ހަރާމް ހަލާލު ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުން ލިބޭނެ ބާރެއް ނޫން ކަމަށް ވިދާޅުވެ، މަޖިލިސް މެމްބަރުން ސައިޒް އޮޅިގެން ނޫޅުއްވުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ގޮވާލައްވައިފިއެވެ.

ޑރ އިޔާޒް މިހެން ވިދާޅުވީ، މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރެއްގައި މިއުޒިކްގެ ފަންނު އިތުރަށް ތަރައްގީކޮށް ޒުވާނުން މިއުޒިކް އަޑުއަހާލައި ރައްޓެހިންނާ ބައްދަލުކޮށް ސަމާސާކޮށްލާ ހަދާނެ މަރުކަޒެއް ގާއިމުކޮށްދޭން ގޮވާލެއްވުމުންނެވެ. އެ ގަރާރާ ގުޅިގެން މަޖިލީހުގެ ގިނަ މެމްބަރުން ވަނީ މިއުޒިކަކީ ހަރާމް އެއްޗެއްކަން ކަނޑަނޭޅޭނެ ކަމަށް ވިދާޅުވެ ބަހުސް ކުރައްވައިފައެވެ.

އެކަމާ ގުޅިގެން ޑރ. އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ މަޖިލިސް މެމްބަރަކަށް ވުމުން ލިބޭ ބާރެއް ނޫން ކަމަށާއި މެމްބަރުން ސައިޒް އޮޅިވަޑައިގެން ނޫޅުއްވުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން އެޕާޓީގެ ރޫހާނީ ލީޑަރާއެކު މަގުފުރެދި، ހަލާކުވާން ބޭނުންވިޔަސް އެކަމުގެ ތެރެއަށް އެހެން މީހުން ނުވެއްދުމަށެވެ.

އެކަމާ ގުޅިގެން ޝައިިހު އިލްޔާސް ހުސައިން ވެސް މިއަދު ވަނީ ޓުވީޓެއް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ މާގާމަށް އާދެވި ބާރު ލިބުނު ދުވަހު ދިވެހި ރައްޔިތުންގެ އަޑުނާހައި ދީނަށް ގޮންޖެހުމުގެ ނަތީޖާ މާޒީގައި ވެސް ފެނިފައިވާ ކަމަށެވެ.

މާތް ﷲ ގަންދީ ހުވާކޮށްގެން ތިއްބަވައި ދީނާ ޗެލެންޖް ކުރެވޭނެ ކަމަށް ހީފުޅުކުރައްވާ މެންބަރުންނަށް ކަމަށް ވިދާޅުވެ އޭނާ ވަނީ ހަދީސެއް ވެސް ޝެއާ ކުރައްވައިފައެވެ.

މިއަދު މަޖިލީހަށް ހުށަހެޅުނު ގަރާރަށް ވާހަކަދައްކަވަމުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ރޮކް މިޔުޒިކަކީ ހަރާމް އެއްޗެއްކަމާއި އެ މިއުޒިކް މަނާ ކުރަން ޖެހޭނެ ކަމަށް ބުނެ ދީނީ އިލްމުވެރިޔަކު ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެއީ ދެއްކޭނެ ވާހަކައެއް ނޫން ކަމަށާއި މިއުޒިކަކީ މަނާ އެއްޗެއްކަމަށް ދީނީ އިލްމުވެރިއަކަށް ނުބުނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އެ ވާހަކަތަކަކީ އިސްލާމް ދީން ހަތިޔާރަކަށް ބޭނުންކޮށްގެން ބަޔަކު ކުރާކަމެއް ކަމަށެވެ. އަދި އެއީ މިއުޒިކު ކުޅޭ ފަރާތްތަކާ ދެކޮޅަށް ހިންގާ އެންޓި ކެމްޕެއިނެއް ކަމަށާއި އެކަމަށް ދައުލަތުން ޖާގަ ދީގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.