ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެންބަރުން ވަކިން ތިއްބަވާގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ތިއްބަވާ ތަރުތީބަށް ބަދަލު ގެނައުމުގެ ބަހުސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މަޖިލިސް ޖަލްސާގައި މެންބަރުން ތިއްބަވާ ތަރުތީބަށް ބަދަލު ގެނައުމަށް، ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މީގެ ކުރިން ވަނީ ފާސްކޮށްފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވައިގެންނެވެ.
ނަމަވެސް ކޮމިޓީން އެ ބަދަލު ގެންނަން ފާސްކުރީ، ރައްޔިތުންގެ މަޖިލީހުގެ ވޭތުވެދިޔަ އަހަރުގެ ފަހު ދައުރުގައި ކަމުން، އޭރު މަޖިލީހުގައި ކޮންމެހެން ނިންމަންޖެހޭ ބިލުތަކެއް ހުރުމުން އެކަމަށް ބަހުސް ކުރުމަށް މަޖިލިސް ތަޅުމަށް ގެނެސްފައެއް ނުވެއެވެ.
އެ ބަދަލު ގެނައުމަށް އާންމު ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސްގައި ދެގޮތަކަށް ބަދަލު ގެނައުމަށް މެންބަރުން ވާހަކަދެއްކެވިއެވެ. އޭގެ ތެރެއިން އެއްްގޮތަކީ ޕާޓީތައް ވަކިން ޖަލްސާގައި ތިބެން ޖެހޭގޮތަށް ބަދަލު ގެނައުމެވެ. އަނެއް ގޮތަކީ، ހާ ށަވިޔަނީގެ ތަރުތީބުން އއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް ގެންނަ ތަރުތީބުން ގޮނޑިތައް އަތުރައިގެން ބަދަލު ގެނައުމެވެ.
އެ ދެގޮތަށް މެންބަރުން ބަހުސްކުރެއްވުމަށްފަހު، މެންބަރުން ފާސްކުރެއްވީ ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަކިން ތިއްބަވާ ގޮތަށެވެ. ހަމަ އެގޮތަށް އަމިއްލަ މެންބަރުންވެސް ވަކިން ތިއްބަވާ ގޮތަށެވެ.
ނަމަވެސް އެ ޕާޓީއަކަށް ކަނޑައަޅާފައިވާ ގޮނޑިތަކުގައި މެންބަރުން ތިއްބަވާ ތަރުތީބު ކަނޑައަޅާނީ އެ ޕާޓީއެއްގެ ޕާލަމެންޓަރީ ގްރޫޕަކުން ކަމަށްވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.
މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ، އާންމު ކޮމިޓީން އެ މަސައްކަތް ނިންމުމަށްފަހު، އެކަމަށް މަޖިލީހުން ގޮތެއް ފާސްކުރުމަށް، މަޖިލީހަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރުމަށެވެ.
ޚަބަރު
ޚަބަރު