މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ބޮޑުކޮށްފައިވަނީ ގަންނަން ލިބުނު އަގު ބޮޑު ވުމުގެ ސަބަބުން ކަމަށް މިފްކޯ އާއި ހޮރައިޒަން އިން ބުނެފި އެވެ.
"ވަން" އާ ވާހަކަ ދައްކަވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ މިފްކޯ އަކީ ތެޔޮ އެތެރެ ކުރާ ކުންފުންޏެއް ނޫން ކަމަށާއި އެހެން ކަމުން މަސްވެރިންނަށް ދޫކުރާ ޑީސަލް ވެސް ގަންނަން ޖެހޭނީ ބައެއްގެ އަތުން ކަމަށެވެ.
އެގޮތުން މިފްކޯ އިން ޑީސަލް ގަންނަނީ އެސްޓީއޯގެ ދަށުން ހިންގާ އެފްއެސްއެމް އިން ކަމަށާއި އެކުންފުނިން ޑީސަލް ވިއްކާ އަގު ބޮޑުކުރުމުން މިފްކޯ އިން ވެސް އަގުބޮޑު ކުރީ ކަމަށެވެ.
މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު މިފްކޯއިން އެންމެ ފަހުން ބޮޑުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު 22، ގަ އެވެ. އެއީ ޑީސަލް ލީޓަރެއް 7.17ރ. އަށެވެ. މިހާރު މިގެނައި ބަދަލާއެކު މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލް ލީޓަރެއްގެ އަގު 8.50ރ. އަށް ވަނީ ބޮޑުވެފަ އެވެ.
ހޮރައިޒަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޔަގްސަން މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މީގެ ކުރިން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކީ 7.17ރ. ގެ ރޭޓުން ކަމަށެވެ. އަދި މިހާރު އަގުބޮޑު ކޮށްފައިވަނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލަކާއެކު އެ ކުންފުނިން ޑީސަލް ގަންނަމުން އަންނަ އެފްއެސްއެމް އިން ޑީސަލް ވިއްކާ އަގު ބޮޑުކުރުމުން ކަމަށެވެ.
މި ގެނައި ބަދަލާއެކު މަސްވެރިންނަށް ޑިސަލް ލިޓަރެއް 8.50ރ. އަށް ލިބޭނެ ކަމަށާއި އެހެނިހެން ފަރާތްތަކަށް 13.19ރ. އަށް ޑީސަލް ލީޓަރެއް ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު