ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން ދިރާގުން ފޯރުކޮށްދޭ ހިދުމަތްތަކާއި ބިލްތަކަށް ފައިސާ ދެއްކުމުގައި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ބޭނުންކުރުމަށް އެކުންފުނިން އެދެފިއެވެ.

ދިރާގުން ބުނީ ކޮވިޑްގެ ތިންވަނަ ރާޅު ރާއްޖެއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހިދުމަތްތައް ހޯދުމަށާއި ބިލްތަކަށް ފައިސާ ދެއްކުމަށް ދިރާގު "މައިއެކައުންޓް" އަދި ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ހިދުމަތްތައް ބޭނުން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

މައިއެކައުންޓް މެދުވެރިކޮށް އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑާއި މޮބައިލް ޕެކޭޖްތަކުގެ ޔޫސޭޖް ތަފްސީލު ބަލައި ބިލްތައް ދެއްކުން ހިމެނެއެވެ. އަދި ހިދުމަތްތަކަށް އެދެން ކަސްޓަމާ ކެއާ ސެންޓަރުތަކަށް ދިއުމުގެ ބަދަލުގައި މައިއެކައުންޓުން އޮންލައިންކޮށް އެޕްލައި ކުރެވޭނެއެވެ.

ދިރާގުން ބުނީ ކަސްޓަމާ ސާވިސް ސެންޓަރުތައް މިހާރު ހުޅުވިފައިވީ ނަމަވެސް ކަސްޓަމަރުންނަށް ހިދުމަތް ދެވޭނީ ކުރީބައިގައި އެޕޮއިންޓްމެންޓެއް ހައްދައިގެން ކަމަށެވެ.

އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ކޮންމެ ދުވަހަކުވެސް ކަސްޓަމާ ސާވިސް ސެންޓަރުތަކުން ހިދުމަތް ދެވޭނީ ވަކި އަދަދެއްގެ ކަސްޓަމަރުންނަށް ކަމަށެވެ. އެ ސްލޮޓުތައް ދިނުމުގައި އިސްކަން ދޭނީ އާ ކަސްޓަމަރުންނަށް ކަމަށްވެސް އެކުންފުނިން ބުންޏެވެ.