ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނަށް ސަރުކާރުން ދެމުން އަންނަ އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ވޯލްޑު ބޭންކުން އިތުރު 21.6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 332.6 މިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ.

ވޯލްޑް ބޭންކުން އިތުރަށް ހަމަޖެއްސި މި ފައިސާ ހޭދަކުރާނީ، ވޯލްޑު ބޭންކުގެ އެގްޒެކެޓިވް ބޯޑުން މިދިޔަ އަހަރުގެ ޖޫން މަހު ފާސްކުރި "ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ފުޅާކުރުމަށެވެ. މި ޕްރޮޖެކްޓު އޭރު ހުރީ 12.8 މިލިއަން ޑޮލަރެވެ.

ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު ޒާވޮސް ވިދާޅުވީ ޕެންޑެމިކްގެ ސަބަބުން ވަޒީފާއަށް ކުރާ އަސަރު މިއަހަރުގެ ބޮޑު ބަޔަކަށް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގަ އާއި ރާއްޖޭގައި ވެސް ވައިރަސް ފެތުރެމުންދާ މިންވަރަށް ބަލާއިރު ފިނިމޫސުމުގެ ފަތުރުވެރިކަމުގައި ހައި ސީޒަންގައި ވެސް ހޮޓާތަކާއި ރިސޯޓްތަކުގެ ޑިމާންޑު ދަށްވާނެ ކަމަށް އަންދާޒާކުރޭ. އެގޮތުން ބައެއް ތަންތަން ބަންދުކޮށްފައިވާއިރު، ގިނަ އަދަދެއްގެ މަސައްކަތްތެރިން ތިބީ މުސާރަ ނުލިބޭ ގޮތަށް ނުވަތަ މުސާރަ ކުޑަކޮށްފައި. އަދި ބައެއް މުވައްޒަފުން ވަނީ ވަކިކޮށްފައި." އޭނާ ވިދާޅުވި އެވެ.

ވަޒީފާ ގެއްލުނު މީހުންނަށް ވޯލްޑް ބޭންކް މެދުވެރިކޮށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 17،000 އަށްވުރެ ގިނަ މީހުންނަށް 10.3 މިލިއަން ޑޮލަރު ވަނީ އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި ދީފަ އެވެ.

ވޯލްޑު ބޭންކުން ބުނީ، ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ސަބަބުން ވަގުތީ ގޮތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މުސްތަގުބަލުގައި އަތުވެދާނެ ލޮޅުންތައް ކުޑަކުރުމަށް ސަރުކާރުގެ ގާބިލުކަން އިތުރުކުރެވިގެންދާނެ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މިފަދަ އެހީތެރިކަން ފޯރުވައިދެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކައުންސިލްތަކަށް އިތުރު މަސްއޫލިއްޔަތުތައް ދިނުމުގެ ގޮތުން އިދާރީ ކަންކަން ހަރުދަނާ ކުރެވޭނެ ކަމަށް ބުންޏެވެ.