ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްވި ކަމަށް ވިދާޅުވާ ފައިސާގެ ތެރެއިން ބަޔަކަށް، މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ހިޔާނާތްތެރިވި ކަމަށް ވިދާޅުވެ، ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ފުލުހަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ފުލުހުން ދިޔާނާގެ ބަޔާން ނަގައިފިއެވެ.

އެކަން ހާމަކޮށް ދިޔާނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާރިސްއާ ދެކޮޅަށް އެ މައްސަލައިގައި ފުލުހުންނަށް ބަޔާން ދީފައިވާ ކަމަށެވެ.

އެއީ މީގެ ދެ އަހަރު ދުވަސް ކުރީގެ ކަމެއް ކަމަށާއި، އެ މައްސަލައިގައި މިއޮތް ހުރިހާ ދުވަހެއް ވަންދެން ހިމޭނުން ހުންނެވުމަށްފަހު އެ މައްސަލައާއިގެން ކުރިއަށްވަޑައިގަތުމަށް ނިންމެވީ ފާރިސް އާއި އޭނާގެ ބައްޕާފުޅު، ރައީސް މައުމޫން އެކަމަށް ދެކޮޅު ހައްދަވާތީ ކަމަށްވެސް ދިޔާނާ ވިދާޅުވެފައިވެއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް ޖާބިރުގެ އަތުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށާއި ނަމަވެސް އެ ފައިސާ ފަހުން ނުދައްކަވާ ކަމަށް ޖާބިރު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެ މައްސަލަ ފުލުހަށާއި ސިވިލް ކޯޓަށް ވެސް ވަނީ ހުށަހަޅުއްވައިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ސިވިލް ކޯޓުގައި މިހާރު ވަނީ ފަށައިފައެވެ.

އެކަމާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބުކަން ވެސް ކުރެއްވި ދިޔާނާ މީގެ ކުރިން ވިދާޅުވީ، 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާ ރައީސް މައުމޫނާ ހަވާލުކުރެއްވުމަށް ޖާބިރު އޭނާއާ ހަވާލުކުރެއްވި ކަމަށާއި އަދި ރައީސް މައުމޫން ވިދާޅުވި ގޮތުގެ މަތިން ފާރިސްއާ އެ ފައިސާ ހަވާލުކުރެއްވި ކަމަށެވެ.

ދިޔާނާ ވިދާޅުވީ، 2017 ވަނަ އަހަރުގެ ކުރީކޮޅު އެ ފައިސާ ހަވާލުކުރުމުގެ ކުރިން މެލޭޝިއާގައި މައުމޫނާއި ފާރިސް އެ ފައިސާ ހޯއްދެވުމަށް ޖާބިރާއެކު ބޭއްވި ބައްދަލުވުމުގައި އޭނާ ވެސް އިންނެވި ކަމަށާއި އަދި ގެރެންޓީއެއްގެ ގޮތުގައި މައުމޫނުގެ ގެކޮޅު ކިނބިގަސްދޮށުގޭގެ ރެޖިސްޓްރީ ދެއްވަން މައުމޫން ހުށަހެޅުއްވި ކަމަށެވެ.