ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗުކަމުގެ މަގާމާ، ކުރިން ކްލަބާއެކު ކާމިޔާބީތަކެއް ހޯދާފައިވާ މުހައްމަދު ނިޒާމް (ނިޒާމްބެ) ހަވާލުވެއްޖެއެވެ.

ނިޒާމްބެ ޓީސީއާ ހަވާލުވެފައިވަނީ އެ ކްލަބުގެ ކޯޗުކަމުގައި ހުރި މުހައްމަދު ޝާޒްލީ (ޝާޒް) މިދިޔަ ހަފުތާގައި ކްލަބު ދޫކޮށްލުމުން އެ މަގާމު ފުރުމަށެވެ، ނިޒާމްބެ މިސީޒަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ފެށި ނަމަވެސް އޭނާ ވަނީ ސީޒަންގެ ފުރަތަމަ ބުރު ތެރެއިން ކްލަބާއެކު ވެފައިވާ އެއްބަސްވުން އުވާލައިފައެވެ.

ޝާޒް ޓީސީގެ ކޯޗުކަމުން ކުއްލިއަކަށް އިސްތިއުފާ ދީފައި ވަނީ ނަތީޖާ ދަށްވެގެން ނޫން ކަމަށާއި، ޕްލޭނާ އެއްގޮތަށް މިއަހަރު ކުރަން ގަސްދުކޮށްފައިވާ ޑިވެލޮޕްމަންޓް މަސައްކަތްތައް ނުދާތީ ދެ ފަރާތް އެއްބަސްވެގެން ކަމަށް ޓީސީގެ ރައީސް އަހުމަދު އައްބާސް (އައްބު) "ވަން" އަށް ވަނީ ވިދާޅުވެފައެވެ.

ޓީސީއާ ހަވާލުވި ނިޒާމްބެ ވަނީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކާމިޔާބީތަކެއް ހޯދައިފައެވެ. އޭނާގެ އެންމެ ބޮޑެތި ކާމިޔާބީތަކަކީ ޓީސީގައި ހޯދި ކާމިޔާބީތަކެވެ. ނިޒާމްބެގެ ކޯޗިން ކެރިޔަރުގައި ހޯދި އެންމެ ބޮޑު ކާމިޔާބަކީ ޓީސީއާއެކު ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކުރުމެވެ. އޭގެ އިތުރުން 2017 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ކަޕް، ޓީސީން ކާމިޔާބުކުރީ ނިޒާމްބެގެ އިރުޝާދުގެ ދަށުންނެވެ.

ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓީސީއަށް ހޯދައިދީ، 2015 އިން ފެށިގެން ފުރަތަމަ ޑިވިޝަނުގައި އެ ކްލަބާއެކު މަސައްކަތް ކުރި ނިޒާމްބެ ވަނީ ޓީސީ ތެރެއިން ގައުމީ ލެވެލްއަށް މުހިއްމު ކުޅުންތެރިންތަކެއް ގެނެސްދީފައެވެ. ހާއްސަކޮށް 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމުގައި އެ ކުޅުންތެރިންގެ ދައުރު ފެނުނީ ބޮޑު ކޮށެވެ.

ޓީސީ ދޫކޮށްލުމަށް ފަހު ނިޒާމްބެ ވަނީ މާޒިޔާގެ އިތުރުން 16 އަހަރުން ދަށުގެ ގައުމީ ޓީމާއި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބަށް ވެސް ކޯޗުކޮށްދީފައެވެ. ޓީސީ ގޮވައިގެން ނިޒާމްބެ ނުކުންނާނެ ފުރަތަމަ މެޗަކީ އަންގާރަ ދުވަހު ހަވީރު ވެލެންސިއާއާ ދެކޮޅަށެވެ.