ޚަބަރު

ނޫސްވެރިންނަށް މަސައްކަތުގެ މާހައުލުގައި ދިމާވާ ދަތިތައް ހިއްސާކުރުމަށް އެދިއްޖެ

އަލީ ޔާމިން

ނޫސްވެރިންނާއި މީޑިއާ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ދިމާވާ ދަތިތައް ހިއްސާކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އެދިއްޖެއެވެ.

އެމްއެމްސީން މިއަދު ބުނީ ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި އެ މިނިވަންކަމަށް އުނިކަން އަންނަ ކަންކަން ބަލައި އެކަންކަމުގައި ފިޔަވަޅު އެޅުމަކީ އެ ކައުންސިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މީޑީއާތަކާ ވީހާވެސް ގާތުން މަސައްކަތްކޮށް މީޑިއާތައް ކުރިއެވުމަށް މަސައްކަތް ކުރުމަކީ އެ ކައުންސިލުގެ މަގުސަދެއް ކަމަށް އެމްއެމްސީން ބުނެއެވެ.

މީގެ އިތުރުން އެމްއެމްސީން ބުނީ، ނޫސްވެރިންނާއި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ދިމާވާ ދަތިތަކަކީ ކޮބައިކަން ބަލައި، އެފަދަ ކަމެއް އޮތްނަމަ އެކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމަށް އެ ކައުންސިލުން އަބަދުވެސް ބޭނުންވާ ކަމަށެވެ.

"ވީމާ މިފަދަ ކަމެއްވާނަމަ އެ މައުލޫމާތު މި ކައުންސިލާ ހިއްސާކުރުމުގެ ފުރުސަތު ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. އަދި މިފަދަ އެއްވެސް ކަމެއް އޮތްނަމަ މި ކައުންސިލުގެ އީމެއިލް އެޑްރެސް [email protected] އަށް ހިއްސާކޮށްދެއްވުމަކީ މި ކައުންސިލުގެ އެދުމެކެވެ..،" އެމްއެމްސީން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ބޭނުންނަމަ 7967919 ފޯނަށް ގުޅުމަށް އެމްއެމްސީން އެދެއެވެ.