މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންގެ ތެރެއިން އަމިއްލަ ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކުން އެކަމަށް އެދި ފޯމު ހުށަހެޅުމަށް ޖެންޑާ މިނިސްޓްރީން ހުޅުވާލައިފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ "ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމް" ގެ ދަށުން އެކަމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
އެ ފޯމު ޖެންޑާ މިނިސްޓްރީންނާއި އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ. އަދި އެ ފޯމު ހުށަހަޅަން ޖެހޭނީ ބަދަލުވާން އެދޭ ރަށެއްގެ ރަށު ކައުންސިލަށެވެ.
މި ޕްރޮގްރާމުގެ ދަށުން އަހަރަކު 500 އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި މާލީ އެހީގެ ގޮތުގައި އަހަރެއްގެ މައްޗަށް 26.7 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެއީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ބަދަލުވުމަށާއި ދެވަނަ ފިޔަވަހީގައި އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން އަމިއްލަ ރަށަށް ބަދަލުވުމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ރަށަށް ބަދަލުވާ ކޮންމެ އައިލާއަކަށް ހަ މަސް ވަންދެން ފައިސާގެ އިނާޔަތްދޭނެއެވެ. އެއީ މަހެއްގެ މައްޗަށް 3000 ރުފިޔާއެވެ. އަދި 20،000 ރުފިޔާއަށް ވުރެ މަތި ނޫން ލޯނެއް އިންޓަރެސްޓެއް ނެތި ދޫކުރާނެއެވެ. އެ ލޯން ތިން އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު އޮންނާނެއެވެ.
މި ޕްރޮގްރާމްތަކަށް މީހުން ހޮވުމަށް އެންމެ އިސްކަމެއް ދެވިގެންދާނީ ބޮޑެތި އާއިލާތަކާއި ކުޑަކުދިން ގިނަ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނޭ އާއިލާތަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ބަަދަލުވާ ރަށުގައި ބޯހިޔާވަހިކަން ހަމަޖެހިފައިވާ ފަރާތްތަކަށާއި ހަމަޖެއްސޭނެ ފަރާތްތަކަށް އިސްކަން ދެވިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު