އިންޑިއާގެ ފަރާތުން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ ލައިން އޮފް ކްރެޑިޓް(އެލްއޯސީ)ގެ ދަށުން ހިންގަން ނިންމާފައިވާ ބިޔަ ފަސް މަޝްރޫއެއްގެ ކޮންޓްރެކްޓް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލު ކުރެވޭނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފިއެވެ.
އިންޑިއާގެ އެލްއޯސީގެ ދަށުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ހައި-ލެވެލް ވާޗުއަލް ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވާފައެވެ.
މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ރައީސް އޮފީސް އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގެ އިސް އޮފިޝަލުންނާއި އަލަށް އުފައްދާފައިވާ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓުގެ އޮފިޝަލުންނާއި ފޮރިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ، ހައުސިން މިނިސްޓްރީ، އަދި ހެލްތު މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އާއި އިންޑިއަން ހައި ކޮމިޝަން އަދި އިންޑިއާގެ އެގްޒިމް ބޭންކުގެ އިސް އޮފިޝަލުންނެވެ.
އެ ބައްދަލުވުމަށް ފަހު އިންޑިއާ އެމްބަސީން ނެރުނު ބަޔާނުގައި ބުނީ، އިންޑިއާގެ ތިން އެލްއޯސީއެއްގެ ދަށުން މުޅެއަކު 1240 މިލިއަން ޑޮލަރުގެ އަގުހުރި ނުވަ މަޝްރޫއުއެއް ދެގައުމު ގުޅިގެން މިހާރުވެސް އަންނަނީ ހިންގަމުން ކަމަށެވެ. މި މަޝްރޫއުތަކުގެ ތެރެއިގައި ގިނައީ ކަނެކްޓިވިޓީ އަދި އިންފްރާސްޓްރަކްޗާ ޑޮމެއިންގެ މަޝްރޫއުތަކެވެ. މީގެ ތެރެއިން ފަސް މަޝްރޫއުގެ ޓެންޑަރިން މަރުހަލާގެ މަސައްކަތް ދިވެހި ސަރުކާރުގެ މިނިސްޓްރީ އޮފް ފައިނޭންސްގެ ދަށުން ކުރަމުން އަންނައިރު ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މި މަޝްރޫއުތަކުގެ ކޮންޓްރެކްޓް ހަވާލުކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްބަސީން ބުންޏެވެ.
އެމްބަސީން ބުނީ، އިންޑިއާގެ އެލްއޯސީގެ ދަށުން ހިންގޭ ބޮޑު ފަސް މަޝްރޫއުގެ ކޮންޓްރެކްޓް ކުރިއަށްއޮތް 2-3 މަހުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އެގޮތުން ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއަށް ފަސް ކުންފުންޏެއްގެ ފަރާތުން ހުށައަޅާފައިވާ ބިޑްތައް ދިވެހި ސަރުކާރުން ދިރާސާކުރަމުން އަންނައިރު މިމަސް ނިމުމުގެ ކުރިން އެ މަޝްރޫއުގެ ކޮންޓްރެކްޓް ހަވާލު ކުރެވޭނެ ކަމަށް އެމްބަސީން ބުންޏެވެ.
އެމްބަސީން ބުނީ އައްޑޫ ސިޓީ ޑިވެލޮޕްމެންޓް މަޝްރޫއުގެ ކޮންޓްރެކްޓް މި މަސްތެރޭގައި ހަވާލު ކުރެވޭނެ ކަމަށާއި ބިން ހިއްކުމުގެ މަސައްކަތުގެ ޓެންޑާ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުޅުވާލާނެ ކަމަށެވެ.
ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާ ބައިނަލްއަގްވާމީ ކްރިކެޓް ސްޓޭޑިއަމް މަޝްރޫއުގެ ޓެންޑަރިން މަރުހަލާ ނިމުމުން ކޮންޓްރެކްޓް ހަވާލުކުރެވޭނެ ކަމަށްވެސް އެމްބަސީން ބުންޏެވެ. އަދި ގުޅީފަޅު ޕޯޓް މަޝްރޫއުގެ ޓެންޑާއަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން އެމްބަސީން ބުނީ ގްރޭޓާ މާލޭ ކަނެކްޓިވިޓީ މަޝްރޫއުގެ މިހާރު ކުރިއަށްދަނީ ޓެންޑަރިން މަރުހަލާ ކަމަށެވެ. އެ މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ 400 މިލިއަން ޑޮލަރުގެ އެލްއޯސީ އާއި 100 މިލިއަން ޑޮލަރުގެ ގްރާންޓް އެހީގެ ދަށުން ހިންގުމަށް ހަމަޖައްސާފައިވާ މަޝްރޫއެކެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ސްޓްރަކްޗާ ކުރެވިފައިވަނީ ހާމަކަން ބޮޑުކޮށް، 1.75 އިންސައްތަ އިންޓްރެސްޓް ހިމެނޭހެން، 5 އަހަރުގެ މޮރެޓޯރިއަމް އަކާއި އެކު، އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތަކާއި އެކުގައެވެ. އިންޑިއާ އެމްބަސީން ބުނީ އެ މަޝްރޫއުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް ދެމެހެއްޓެނިވި ކުރިއެރުން ލިބިގެންދާނޭ ކަމަށް އުންމީދުކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު