އަމިއްލަ ފަރާތްތަކުގެ އެކައުންޓުގައި ހުރި ޑޮލަރު ސަރުކާރަށް ނެގުމަކީ ކުރާނެކަމެއް ނޫން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އަމިއްލަ އެކައުންޓުތަކުގައި ހުރި ޑޮލަރު ސަރުކާރަށް ނަގަން އުޅޭކަމަށް ތުހުމަތުކޮށް އޮންލައިން ނޫހެއްގައި މިއަދު ވަނީ ރިޕޯޓެއް ޝާއިއުކޮށްފައެވެ. އެ ރިޕޯޓުގައި ވަނީ ސަރުކާރުން ތަންފީޒު ކުރަން އުޅެނީ މައިގަނޑު ދެ ސިޔާސަތެއް ކަމަށާއި އެއީ އަމިއްލަ ފަރާތްތަކުގެ އެކައުންޓުގައި ހުރި ޑޮލަރު، ދިވެހި ރުފިޔާއަށް ބަދަލުކުރަން މަޖުބޫރު ކުރުވުމާއި އަމިއްލަ އެކައުންޓުތަކުގައި ހުރި ޑޮލަރު ވަކި މުއްދަތެއް ވަންދެން ނުނެގޭ ގޮތަށް ހެދުން ކަމަށެވެ.

އެ ރިޕޯޓުގައި ހުރި ވާހަކަތައް ދޮގުކޮށް އެމްއެމްއޭ އިން މިއަދު ބުނީ އަމިއްލަ އެކައުންޓުގައި ހުރި ޑޮލަރު ސަރުކާރަށް ނެގުމަކީ އެއްވެސް އިރެއްގައި އެ އޮތޯރިޓީން ކުރާނެ ކަމެއް ނޫން ކަމަށެވެ.

އެމްއެމްއޭއިން ބުނީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ގާނޫނީ އޮނިގަނޑު އިސްލާހު ކުރުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށާއި އެ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭރު ފައިސާ ހޯދުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖެއަށް ބޭނުންވާވަރަށް ޑޮލަރު ލިބުނު ނަމަވެސް، ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ. ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރާއްޖޭގެ އިގުތިސޯދުގެ ތެރޭގައި ދައުރުކުރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަރުކާރުން ކުރަންޖެހިފައި އޮތް ކަމެއް ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވާ ވަރަށް ދަތިނުވެ ޑޮލަރު ލިބޭނެގޮތް ހެދުމަށްޓަކައި ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑުގެ ސަބަބުން ބޭރު ފައިސާގެ އާމްދަނީ ދަށްވެ، އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހޯދުމުގައި އާއްމުންނަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ދަތިވި ކަމަށެވެ. އެކަން ހައްލުކުރުމަށް ބޭންކުތައް މެދުވެރިކޮށް، ފޮރިން އެކްސްޗޭންޖް ބާޒާރަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އެމްއެމްއޭއިން މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އިތުރުކުރި ކަމަށް ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދަކީ ޒަމާނުއްސުރެ ވަރަށް ބޮޑަށް ޑޮލަަރައިޒް ވެފައިވާ އިގުތިސާދެއް ކަމަށާއި އިގުތިސާދު މިހާރު ހުރި ވަރަށް ޑޮލަރައިޒްވެފައި އޮތުމުން ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އަދި އެކަން ބަދަލުކުރުމަށް ކުރަން ޖެހޭ ކަންކަން ރާވައި އެކަންކަން ކެބިނެޓަށް ހުށަހެޅުމުން ކެބިނެޓުގެ އެންޑޯޒްމެންޓްވެސް މިހާރު ލިބިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.