ރައްޔިތުންގެ މަޖިލީހުން ޓިކްޓޮކް ޗެނަލެއް ހަދައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އެ އިދާރާގެ ރަސްމީ ޓިކްޓޮކް ޗެނަލް ލޯންޗުކޮށް، ވީހާވެސް ގިނަ ބަޔަކު ފޮލޯކުރުމަށް އެދިފައެވެ.

މަޖިލީހުގެ ޓިކްޓޮކް އެކައުންޓަށް މިހާތަނަށް އަޕްލޯޑްކޮށްފައިވަނީ އެންމެ ވީޑިއޯއެކެވެ. އެ ވީޑިއޯ ހާއްސަކޮށްފައި ވަނީ މިއަހަރަށް މަޖިލީސް ހުޅުވުމާ ގުޅޭގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޓިކްޓޮކް ޗެނަލް މެދުވެރިކޮށް މަޖިލީހުގެ މަސައްކަތްތައް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހަމަޖައްސަވައިފައެވެ.

ދުނިޔޭގެ އެއް ބިލިއަން މީހުން ޓިކްޓޮކް ބޭނުންކުރާ އިރު، އެކްޓިވް ޔޫސާސްގެ އަދަދު އުޅެނީ، 680 މިލިއަންގައެވެ. ޓިކްޓޮކަކީ ރާއްޖޭގައިވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު އެޕްލިކޭޝަނެކެވެ.