ރާއްޖޭގައި ގާނޫނަށް ވުރެ މަތީގައި ބަޔަކު އުޅެނީތޯ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ސުވާލު އުފައްދަވައިފިއެވެ.

މިނިސްޓަރު މަލީހު އެ ސުވާލު އުފެއްދެވީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ވެއްދުމުން މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓްރީން ކުރި ބައެއް މަސައްކަތްތައް ދައްކުވައިދޭ ޑޮކިއުމެންޓެއްގެ ފޮޓޯއަކާއެކު ކުރެއްވި ޓުވީޓުގައި މިނިސްޓަރު މަލީހު ވިދާޅުވީ، އަސާސެއް ނެތް ކަމެއްގައި އަދަބު ދޭން އުޅުމަކީ ދުސްތޫރާ ހިލާފުކަމެއް ކަމަށާއި މަގާމުގެ މަސްއޫލިއްތުގެ ދަށުން ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ ކަމަށެވެ.

"އަސާސެއް ނެތް ކަމެއްގެ އިލްޒާމު އަޅުވާ އަދަބުދޭން އުޅުމަކީ ދުސްތޫރާ ހިލާފުކަމެއް. މިނިވަން ސީއޭއެމްގެ ބޯޑް އަދި މުވައްޒަފުންނަށް ޝުކުރިއްޔާ. ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ. ގާނޫނަށްވުރެ މަތީގައި މިގައުމުގައި ބަޔަކު އުޅެނީތޯ؟." މަލީހުގެ ޓުވީޓުގައިވެއެވެ.

މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ވެއްދީ އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިގެން ފިޔަވަޅު އެޅުމުގެ ކުރިން އެކަން ސިޓީއަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާނެ ކަމަށް އާޒިމް ވަނީ މިދިޔަ ޑިސެމްބަރު މަހު ވިދާޅުވެފައެވެ.

އާޒިމް އޭރު ވިދާޅުވީ، މިހާރު އޮތް ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އެމްޑީޕީ ޓިކެޓުގައި އިންތިހާބު ކާމިޔާބު ކުރައްވައިގެން ވަޑައިގެން ހުންނެވި ބޭފުޅަކަށްވާތީ، ރައީސަށް އެ ވާހަކަ ނުދަންނަވައި އެމަނިކުފާނުގެ ކެބިނެޓްގެ މެންބަރަަކަށް ކަމެއް ކުރުން ނުވަތަ މަގާމުން ވަކިކުރުން އެއީ ކުރާކަމެއް ނޫން ކަމަށެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، ރާއްޖޭގައި އިންޓަނެޓުގެ އަގު ހެޔޮ ނުވާ މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން މަޖިލީހުގެ ބައެއް މެންބަރުން އިއްޔެ ގޮވާލާފައިވަނިކޮށެވެ.