މެންޗެސްޓާ ޔުނައިޓެޑުން ތާވަލުގެ ދެވަނައިގައި މިވަގުތު އޮތް ނަމަވެސް، އެޓީމަކީ ލީގަށް ވާދަކުރާ ޓީމެއް ކަމަށް ނުބުނެވޭނެ ކަމަށް ކޯޗު އޮލެ ގުނަ ސޮލްސްޖާ ބުނެފިއެވެ.

ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑް ހިތްދަތިވެގެން ދިޔައީ ފަހު ސިކުންތުގައެވެ. 3-2ގެ ނަތީޖާއަކުން މޮޅުވާން ދަނިކޮށް، އެވަޓަންއިން ނަތީޖާ ހަމަހަމަ ކުރީ އެންމެ ފަހު ސިކުންތުގައި ޑޮމިނިކް ކަލްވާޓް ލެވިން ޖެހި ގޯލާއެކުއެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑުން ދެ ގޯލްގެ ލީޑެއް ނެގި ނަމަވެސް، އެވަޓަންއިން ދެވަނަ ހާފްގެ ކުރީކޮޅުގައި ނަތީޖާ ހަމަހަމަ ކުރިއެވެ. 2-2 ގައި އޮއްވައި މެކް ޓޮމިނީގެ ގޯލުން ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑު ނެގި ނަމަވެސް، މެޗު ނިންމާލަން ޖެހުނީ ޕޮއިންޓަކާ އެކުގައެވެ.

ޔުނައިޓެޑުން މިވަގުތު ތާވަލުގެ ދެވަނައިގައި އޮތީ 23 މެޗުން 45 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި މެންޗެސްޓާ ސިޓީ 21 މެޗުން 47 ޕޮއިންޓާއެކު އޮތްއިރު، ތިންވަނައިގައި އޮތީ ލެސްޓާ ސިޓީއެވެ. އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.

ރޭގެ މެޗަށްފަހު ސޮލްސްޖާ ބުނެފައި ވަނީ ރަނގަޅު ފުޓުބޯޅައެއް ޓީމުގެ ފަރާތުން ފެނުނު ނަމަވެސް، ޓީމުގެ ގޯލަށް އަމާޒުކޮށް އެވަޓަންއިން ފޮނުވާލި ތިން ހަމަލާވެސް ގޯލަށް ވަނުމަކީ ބޮޑު މާޔޫސްކަމެއް ކަމަށެވެ. ރޭގެ މެޗުގައި ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް އަނިޔާވެ ބާލަން ޖެހުމާއެކު މެދުތެރެއިން އެވަޓަންއިން ކޮންޓްރޯލް ހޯދައި ކުޅެން ފަށާފައިވާއިރު، ސޮލްސްޖާ ބުނެފައި ވަނީ ޕޮގްބާ ބާލަން ޖެހުމަކީ އުނދަގޫތަކެއް ކުރިމަތިވި ކަމެއް ކަމަށެވެ.

"ފަހު ސިކުންތު ކޮޅަށް ގޯލެއް ވަނުމަކީ މާޔޫސްވާ ކަމެއް. އަދި އަމުދުން ހޯމް މެޗެއްގައި އެކަހަލަ ގޮތަކަށް މޮޅެއް ނުލިބި ދިޔުމަކީ ލިބުނު ހިތްދަތިކަމެއް. ތަށި ހޯދުމުގެ ވާހަކަ ދައްކާކަށް އަދި ނުވޭ. އަދި އެހިސާބަށް ދާން ވަރަށް ދުވަސް ނަގާނެ. ވަގުތުވެސް ނަގާނެ. ލީގަށް ވާދަކުރާ ޓީމެއް ގޮތުގައި ޔުނައިޓެޑް ސިފަކޮށްގެންވެސް ނުވާނެ. އެއީ މީޑިއާއިން ދައްކާ ވާހަކައެއް. އެހިސާބަށް އުންމީދުތަކެއް ނުގެންދާނަން،" ސޮލްސްޖާ ބުނެފައިވެއެވެ.

ޔުނައިޓެޑުން ދެން ކުޅޭނީ ޔޫރޮޕާ ލީގު މެޗެކެވެ. ނޮކްއައުޓް ބުރުގެ ފުރުތަމަ މެޗުގެ، ފުރަތަމަ ލެގުގައި އެޓީމުން ނުކުންނާނީ ރެއާލް ސޮސިއެދާދާ ދެކޮޅަށެވެ.