ނައިބު ރައީސް ފައިސަލް ނަސީމް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސް މިއަދު ހަވީރު ސެނަހިޔާ ހޮސްޕިޓަލަށް ވަޑައިގެން، ކޮވިޝީލްޑް ވެކްސިން ޖައްސަވާފައިވާ ކަމަށެވެ. އަދި ވެކްސިން ޖެއްސެވުމަށްފަހު އެމަނިކުފާނު ވަނީ ގައުމީ ރޫހު އިސްކޮށް، ހުރިހާ ދިވެހި ރައްޔިތުން ވެސް މިކަމުގައި ބައިވެރިވެ، ވެކްސިން ޖެއްސެވުމަށް އެދިވަޑައިގެންފައެވެ.
ނައިބު ރައީސްގެ އިތުރުން ދައުލަތުގެ ތިން ބާރުގެ ވެރިންވެސް ވަނީ ކޮވިޑް ވެކްސިން ޖައްސަވައިފައެވެ. އެގޮތުން ކޮވިޑް ވެކްސިން ޕްރޮގުރާމު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާނު ވަނީ ވެކްސިން ޖައްސަވައިފައެވެ. އަދި ސަރުކާރުގެ ބައެއް ވަޒީރުންވެސް ވެކްސިން ޖެއްސެވިއެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އިއްޔެގެ ނިޔަލަށް ރާއްޖޭގައި 9،752 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ. އިއްޔެވެސް ވަނީ 2،898 މީހަކަށް ވެކްސިން ދީފައެވެ.
މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލް އަދި ސޯޝަލް ސެންޓަރުގެ އިތުރުން ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފައެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.
އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 5000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެއެވެ. އަދި ރާއްޖެއަށް ފައިޒާ ވެކްސިން ގެންނަންވެސް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު