"އިންސާފު ކޮބާ"ގެ ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ މާލޭގައި ކުރި މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވި ޗެނަލް 13ގެ ނޫސްވެރިންނަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުށްވެރިކޮށްފިއެވެ.
އެކަމާ ގުޅިގެން އެމްޖޭއޭ އިން ބުނީ މުޒާހަރާގެ ތެރެއިން ފުލުހުންގެ ސަފުގައި ޖެހި ނޫސްވެރިޔަކު ބިންމައްޗަށް ވެއްޓި އަނިޔާވި އިރު، އެ ނޫސްވެރިޔާއަށް އެހީވުމަށް ދިޔަ ނޫސްވެރިއެއްގެ މޫނަށް ޕެޕާ ސްޕްރޭ ޖެހި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެމްޖޭއޭއިން ވަނީ މުޒާހަރާއާ ވީ އެންމެ ކައިރިއަކުން މުޒާހަރާގެ ހަރަކާތްތައް ކަވަރުކޮށް މައުލޫމާތު ލިބިގަތުމުގެ ފުރުސަތު ނޫސްވެރިންނަށް ދިނުމަށް ފުލުހުންނަށް ގޮވާލައިފިއެވެ.
އެކަމާ ގުޅިގެން އެމްއެމްސީން ނެރުނު ބަޔާނުގައި ބުނީ، އިދިކޮޅުން އިއްޔެ ބޭއްވި މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސްއަޅައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމުގެ ޝަކުވާ އެ ކައުންސިލަށް ނޫސްވެރިންނާއި މީޑިއާތަކުން ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ޗެނަލް 13ގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު ސަމާހަށާއި، އެ ޗެނަލްގެ ޑެޕިއުޓީ ސްޓޭޝަން މެނޭޖަރު (ބްރޯޑްކާސްޓިން) އަދި ޗެނަލް 13ގެ ނިއުސް ހެޑް މަރިޔަމް އިސާދާ އިސްމާއީލަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރާކަމަށްވެސް އެމްއެމްސީން ބުުންޏެވެ.
މީގެ އިތުރުން އެމްއެމްސީން ބުނީ، ނޫސްވެރިންގެ ވާޖިބުތައް އަދާކުރުމުގައި ދިމާވާ ހުރަސްތައް ނައްތާލައި، ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުމަކީ، އެކައުންސިލުގެ ގާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމުން، އިއްޔެގެ މުޒާހަރާގައި ކަންހިނގާފައިވާ ގޮތް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު