ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ތަކަކަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތުގައި ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭހެން ހަތަރު ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޓްރާސްޕޭރެންސީ މޯލްޑިވްސް އާއި އުތެމަ އަދި ހޯމް ފޯ ވުމެންގެ އިތުރުން ފެމެލީ ލީގަލް ކްލިނިކުން ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޖިންސީ އަނިޔާގެ ދައުވާތައް އުފުލުމާ ގުޅިގެން އަލީ ވަހީދުގެ ފާސްޕޯޓު ހިފެހެއްޓުމަށް މިދިޔަ މަހުގެ 19 ގައި ކްރިމިނަލް ކޯޓުން އަމުރުކޮށް، މައްސަލަތަކުގެ ޝަރީއަތް ފެށުމަށް ފަހު ޕާސްޕޯޓު ހިފެހެއްޓުމަށް ކުރި އަމުރު ބާތިލު ކުރުމަށް މިދިޔަ އަންގާރަ ދުވަހު އެ ކޯޓުން ނިންމި ނިންމުމާ މެދު އެ ޖަމިއްޔާތަކުން ކަންބޮޑުވާ ކަމަށެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި، ރޭޕު ކުރަން އުޅުނުކަމުގެ ކުށުގެ ދައުވާ ހިމެނޭއިރު ރޭޕުކުރުމުގެ ކުށަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޖިނާއީ ބޮޑު ކުށެއް ކަމަށް ވެސް އެ ޖަމިއްޔާތަކުން ފާހަގަކުރެ އެވެ.
އެ ޖަމިއްޔާތަކުން އިތުރަށް ބުނީ ފާއިތުވި ތަނުގައި ވެސް އަލީ ވަހީދު ހުންނެވީ ރާއްޖޭގެ އިހުތިސޯސް ނުހިނގާ ގޮތެއްގެ މަތިން އިނގިރޭސިވިލާތުގެ ހިމާޔަތް ލިބިގެން ކަމަށާއި އަދި އޭނާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ފުރުސަތު ދީފިނަމަ، މިފަހަރު ވެސް އޭނާ އެނބުރި ރާއްޖެއަށް ނުގެނެވިދާނެކަމުގެ އިހުމާލު އޮތްކަން ކްރިމިނަލް ކޯޓަށް ތަސައްވަރު ކުރެވެން ޖެހޭނެ ކަމަށެވެ.
އެހެންކަމުން އެންމެ ޑޮކްޓަރެއްގެ ބަހަށް އެކަނި ބަލައި ރާއްޖޭން ބޭރުން އަލީ ވަހީދަށް ބޭސްފަރުވާ ހޯދުމަށް ފިޔަވަޅެއް އެޅުމެއް ނެތި، މުތުލަގު ގޮތެއްގައި އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަކީ ބަަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޖަމިއްޔާތަކުގެ ބަޔާނުގައިވެ އެވެ.
މިފަދަ ބޮޑު ޖިނާއީ މައްސަލައެއްގައި ޖާމިނުވާ ފަރާތެއް ބެހެއްޓުމުން ޕާސްޕޯޓު ދޫކޮށްލުމަކީ، މީގެ ކުރިން ކޯޓުން އަމަލުކޮށްފައިވާ އުސޫލަކަށް ނުވާއިރު، މި މައްސަލައިގައި އެފަދައިން އަމަލު ކޮށްފައިވުމަކީ އަންހެނުންނަށް ކުރާ ޖިންސީ އަނިޔާ އަދި ރޭޕުގެ ކުށްތަކުގެ މައްސަލަތަކަށް އިންސާފު ނުލިބިދާ މިންވަރަށް ބަލައި، މިފަދަ މައްސަލަތަކުގެ އިންސާފު ގާއިމުކުރުމަށް އެޅިގެންދިޔަ ނުހަނު ބޮޑު ހުރަހެއް ކަމަށް ވެސް އެ ޖަމިއްޔާތަކުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު