ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕް މިއަހަރު މޭ މަހުގެ 13 ވަނަ ދުވަހު ބާއްވަން ތާވަލު ކޮށްފިއެވެ.
ކޮންމެ އަހަރަކު ކާމިޔާބު ކަމާއެކު ބާއްވަމުން އައި ކްލަބު މޯލްޑިވްސް ކަޕް، މިދިޔަ އަހަރު ނުބޭއްވުނީ ކޮވިޑް 19 ގެ ސަބަބުންނެވެ. ފުރަތަމަ މިދިޔަ އޭފްރިލް މަހުގެ ހަތްވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ކްލަބް މޯލްޑިވްސް ކަޕް ނޮވެންބަރު މެދުތެރޭގައި ބާއްވަން މަސައްކަތްކުރި ނަމަވެސް ހާލަތު އޮތްގޮތުން އޭރުވެސް މުބާރާތް ބޭއްވޭ ގޮތެއް ނުވިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ކްލަބު މޯލްޑިވްސްގެ ސްޕޯޓްސް ޑިރެކްޓަރު އިސްމާއީލް ސުވައިދު ވިދާޅުވީ މޭ މަހުގެ 13 އަށް މުބާރާތް ތާވަލުކޮށް، އެކަމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ހާލަތު އޮތް ގޮތުން އެ ތާރީހަށް މުބާރާތް ފެށޭނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސުވައިދު ވިދާޅުވީ މިއަހަރުވެސް މުބާރާތް ހުޅުވާލާނީ އަންހެން އަދި ފިރިހެން ޑިވިޝަނަށް ކަމަށާއި، ފިރިހެން ޑިވިޝަނަށް ހުޅުވާލާނީ 32 ޓީމަށް ކަމަށެވެ.
ރާއްޖޭގެ އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކްލަބް މޯލްޑިވްސް ބާއްވާތާ 14 އަހަރު ވެއްޖެއެވެ. އެ މުބާރާތަކީ ރާއްޖެއަށް ފުޓްސަލްގެ ފޯރި ގެނެސްދިނުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރި މުބާރާތެވެ. ރާއްޖޭގެ އެންމެ ވަރުގަދަ، މަޝްހޫރު ފުޓްސަލް ކުޅުންތެރިންވެސް ކްލަބު މޯލްޑިވްސްއިން ތައާރާފު ވެގެން އައިރު، އެ މުބާރާތަކީ އަދިވެސް އެންމެ ޝަރަފުވެރި އެއް މުބާރާތެވެ. މުބާރާތުގައި އަބަދުވެސް ރާއްޖޭގެ ފުޓްސަލްގައި އެންމެ ވިދުން ގަދަ ތަރިން ފެނިގެން ދެއެވެ.
އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި ކްލަބު މޯލްޑިވްސް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލް ހޯދާފައިވާއިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު