ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކު ދޭ "ރެހެންދި އެވޯޑު"އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރެހެންދި އެވޯޑަކީ ގައުމީ ތަރައްގީގައި ފާހަގަކޮށްލެވޭ ހިއްސާއެއް އޮވެ، ގައުމަށް ބޮޑެތި ލާބަޔާ މަންފާ ލިބޭ ހިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަދި އަންހެނުން ކުރިއަރުވަން މަސައްކަތްކުރާ ފިރިހެނުންގެ އަދި ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދޭ އެވޯޑެކެވެ.
ޖެންޑާ މިނިސްޓރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 28 ވަނަ ދުވަސް ކަމަށެވެ. އެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އޭގެ އިތުރުން މުއައްސަސާ، އޮފީސް، ކުންފުނިތަކުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، މިއަހަރު އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ އުސޫލާއި ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީންނާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުތަކުން ވެސް ފޯމު ލިބެން ހުންނަނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00އަށް، ޖެންޑާ މިނިސްޓްރީންނާއި މިނިސްޓްރީގެ އީމެއިލް އިންނެވެ.
މިދިޔަ އަހަރު ހަތް ފަރާތަކަށް ވަނީ ރެހެންދި އެވޯޑު ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު