އާސަހަރާގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ފަރާތުން އެ ސަހަރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކޮށްފައި ނުވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިފަދައިން ބުނީ، އާސަހަރާގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ފަރާތުން އެ ސަހަރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރަމުންދާ ކަމަށް ބުނެ ޗެނަލް 13 އިން އިއްޔެ ގެނެސްދިން ރިޕޯޓަކާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި މާލޭ ސިޓީ ކައުންސިލުން ބުނީ، ޗެނަލް 13ގެ ރިޕޯޓަކީ ކަމުގެ ހަގީގަތް ނުބަލައި، ނޫސްވެރިކަމުގެ މިންގަނޑާ ހިލާފަށް އެ ކައުންސިލުގެ މުވައްޒަފުންނާއި ކައުންސިލް ބަދުނާމުވާގޮތަށް އެއްވެސް އަސާސެއް ނެތް ހިޔާލީ ވާހަކައެއްގެ މައްޗަށް ނެރެފައިވާ ދޮގު ރިޕޯޓެއް ކަމަށެވެ.
މާލޭ ސިޓީގެ ކައުންސިލަރުންނާއި ރައްޔިތުން ޖެހޭ ގޮތަށް އަދި މާލޭ ސިޓީ ކައުންސިލް ބަދުނާމުވާ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމަނައި، ދޮގު ރިޕޯޓެއް ނެރެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކުރަމުންދާ މިފަދަ ނޭއްގާނީ މަސައްކަތްކުރުމަށް ޗެނަލް 13އިން ނެރެފައިވާ ރިޕޯޓު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ، މާލޭ ސިޓީގެ ރައްޔިތުން އިންތިހާބުކޮށް ޒިންމާތަކެއް މަތިކޮށްފައިވާ ބަޔަކު ކުރާ މަސައްކަތްތަކާ ބެހޭގޮތުން އެއްވެސް ފަރާތަކުން މައުލޫމާތެއް ހާމަކުރާނަމަ ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުންގެ ބަސް ހޯދަންޖެހޭ އިރު، މިފަދަ އެއްވެސް ބަހެއް ނުހޯދައި މަކަރުވެރި ގޮތެއްގައި ދޮގު މައުލޫމާތު ފެތުރުމަކީ ޗެނަލް 13އިން އެއްވެސް ޒިންމާދާރުކަމެއް ނެތި ކޮށްފައިވާ ވަރަށް މުޑުދާރު، ވިޔާނުދާ އަމަލެއް ކަމުގައި ދެކޭ ކަމަށެވެ.
އެހެންކަމުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސިޓީ ކައުންސިލުން ވަނީ ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު