓުގެ އިންޖީނު ގޮވުމާއެކު އިންޖީނުގެ ބައިތައް ޑެންވާ އެއާޕޯޓާއި ކައިރީގައި އޮންނަ އަވަށަކަށް ވަނީ ވެއްޓިފައެވެ.

ފްލައިޓުގެ އެއް އިންޖީނު ގޮވުމާއެކު ޕައިލެޓް ވަނީ އަނބުރާ ޑެންވާ އެއާޕޯޓަށް ރައްކާތެރިކަމާއެކު ފްލައިޓު ޖައްސައިފައެވެ.

އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ވަނީ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓް 238ގެ އިންޖީނު ފެއިލްވާން ދިމާވި ސަބަބު ތަހުގީގު ފަށައިފައެވެ.

އިންޖީނުގެ ބައިތައް ވެއްޓުނު އަވަށުގެ ފުލުހުން ވަނީ ވެއްޓިފައިވާ އެއްވެސް ބައެއްގައި އަތް ނުލުމަށާއި އޮތްތަނަކުން އެހެންތަނަކަށް ނުގެންދިއުމަށްވެސް އަންގައިފައެވެ.