ފްރޭންކް ލެމްޕާޑަށްވުރެ ވަކި ޗެލްސީ މީހަކު ނުހުންނާނެއެވެ. އެއީ ޗެލްސީގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖަހައިދިން ކްލަބު ލެޖެންޑެކެވެ. ޗެލްސީއަށް ކުޅުނު 13 ސީޒަންގައި 648 މެޗު ލެމްޕާޑް ކުޅެފައިވާ އިރު، އޭނާ ވަނީ 11 ޓްރޮފީއެއް ކްލަބާއެކު އުފުލައިލައިފައެވެ. އޭގެ ތެރޭގައި ހަތަރު ޕްރިމިއާ ލީގު ތަށްޓާއި، ޗެމްޕިއަންސް ލީގު ތަށިވެސް ހިމެނެއެވެ. އެއީ ކުޅުންތެރިއެއްގެ ގޮތުގައި ލެމްޕާޑުގެ ލެގަސީއެވެ. އޭނާ ކޯޗެއްގެ ގޮތުގައި އެނބުރި އައީ 18 މަސް ކުރިންނެވެ. އެއީ މުޅިން ތަފާތު ލެޖަސީއެއް ބިނާ ކުރުމަށެވެ. އެ ދަތުރު ފެށި ހިސާބުން އުނދަގޫ ނަމަވެސް، މިދިޔަ ސީޒަން ނިމުމާއެކު ހީވީ ލެމްޕާޑަކީ ޗެލްސީ ބޯޑުގެ ކިބައިން ސަލާމަތް ވެދާނެ ކޯޗެއް ހެނެވެ. މަންޒަރު ބަދަލުވީ އިއްޔެ ނިންމި ކުއްލި ނިންމުމަކުންނެވެ.
ޗެލްސީން މިދިޔަ ސީޒަނާ ކުރިމަތިލީ ޓްރާންސްފާ ބޭން އެއްގައި އޮވެ، ޓީމުގެ ތަރި އެޑެން ހަޒާޑް ޓީމު ދޫކޮށް ދިޔަ ދަނޑިވަޅެއްގައެވެ. ޒުވާން، ތަޖުރިބާ މަދު ގިނަ ކުޅުންތެރިންތަކަކާއެކު ލެޖެންޑް ލެމްޕާޑް ނުކުތީ އުނދަގޫ ސީޒަނަކަށެވެ. އެ ސްކޮޑާއެކު ލެމްޕާޑަށް ގިނަ ބަޔަކު ކުރި އުންމީދު ހަނި ނަމަވެސް، އޭނާ ނަތީޖާ ދެއްކީ އެފްއޭ ކަޕެއްގެ ފައިނަލަށް ގެންގޮސް، ލީގުގެ ހަތަރުވަނައިގައި ސީޒަން ނިންމާލައިގެންނެވެ.
އެހިސާބުން ޓްރާންސްފާ ބޭންވެސް ނިމި، ޗެލްސީ މާކެޓަށް ނުކުތެވެ. 220 މިލިއަން ޕައުންޑް ހަރަދުކޮށް ސްކޮޑު ވަރުގަދަ ކުރިތަން ފެނިގެން ދިޔައީ ލެމްޕާޑަށް އިތުބާރު ކޮށްފައެވެ. އެހިސާބުން ލެމްޕާޑުގެ ގޮނޑި ހޫނުވީއެވެ. ނަތީޖާއަށް މަޖުބޫރުކަމެއް އަންނާނެކަން އެނގެއެވެ. އެއީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗްގެ ސްޓައިލެވެ. ނަތީޖާ ނޫން އެހެން ކާޑެއް އޭނާގެ މޭޒު މަތީގައި ނުދެއްކޭނެއެވެ. ލެމްޕާޑަށް ސަޕޯޓަރުން ދޭ ލޯތްބަކަށް އޭނާ ނުބަލާނެކަން ނިންމުމުން ސާފުވެސް ކޮށްދީފިއެވެ.
ޓްރާންސްފާތަކުގެ މައްސަލަ، ޓީމުގެ ތަރިންގެ ކޮންޓްރޯލް ގެއްލުން
މާ ބޮޑު ތަޖުރިބާއަކާ ނުލައި ލެމްޕާޑު ޗެލްސީއާ ހަވާލުވެ ފުރަތަމަ ސީޒަންގައި ތަފާތު ދެއްކިއެވެ. ޗެމްޕިއަންޝިޕްގެ ޑާބީގެ ކޯޗަކަށް ހުރުމަށްފަހު ޗެލްސީއަށް އައިސް ބޮޑު ޓީމެއްގެ ޕްރެޝަރު ހެންޑަލް ކުރެވޭނެތޯ، އެއީ އޭރުވެސް ގިނަ ބަޔަކު އުފެއްދި ސުވާލެކެވެ. ކަން ދިމާކުރި ގޮތުން ޗެލްސީގެ ފުރަތަމަ ސީޒަންގައި އޭނާއަށް މެނޭޖުކުރަން ޖެހުނީ މާ ބޮޑު ތަރިންތަކެއް ނެތް، ޗެލްސީގެ ފަންތިން މިނެކިރާއިރު އަގުކުޑަ ސްކޮޑެކެވެ. އޭނާ އެޗެލެންޖް ކާމިޔާބުކޮށް، ލެވެލް މައްޗަށް ދާން ހުރިކަން ދައްކާލިއެވެ.
މިދިޔަ ހޫނު މޫސުމުގައި ލެމްޕާޑަށް ފުރަތަމަ ކުރިމަތިވީ ޓްރާންސްފާގެ ދެބަސްވުންތަކެއް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ޑެއިލީ މެއިލްއާއި ގޯލް ޑޮޓް ކޮމް ފަދަ ބޮޑެތި ނޫސްތަކުން ބުނެފައި ވަނީ ޗެލްސީއަށް މިދިޔަ ޓްރާންސްފާ ސީޒަންގައި ގެނައި ޓީމޯ ވާނާއާއި ކައި ހަވާޓްސްއަކީ ލެމްޕާޑުގެ ހޮވުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ލެމްޕާޑު ކްލަބަށް ގެންނަން ބޭނުންވީ އިނގިރޭސި ލީގުގައި ނަތީޖާ ދައްކަމުން އަންނަ ޑެކްލަން ރައިސް އާއި ބެން ވައިޓް ފަދަ ކުޅުންތެރިން ކަމަށެވެ. ޗެލްސީގެ ބޯޑުން ޓްރާންސްފާ ކަންކަން ލީޑުކުރާ، ކްލަބުގެ އެންމެ ނުފޫޒު ގަދަ އެކަކު ކަމަށްވާ މަރިއާނާ ގްރަނޯވްސްކައި އާއި ލެމްޕާޑާ ދެމެދު އެ ހިސާބުން ދެބަސްވުންތައް އުފެދުނު ކަމަށް ގާތުން މަސައްކަތް ކުރި ނޫސްވެރިން ވަނީ ރިޕޯޓް ކޮށްފައެވެ.
"ޗެލްސީގައި ޝައްކެއް ނެތި މަޑުކުރަން ބޭނުންވާ، ޗެލްސީއަށް 100 ޕަސެންޓް ދޭނެ ކުޅުންތެރިން ހޯދަން ލެމްޕާޑު އޮޕްޝަނަލް އޮފް ދުވަހެއް ދިން. އެއީ އަސްލު ކޯޗަކު ކަން ކުރާނެ ގޮތް ކަމަކަށް ނުބެލެވޭ،" ޗެލްސީގެ ކުޅުންތެރިންނާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަހެއް ކަމަށް ބުނެ ޑެއިލީ މެއިލްއިން ލެމްޕާޑު ޓީމު ތެރޭގައި ކަން ކުރި ގޮތުގެ މައްޗަށް ރިޕޯޓް ކޮށްފައިވެއެވެ.
އެ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސީޒަންގެ ކުރިން އޮތް ޓްރާންސްފާ ސީޒަން ނިމުނުއިރުވެސް ލެމްޕާޑަށް އޭނާ ސީޒަން ކުރާ ޕްލޭން ކުޅުންތެރިންނާ ހަމައަށް ގެންދެވިފައެއް ނުވެއެވެ. ހާއްސަކޮށް ކްލަބުގެ ނުފޫޒުގަދަކޮށް ފެންނަ ޖަރުމަނު ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އާއި ޒުވާން ޑިފެންޑަރު ފިކަޔޯ ޓޮމޯރީ ފަދަ ކުޅުންތެރިން ފަހު ވަގުތު ޓީމު ދޫކޮށްދާން އުޅެ އެކަން ފެއިލްވީވެސް ސާފު މަގެއް ނުފެނި އޮތުމުން ކަމަށް ގޯލް ޑޮޓް ކޮމް އިންވެސް ބުނެފައިވެއެވެ. ބޮޑު އަގުގައި ޗެލްސީއަށް ގެނައި ކުޅުންތެރިންގެ ފަރާތުން އުންމީދު ކުރި ކުޅުން ނުފެނުމާއި، ޓީމުގެ އެތެރޭގައި ޖެހެމުންދިޔަ މައްސަލަތަކާ ހުރެ، މިދިޔަ މަހުން ފެށިގެން ޗެލްސީން އިތުރު ގޮތަކަށް ދާން ވިސްނި ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.
ކޯޗަކު ވަކިކޮށް، ވެރިޔާ އަބްރަމޮވިޗް އެ ނިންމުން ތަފްސީލު ކޮށްދިން ފުރަތަމަ ފަހަރު
ޗެލްސީއަކީ ކޯޗުން ވަކި ކުރުމާއި، ކޯޗުން ބަދަލު ކުރުމުގައި ފާހަގަކޮށްލެވޭ ކްލަބެކެވެ. ހާއްސަކޮށް ވެރިޔާ އަބްރަމޮވިޗަކީ މޫނަކަށް ކަނދުރާއަކަށް ބަލާނެ ވެރިއެއް ނޫންކަން ކުރިންވެސް ވަނީ ފާހަގަވެފައެވެ. ޗެލްސީ ސަޕޯޓަރުންނަށް އަބްރަމޮވިޗް ކަމުދާ އެއް ސަބަބަކީ އެއީ ކަމަށްވެސް ވެދާނެއެވެ. މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ޗެލްސީއަށް "ކޯޗު ފަޔަރިން، ހަޔަރިން" ސިސްޓަމް ފެނުނީ ކާމިޔާބީއާ ހަމައަށް ވާސިލުވާ ސިސްޓަމެއްގެ ގޮތުގައެވެ. އަބްރަމޮވިޗް ކްލަބާ ހަވާލުވިފަހުން، ޗެލްސީއަށް ގެންދާ ކޯޗަކު ހުސް އަތާ ސީޒަން ނިންމާލަނީ މަދު ފަހަރަކުއެވެ.
ކޮންމެއަކަސް ލެމްޕާޑު ކްލަބުން ދުރުކުރުންވީ ވެރިޔާއަށްވެސް އުނދަގޫކަމަކަށްކަން އެނގިގެން ދިޔައީ، ކޯޗަކު ފޮނުވާލައި، އެ ނިންމުން ފުރަތަމަ ފަހަރަށް ތަފްސީލު ކޮށްދިނުމުންނެވެ. ޗެލްސީގެ ރަސްމީ ބަޔާނުގައި ހިމަނާފައި ވަނީ އަބްރަމޮވިޗްގެ ސީދާ ބަހެވެ.
"މިއީ ކްލަބަށް ވަރަށް އުނދަގޫ ނިންމުމެއް. ލެމްޕާޑާ އަހަންނާ އޮންނަ ގާތް ކަމަކުންވެސް ނޫން. އެއީ އަހަރެން ލެމްޕާޑަށް ކުރާ އިހުތިރާމެއްގެ ބޮޑު ކަމުން. ލެމްޕާޑަކީ އިހުލާސްތެރި މަސައްކަތްތެރި ކޯޗެއް. އެކަމަކު މިހާރު ހާލަތު އޮތް ގޮތުން އެންމެ ރަނގަޅު ނިންމުމަކީ ކޯޗު ބަދަލުކުރުން ކަމުގައި ދެކެން. ކްލަބުގެ ހުރިހާ އެންމެންގެ ނަމުގަ އާއި، އަމިއްލަ ނަމުގައި ލެމްޕާޑު ކޮށްދިން މަސައްކަތް ބަލައިގަނެ، އެކަމަށް ޝުކުރު އަދާކުރަން. ލެމްޕާޑަކީ އަބަދުވެސް ކްލަބުގެ އައިކަންއެއް. އޭނާގެ އަލި ފަނޑުވެގެން ނުދާނެ. އަދި ކޮންމެ ގޮތަކަށް ކްލަބަށް އެނބުރި އަންނަންވިޔަސް ލެމްޕާޑަށް އަބަދުވެސް މަރުހަބާ ކިޔާނަން،" އަބްރަމޮވިޗް ބުނެފައިވެއެވެ.
ލެމްޕާޑުގެ ބަޔާނުގައި ބުނެފައި ވަނީ ޗެލްސީއަކީ އަބަދުވެސް ހަޔާތުގެ ބޮޑު ބައެއް ކަމަށާއި، ޗެލްސީއަށް ކޯޗުކަން ކޮށްދިނުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި އޭނާއާ ކްލަބު ހަވާލުވީ އުނދަގޫ ހާލަތެއްގައި ކަމަށާއި އެ ހާލަތުން އަރައިގަތުމަށް ކުރެވުނު މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. ލެމްޕާޑު ބުނެފައި ވަނީ މި ސީޒަނުގައި އޭނާއަށް އިތުރު ވަގުތު ލިބެން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށާއި އެހެން ނުވި ނަމަވެސް ކްލަބަށް އަބަދުވެސް އެދޭނީ ކާމިޔާބަށް ކަމަށެވެ.
އިއްޔެ ހެނދުނު ޗެލްސީން ކުރަން އޮތް ފަރިތަކުރުންތައް މެންދުރަށް ފަސްކޮށް ޗެލްސީގެ ޑިރެކްޓަރުންގެ ފަރާތުން ލެމްޕާޑަށް މަގާމުން ވަކިކުރިކަން އަންގާފައިވާއިރު ކުޅުންތެރިންނާ ވާހަކަ ދައްކާލަން ފަހު ވަގުތު ފުރުސަތު ނުދިން ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ފާޑު ކިޔާފައެވެ. ހާއްސަކޮށް ގިނަ ބަޔަކު ދެކޭ ގޮތުގައި ލެމްޕާޑަކީ އެފަދަ ގޮތަކަށް ޗެލްސީން ފޮނުވާލަން ޖެހޭނެ މީހެއް ނޫނެވެ.
ޗެލްސީގެ އެންމެ ބޮޑު އެއް ސަޕޯޓަރުންގެ ކްލަބު ޗެލްސީ އެފްސީ ޔޫކޭއިން މިދިޔަ ހަފްތާ ޗެލްސީ ދަނޑުގައި ދެމި ބެނާއެއްގައި "ލެމްޕާޑަށް އޭރުވެސް މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް އިތުބާރު ކުރާނެ،" ކަމަށް ބުނެފައިވާއިރު، އެ ސަޕޯޓަރުންގެ ކްލަބުން ވަނީ ލެމްޕާޑު ބޭރު ނުކޮށް، ވަގުތު ދިނުމަށް ބޯޑަށް ގޮވާލާފައެވެ. އެހެން ނަމަވެސް އަބްރަމޮވިޗަކީ އެފަދަ ވެރިއެއް ނޫންކަން އޭރުވެސް އެނގެއެވެ. ނިންމުމާއެކު ޗެލްސީ ސަޕޯޓަރުން މާޔޫސްވި ނަމަވެސް، އެއީ އަބްރަމޮވިޗް ޗެލްސީ ހިންގަމުން ދިޔަ ގޮތެވެ. ކޮންމެ ކޯޗެއް އައި ނަމަވެސް ޗެލްސީގެ ފަރާތުން އެ ގޮތް ނުކެނޑޭނެ ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ.
ތޯމަސް ޓުޝެލް - ކުރިމަގަކީ ކޮބާ؟
ޗެލްސީގެ ކޯޗުކަމަށް ދެން އަންނާނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލަށް ޕީއެސްޖީ ގެންގޮސްދިން ޖަރުމަނުގެ ކޯޗު ތޯމަސް ޓުޝެލްއެވެ. އިތުބާރު ހުރި ހުރިހާ ނޫސްވެރިން ވަނީ އެ ނިންމުން ނިމިފައިވާކަން ޔަގީން ކޮށްދީފައެވެ. މިއަދު އެކަން ޗެލްސީން އިއުލާން ކުރަން ތައްޔާރުވާއިރު އިނގިރޭސިވިލާތަށް ދިޔުމަށް ހަދަން ޖެހޭ ކޮވިޑް 19 ގެ ޓެސްޓް ހަދައި، ޓުޝެލް މިހާރު ހުރީ ތައްޔާރަށެވެ. މި ސީޒަންގެ ކުރީކޮޅުގައި ޕީއެސްޖީގެ ދަށް ނަތީޖާތަކާއެކު ޓުޝެލް ފޮނުވާލި ނަމަވެސް އޭނާއަކީ ޔޫރަޕްގެ ފުޓުބޯޅައަށް އާ ކޯޗެއް ނޫނެވެ. ޗެލްސީގައި ތިބި ކުޅުންތެރިންނަށްވެސް ޓުޝެލް އަލެއް ނުވާނެއެވެ.
ތިއޭގޯ ސިލްވާއާއެކު ޕީއެސްޖީގައި، ޕުލިސިޗާއެކު ޑޯޓުމަންޑުގައި ޓުޝެލް މަސައްކަތް ކޮށްފައިވާއިރު، ދެން އޮތީ ވާނާ އާއި ހަވާޓްސް ފޯމަށް އެޅުވުމެވެ. އެއީ އޭނާގެ ފުރަތަމަ ޓާސްކުކަން ޔަގީނެވެ. ހާއްސަކޮށް ލެމްޕާޑަށް ވަފާތެރި އިނގިރޭސި ކުޅުންތެރިންތަކެއްގެ މައި ގްރޫޕެއް ޗެލްސީ ސްކޮޑުގައި އެބައޮތެވެ. އެ ކުޅުންތެރިންނާއެކު މުޅި ސްކޮޑު ހިތްހަމަ ޖެއްސުމަކީ ޓުޝެލްއަށް އުނދަގޫވާނެ ކަމެކެވެ.
"ޓުޝެލްވެސް ދެ އަހަރެއްހާ ދުވަސް ފަހުން ފޮނުވާލާތަން ފެންނާނެ. އެއީ ޗެލްސީގެ ސްޓައިލް. ޓުޝެލްގެ ފަރާތުންވެސް ބޯޑު ބޭނުންވާ އަވަސް ނަތީޖާއެއް އަލަށް ޓީމަށް ހޭނެމުން އަންނަ ކުޅުންތެރިން ފަރާތުން ނުފެންނާނެ. އެއީ ޗެލްސީން ނުދޭނެ ވަގުތަކީ،" ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފައިވާ ގެރީ ނެވިލް ބުނެފައިވެއެވެ.
ކޮންމެއަކަސް ނުވަ ވަނައިގައި އޮތް ޗެލްސީއަށް ޗެމްޕިއަންސް ލީގު ވަރަށް މުހިއްމެވެ. ސީޒަން ހަތަރު ވަނައަށްވުރެ ތިރިން ނިންމާލަން އަބްރަމޮވިޗް ދުލެއް ނުދޭނެއެވެ. އެއީ ހަރަދާވެސް ނުބައްދަލު ވާނެ މަގާމެކެވެ. މިއީ ސީޒަންގެ މެދުތެރެކަމަށް ވުމާއެކު ޗެލްސީއަށް ލިބުނީ ބޯޑު އެންމެ ރުހޭ ކޯޗު ނޫން ނަމަވެސް، ޗެލްސީއަށް އަދި ވަގުތު އެބައޮތެވެ. ޗެލްސީނުގެ ނިންމުމުގެ ނަތީޖާ ނިންމޭނީ ސީޒަން ނިމުމުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު