ކަނޑުދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އިލްތިމާސްކޮށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު އަނބުރާ ކޮމިޓީއަށް ފޮވާލަން މަޖިލީހުން ފާސްކޮށްފިއެވެ.
މި ގަރާރަކީ ކަނޑުދަތުރު ކުރުމުގައި ސަލާމަތީ ރައްކާތެރިކަމަށް ކޮންމެހެން ދޭންޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ހިނގަމުން އަންނަ ހިތާމަވެރި ހާދިސާތައް މަދު ކުރުމަށްޓަކައި ހުށަހެޅި ގަރާރެކެވެ.
މި ގަރާރުގައި ވަނީ ދަތުރު ކުރުމުގައި ބޭނުންކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބަލަންވާ ވަރަށް ނުބެލުމާއި ދަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް ދައުލަތުގެ މުއައްސަސާތަކުން ދޭ ލަފަ އާއި އިރުޝާދާއި އިންޒާރަށް ނުބަލައި ދަތުރުކުރުމުގެ ސަބަބުން މީހުންގެ ފުރާނަ ގެއްލި މުދަލާއި އުޅަނދު ފަހަރު ޣަރަގުވުން ފަދަ ހިތާމަވެރި ކަންކަން ހިނގާފައިވާ ކަމަށެވެ.
ރާއްޖޭގެ ކަނޑުދަތުރު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި މީހުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމަށްޓަކައި ރައްކާތެރިވުމުގެ ގޮތުން އޮޑިވެރިންނާއި ދަތުރުކުރާ އެންމެހާ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް މި ގަރާރުގައި ވަނީ އިލްތިމާސް ކޮށްފައެވެ.
ދެހާސްނަވާރަ ވަނަ އަހަރު މަޖިލީހަށް ހުށަހެޅި މި ގަރާރު، ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވުމުން ކޮމިޓީން ގަރާރު ދިރާސާކޮށް، އޭގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ހަ ކަމެއް ހުށަހަޅައި ގަރާރު މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގަރާރަށް ވާހަކަ ދެއްކުމަށްފަހު ކޮމިޓީން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ފާހަގަކޮށް އެ ގަރާރު އަލުން ކޮމިޓީއަށް ފޮނުވަން މަޖިލީހުން ފާސްކުރި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު