މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންގެ ތެރެއިން އަމިއްލަ ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް އެހީވުމުގެ ގޮތުން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.
ޖެންޑާ މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަން އިބްރާހިމް މުހައްމަދު "ވަން" އަށް ވިދާޅުވީ "އަމިއްލަ ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުން" ގެ ނަމުގައި އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަންނަ މަހުގެ ތެރޭގައި އެ އުސޫލު ގެޒެޓް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އިގުތިސޯދީ ގޮތުން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވި ކަމަށާއި އެގޮތުން އާމުދަނީއަށް އަސަރުކޮށް، ވަޒީފާ ގެއްލުމާއި ވަޒީފާ ހޯދުމަށް ގިނަ ދަތިތަކަކާ ކުރިމަތިވި ކަމަށެވެ. އެކަންކަމާ ގުޅިގެން ގިނަ ބަޔަކު އަމިއްލަ ރަށަށް ބަދަލުވާން އެދެމުން އަންނަ ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމުގެ ދަށުން އަހަރަކު 500 އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށާއި މާލީ އެހީގެ ގޮތުގައި އަހަރެއްގެ މައްޗަށް 26.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވަށްސަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހި ހާއްސަކުރަނީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ކަމަށާއި ދެވަނަ ފިޔަވަހި ހާއްސަކުރަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ރަށަށް ބަދަލުވާ ކޮންމެ އައިލާއަކަށް ހަ މަސް ވަންދެން ފައިސާގެ އިނާޔަތްދެވޭނެ ކަމަށާއި އެ އަދަދު އަދި ދަންނަވަން ދަތި ކަމަށެވެ. އަދި މީގެ އިތުރުން 20،000 ރުފިޔާއަށް ވުރެ މަތި ނޫން ލޯނެއް އިންޓަރެސްޓެއް ނެތި ދޫކުރާނެ ކަމަށެވެ. އެ ލޯން ތިން އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެ މުއްދަތުގައި އެ ފައިސާ ނުދެއްކިއްޖެނަމަ އިތުރު ތިން އަހަރުގެ މުއްދަތަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ މި ޕްރޮގްރާމްތަކަށް މީހުން ހޮވުމަށް ކޮމިޓީއެއް އެކުލަވާލެވިގެންދާނެ ކަމަށާއި އެ ކޮމިޓީގައި ހިމެނޭނީ ސަރުކާރުގެ ވުޒާރަތާއި އިދާރާތަކުގެ ބޭފުޅުން ކަމަށެވެ. އަދި އާއިލާތައް ހޮވުމުގައި ގިނަ ކަންތައްތަކަށް ބަލާނެ ކަމަށެވެ. އެގޮތުން ރަށަށް ބަދަލުވާން އެދޭ މީހުންގެ ދިރިއުޅުމުގެ ހާލަތާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކާއި ދިރިއުޅުމުގެ ހާލަތު ހުރިގޮތުގެ އެސެސްމެންޓެއް ހެދިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެންމެ އިސްކަމެއް ދެވިގެންދާނީ ބޮޑެތި އާއިލާތަކާއި ކުޑަކުދިން ގިނަ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނޭ އާއިލާތަކަށް ކަމަށެވެ. އަދި ބަަދަލުވާ ރަށުގައި ބޯހިޔާވަހިކަން ހަމަޖެހިފައިވާ ފަރާތްތަކަށާއި ހަމަޖެއްސޭނެ ފަރާތްތަކަށް އިސްކަން ދެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު