އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިކަނބި ކަނބަލުންނާއި ފިރިކަލުންނަށް ދެއްވާފައިވާ ދައުލަތު ކެންސަލްކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، އެ ދައުވަތު ކެންސަލް ކުރީ، ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރެފައިވާ އިއުލާނާ ގުޅިގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އެ އަހަރަކަށް ހުޅުވާ ޖަލްސާއަށް، މެމްބަރުންގެ އަނބިކަނބަލުންނަށާއި ފިރިކަލުންނަށް ކޮންމެ އަހަރަކުވެސް ދައުވަތު ދެއްވައެވެ.

އޭގެ އިތުރުން ދައުލަތުގެ އިއްޒަތްތެރިންނާއި ބޭރުގެ ސަފީރުންނަށް ވެސް އެ ޖަލްސާއަށް ދައުވަތު ދެއްވައެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ، ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާބެހޭ ސިޔާސަތުތައް ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާއަށްވެސް ރައީސް ރިޔާސީ ބަޔާން ހުށަހަޅުއްވާނެއެވެ.