ކ. ހިންމަފުށި ކައިރީގައި އޮތް ފިނޮޅަކަށް ގެއްލުންދިން މައްސަލައިގައި ގިލިލަންކަންފުށި ރިސޯޓްގެ ޖެނެރަލް މެނޭޖަރު (ޖީއެމް) ޑޭވިޑް ސްޓެޕެޓިކް ފުރުން މާނާކޮށްފިއެވެ.
ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަކަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ގިލިލަންކަންފުށީގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކްއާއި މުވައްޒަފުންތަކެއް އަރައި އެތަނުގައި ކޯރެއް ކެނޑި މައްސަލަ ބޮޑުވެ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ފުލުހުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އެނގިފައިވާ ގޮތުގައި އެ ފިނޮޅަށް ގެއްލުންދޭން ފެށުމުން އެކަން ހުއްޓުވީ ހިންމަފުށީ ބަޔަކު އެތަނަށް ގޮހެވެ.
ފުލުހުން މިއަދު ބުނީ ހިންމަފުށި ކައިރީ އޮންނަ ފިނޮޅެއްގައި ކޯރު ކެނޑި މައްސަލައާ ގުޅިގެން ގިލިލަންކަންފުށި ރިސޯޓުގެ ޖީއެމް ފުރުން މަނާކުރުމުގެ އަމުރަކަށް އެދި ރޭގެ ވަގުތެއްގައި ފުލުހުން އެދިފައިވާ ކަމަށެވެ. އަދި ޖީއެމް ފުރުން މަނާކުރުމުގެ އަމުރު ލިބުމާ ގުޅިގެން ކަމާ ގުޅުންހުރި މުއައްސަސާތަކާ ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް ވިދާޅުވީ، އެ މައްސަލަ އީޕީއޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ އެ އެޖެންސީން ބަލަމުން އަންނަ ކަމަށެވެ. އަދި މައްސަލަ ބަލައި ނިންމުމަށް ފަހު ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.
ފިނޮޅުގައި ކޯރު ކަނޑައި ގެއްލުންދިން ސަބަބު ސާފުވެފައި ނުވާއިރު ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ރިސޯޓުގެ ބޭނުމަކީ އެ ފިނޮޅަކީ ހިންމަފުށީ މީހުން ޕިކްނިކް ހެދުމަށް ގޮސް އުޅޭ ތަނަކަށް ވުމުން އެތަން ހަލާކުކޮށްލުމެވެ.
ތުލުސްދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ނަސީމް ކުރެއްވި ޓުވީޓުގައިވެސް ވަނީ، އެ ފިނޮޅު ހަލާކުކޮށްލުމުގެ މަސައްކަތް ރިސޯޓުގެ ޖީއެމް އިސްވެ ހުރެ ކުރީ އެ ފިނޮޅަކީ ހިންމަފުށީ މީހުން ދަތުރު ގޮސް އުޅޭ ތަނަކަށް ވުމުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ތުހުމަތުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު