އައްޑޫ ސިޓީ، ހުޅުދޫގެ ބޮމާފަންނަށް އާދަޔާ ހިލާފު ކަނދުފައްޗެއް ލައްގައިފިއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން އައްޑޫ ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުކުރީ ވިދާޅުވީ، ބެލެވޭ ގޮތުގައި އެ ކަނދުފަތި ލެއްގީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް ކަނދުފަތި ލައްގާފައި އޮއްވައި ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ވިދާޅުވިއެވެ.
ޝުކުރީ ވިދާޅުވީ، އެ ކަނދުފައްޗަކީ އޮނާއި ފުޅިމަދު ބޭނުންކޮށްގެން ހަދާފައިވާ ކަނދުފައްޗެއް ކަމަށެވެ.
"އެންމެ ދަށުގައި މިހުރީ ފުޅިމަދު. ދެން އޭގެ މައްޗަށް މިހުރީ ހަތަރު އިންޗި ފުޅާ މިނުގެ ފަލަ އޮނު ފަށަލައެއް. ދެން އޭގެ މައްޗަށް އެއްޗެހި އަޅާފައި އަނެއްކާވެސް މިހުރީ އޮނު ފަށަލައެއް. އެގޮތަށް ތިން ފަށަލަ ހުރި." ޝުކުރީ ވިދާޅުވިއެވެ.
ޝުކުރީ ވިދާޅުވީ، އެ ކަނދުފަތީގައި ކުޑަވަރެއްގެ ހިޔާވެވޭ ގޮތަށް ކުޑަވަރެއްގެ ގެގަނޑެއް ހަދާފައިވާ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ކަނދުފަތިން ވަނީ ބުދު ދީނުގެ މީހުން އަޅުކަން ކުރަން ގެންގުޅޭ ޒާތުގެ ބައެއް ކަހަލަ ތަކެއްޗާއި ބައެއް ކަހަލަގެ މާ ފެނިފައެވެ. އަދި ކަނދުފަތި ލައްގާފައި އޮތް ސަރަހައްދުން ވަނީ އިސްތަށިގަނޑެއްވެސް ފެނިފައެވެ.
"ކަނދުފަތި ތެރޭގައި ކޮންމެވެސް ވަރަކަށް ލޭވެސް ހުރި،" ހުޅުދޫން "ވަން"އާ ވާހަކަދެއްކި މީހަކު ބުންޏެވެ.
އެ ކަނދުފަތީގެ ހަތަރު ކަނުގައި ވަނީ ރޮމޭނިއާގެ ދިދަ ނަގައިފައެވެ.
"ވަން" އަށް މައުލޫމާތުދެމުން ފުލުހުން ބުނީ، ހުޅުދޫ ބޮމާފަންނު ސަރަހައްދަށް މިއަދު ލެއްގި ކަނދުފަތި ބަލައި ފާސްކުރުމަށްފަހު އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު