އަނިޔާވެރި ކަން ނިމުމަކަށް ގެނެސް އިންސާފު ގާއިމް ކުރުމަށް، އަމިއްލައަށް މަސަސްކަތްކޮށްގެން، ގެނައި އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ބޮޑު ބޭއިންސާފަކާ ހިތްދަތިކަމެއް ދީފައި ވަނީ އޭނާއަށް ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
ޖެންޑާ މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވިތާ މިއަދަށް އެއްއަހަރުދުވަސް ފުރުން ފާހަގަ ކުރައްވައި، ކުރެއްވި ޕޯސްޓެއްގައި ޝިދާތާ ވިދާޅުވީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން މި ސަރުކާރު ގެންނަން އެކަކަށް އެންމެ ބުރަ މަސައްކަތް ކުރެއްވި މީހަކަށް އޭނާ ވާނެ ކަމަށެވެ.
"ސަރުކާރު ގެނައީ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ގާއިމް ކުރުމަށް، އެހެނަސް އަމިއްލައަށް ގެނައި ސަރުކާރުގެ އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތި ކަމަކާ ކުރިމަތިލީ މީހަކަށް ވާނެ އަޅުގަނޑު،" ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ މި ވެރިކަން ގެނައުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން ކޯލީޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ ލީޑަރުންގެ ހައްގުގައި ބިރެއް ނެތި ވަކާލާތު ކުރެއްވި ކަމަށެވެ. ނަމަވެސް މިއަދު މަގުމަތިކޮށް ބާކީކޮށް ހުރުމަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވާހެން ކޯލީޝަންގެ ހުރިހާ ލީޑަރުން ލަދުގަންނަން ޖެހޭ ކަމެއް ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.
"އެހެނަސް ސިޔާސީ ގޮތުން ފަހަތަށް ޖެހުމުގެ ވިސްނުމެއް ނެތް،" ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.
މީގެ އެއް އަހަރު ކުރިން ޖެންޑާ މިނިސްޓަރު ކަމުގެ މަގާމުން ޝިދާތާ އިސްތިއުފާ ދެއްވީ ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭ ގ. ނީރުވީކް އަހުމަދު ހިޝާންގެ ބެލުމުގެ ދަށުގައި ހާއްސަ އެހީއަށް ބޭނުންވާ ޒުވާނަކު ހުރި މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް ބުނެ ޝިދާތާގެ އިސްތިއުފާއަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ގޮވާލައްވާފައި ވަނިކޮށެވެ.
އެ މައްސަލައިގައި ޝިދާތާގެ އިތުބާރު ނެތްކަމަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫގައިވެސް އޭރު އޮތީ މަޝްވަރާ ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު