ޗަމްޕާ ބްރަދާސްއިން ހއ. ހޯރަފުށީގައި އައިސްޕްލާންޓެއް އެޅުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި މިފްކޯއާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީއެވެ. ޗަމްޕާ ބްރަދާސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ސާރާ މުހައްމަދެވެ. އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ، ހޯރަފުށީގައި އަޅަނީ 25 ޓަނުގެ އައިސް ޕްލާންޓެއް ކަމަށާއި އެ ޕްލާންޓުގެ މަސައްކަތް ނިމުމުން އުތުރުގެ މަސްވެރިންނަށް އައިސް ލިބުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޒަހާ ވިދާޅުވީ، އައިސް ލިބޭނެ މިންވަރު 45 އިންސައްތައަށް އިތުރު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމަށެވެ. ހޯރަފުށީގައި އަޅާ އައިސްޕްލާންޓަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އެހީ މޮޑެލްގެ ދަށުން އަޅާ ފުރަތަމަ އައިސް ޕްލާންޓް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި މޮޑެލްގައި އިތުރު ރަށެއްގައި އައިސް ޕްލާންޓެއް އެޅުމުގެ މަސައްކަތް އެބަ ކުރަން. ފަހުގެ ތާރީހެއްގައި އެ ރަށް އިއުލާން ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫއަށް ޗަމްޕާ ބްރަދާސްގެ ފަރާތުން 4.2 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމައިފައެވެ.