ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާއެކު ޑޮލަރުގެ މައްސަލައަށް އެއްކޮށް ހައްލެއް ލިބި ކޮންމެ މީހަކަށްވެސް 15.42 ގެ ރޭޓުން ޑޮލަރު ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދާ "ރިޔާސީ ބަޔާން" ހާއްސަ ކަވަރޭޖުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

އަމީރު ވިދާޅުވީ މަރުކަޒީ ބޭންކު އެމްއެމްއޭ އާއެކު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާއި މިހާރު މި މަޝްވަރާތަކުގެ ތަފްސީލު ކެބިނެޓަށް ހުށަހަޅައި އެންޑޯޒް ވެސް ކޮށްފައިވާ ކަމަށެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ 15.42 ރުފިޔާގެ އަގުގައި ޑޮލަރު ގަންނަން ކަމަށާއި ސަރުކާރުން މިހާރު ގެންނަން ނިންމާފައިވާ ބަދަލާއެކު އެ އަގުގައި ކޮންމެ މީހަކަށްވެސް ޑޮލަރު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މިހާރު ހޯދަން ބޭނުންވާ ޔަގީން ކަމަކީ 15.42ރ. އަށް ޑޮލަރު ލިބޭނެކަން ކަމަށާއި މިހާރުގެ މަސައްކަތުން އެ ޔަގީންކަން ލިބޭނެ ކަމަށް އުންމީދު ކުރެއްވޭ ކަމަށެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ޑޮލަރައިޒް ކޮށްގެން ނޫނީ، ރާއްޖޭގައި އިންޑެޕެންޑެންޓް މާލީ ސިޔާސަތެއް ހިންގެން ނެތް ކަމަށާއި އެހެން ކަމުން ބޭރުގެ ފަރާތްތަކުންވެސް ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ވަރަށް ބޮޑަށް ލަފާ ދެމުން އަންނަ ކަމަށެވެ.

ޑޮލަރުގެ ކަޅު ބާޒާރުގެ ސަބަބުން ރާއްޖެއަށް ގިނަ މައްސަލަ ތަކެއް ކުރިމަތިވެ އެވެ. މި މައްސަލައިގެ ސަބަބުން ރާއްޖޭގައި މުދަލުގެ އަގުތައް މަތި ވެގެން ދެ އެވެ.