ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެތަނުން ދެމުންދާ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ޑީއެންއާރުގެ ޑިރެކްޓަރު ފަރީދާ ޔޫސުފް މިއަދު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެތަނުން މުވައްޒަފަކު ޕޮޒިޓިވްވެފައިވާ ކަން އެނގުނީ މިއަދު މެންދުރު ކަމަށެވެ. ނަމަވެސް އެއީ ކައުންޓަރުގައި މަސައްކަތް ކުރާ މުވައްޒަފެއް ނޫން ކަމަށާއި އެވަގުތު ހިދުމަތް ހޯދަން ގޮސް، ނަންބަރު ދޫކޮށްފައިވާ ފަރާތްތަކަށް ހިދުމަތް ދިން ކަމަށެވެ.

ފަރީދާ ވިދާޅުވީ އިތުރަށް ނަންބަރެއް ދޫނުކޮށް ހިދުމަތް މެދުކަނޑާލީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރުމަށް ކަމަށެވެ. އަދި މިހާރު އެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެޗްޕީއޭއިން ވަކި އެއްޗެއް އަންގަންދެން އެ ޑިޕާޓްމަންޓުގެ ހިދުމަތް މިވަގުތަށް އޮތީ މެދުކަނޑާލާފައި ކަމަށެވެ.

މާދަމާ ހިދުމަތްދެވޭނެތޯ ސުވާލު ކުރުމުން ފަރީދާ ވިދާޅުވީ އަދި އެކަމަށް ގޮތެއް ނުނިންމާ ކަމަށާއި އެކަމަކު ހިދުމަތް ދެވޭނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ކޮވިޑް-19 އާ ގުޅިގެން އައިޑީ ކާޑު ހެއްދުމާއި އައުކޮށްދިނުމުގެ ހިދުމަތަށް އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.