މާރާމާރީ

ރޭގެ މާރާމާރީގައި އަނިޔާ ލިބުނު އެކެއްގެ ސިކުނޑިއަށް ވަނީ ލޭ އެޅިފައި، ފަރުވާދެނީ އައިސީޔޫގައި

ރިފާ ހަލީލު

މާލޭގައި ރޭ ހިންގި މާރާމާރީތަކުގައި އަނިޔާވި އެކެއްގެ ހާލު ސީރިއަސް ވެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފި އެވެ.

މާލޭގައި ރޭ ހަތަރު މާރާމާރީއެއް ހިންގާފައިވާއިރު ހަ މީހަކަށް ވަނީ އަނިޔާވެފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މާރާމާރީތަކާއި ގުޅިގެން ފަރުވާ އަށް އެ ހޮސްޕިޓަލަށް ފަސް މީހަކު ގެންދިޔަ ކަމަށާއި އޭގެ ތެރެއިން ދެ މީހަކު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. މިހާރު ހޮސްޕިޓަލުގައި ތިން މީހަކަށް ފަރުވާ ދެމުން އަންނަ އިރު އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލު މިވަގުތު ހާމަ ކުރެވެން ނެތް ކަމަށެވެ.

ވަން އަށް އެގިފައިވާ ގޮތުގައި ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ މީހާގެ ބޮލަށް ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ.

ރޭ އިރާކޮޅުން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ މާރާމާރީ ހިންގާފަ އެވެ. އެގޮތުން ރޭ 7:35 ހާއިރު ހެންވޭރުގައި ހުންނަ ސަލްމާން މިސްކިތް ކައިރީގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މި މާރާމާރީގެ މާ ބޮޑު ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ރޭ މާލޭގެ އަސަރީ ގޯޅީގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލާފައިވާ ކަމަށެވެ. މި މާރާމާރީ ހިންގާފައިވަނީ ރޭ 9:15 ހާއިރު ކަމަށާއި މި މާރާމާރީގައި 36 އަހަރުގެ މީހަކަށް އަނިޔާވެ އެމީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ރޭ ވިލިމާލޭ ފެރީ ޓާމިނަލް ކައިރިން ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައި ތިން މީހަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކަށް އޭޑީކޭގައި ފަރުވާ ދިން ކަމަށާއި އަނެއް ދެ މީހުންނަށް އައިޖީއެމްއެޗުގައި ފަރުވާ ދިން ކަމަށެވެ. ރޭ 11:26 އެހާކަންހާއިރު ހިނގި މި މާރާމާރީ އާ ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި މީގެ ތެރޭގައި ކުޑަ ތިން ކުދިން ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރޭ ދަންވަރު 1:32ގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލާފައިވާ ކަމަށާއި ފުލުހުން ބުނީ އެ މާރާމާރީގައި ޒަހަމްވި މީހާ ފެނުނީ ގ. މުތީގޭ ގޯޅިތެރެއަށް ވެއްޓިފައި އޮއްވައި ކަމަށެވެ. އޭނާ އައިޖީއެމްއެޗަށް ފަރުވާ އަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މާރާމާރީ ހިންގުމުގައި އުޅުނުކަމަށް ބެލެވޭ މީހުން ދުއްވި ކަމަށް ޝައްކުވާ ސައިކަލްތަކެއް ފުލުހުން ވަނީ ޓޯކޮށްފައެވެ.