ފަންސާސްފަސްވަނަ ބައި
މުޅި ދުނިޔެވެސް އޭނާއަށް ކެހި ދީފިއޭ ހީވެއްޖެއެވެ. ނުރޯން ހުއްޓަސް ފަހު ވަގުުތު އޭނާގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. ދުނިޔެއިން އެންމެ ބޭނުންވި އަންހެންކުއްޖާ އަންބަކަށް ވެފައި ވެސް ގެއްލެނީ ހެއްޔެވެ؟ ޝުހޭލަށް ހީވީ ކޮށި ވަޅިޔަކުން ހިތުގައި ޅިޔަ އަޅުވާލިހެންނެވެ.
***
ފަތިސް ނަމާދުގެ ބަންގިއާއެކު އަނާރަށް ދެލޯ ހުޅުވައިލެވިއްޖެއެވެ. ފުރަތަމަވެސް އޭނާއަށް ބަލައިލެވުނީ ޝުހޭލް އޮތްތޯއެވެ. ޝުހޭލް ނެތްކަން އެނގުމުން އަނާރް ކަންބޮޑުވިއެވެ. އަދިވެސް ޝުހޭލް ނާންނަނީބާއޭ ހިތަށް އެރިއެވެ. ދެވަނަ ސިކުންތުގައި ޝުހޭލަށް ކަމެއްވީބާއޭވެސް ހިތަށް އެރިއެވެ. ގައި ދަށުވެފައި އޮތް ފޯނު ނެގީ ޝުހޭލްއަށް ގުޅުމަށެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ނުބައި ވަސްވާސްތައް އޭނާގެ ހިތުން ދުރުކޮށްދެއްވުމަށް އެދި ހިތާހިތުން ދުއާކޮށްލިއެވެ. ފޯނު ނިވިފައި އޮތްކަން އެނގުމުން އަނާރް ރުޅިއައެވެ. އެކަނި އޮންނަން ޖެހުމުން މާޒީގައި ހިނގާފައި ހުރި ކަންތައްތަކާ ޅަ އުމުރުގައި ދިމާވެފައިވާ ހިތްދަތި ދުވަސްތައް ހަނދާންވެފައި އޭނާއަށް ރޮވުނު ހަނދާންވިއެވެ. ނިދުނު ވަކި އިރެއް އޭނާ ހަނދާނެއް ނެތެވެ.
ފޯނު ހިފައިގެން ގޮސް ޗާޖަރަށް ޖަހާފައި ފާހާނާއަށް ވަނީ ވީތަނެއްގައި ޝުހޭލް ހެޔޮ ހާލުގައި ލެއްވުމަށް ދުއާ ކުރަމުންނެވެ. ވުޟޫކޮށްގެން ނިކުމެ ފަތިސް ނަމާދުކޮށް ނިމުނުތަނާ ބިނާން ހޭލައިފިއެވެ. އެނާ ކޮޓަރިން ނުކުތީ ބިނާން އުރާލައިގެން ހުރެއެވެ. ދުނިޔެ މައްޗަށް އަލިވާން ފަށާފައި ނުވާތީ ސިޓިން ރޫމަށް ވެރިވެފައިވަނީ ފަނޑު އައްޔެކެވެ. ސިޓިން ރޫމުން ނުކުމެވޭ ބެލްކަންޏަށް ނުކުމެލަން އަނާރް ނިންމީ ހިތްހަމަޖައްސައިލުމަށެވެ. ސޯފާގައި މީހަކު އޮތްހެން ހީވުމުން އަނާރް ބަލައިލިއެވެ. އެހިނދު އޭނާއަށް ހީވީ މީހަކު ހިތުގައި ހިފާ ފިތާލި ހެންނެވެ.
ލަސްލަހުން ސޯފާގައި ނިދާފައި އޮތް ޝުހޭލާ ގާތަށް އަނާރް ފިޔަވަޅު އަޅަމުން ދިޔައެވެ. އެތަނުގައި ޝުހޭލް އޮންނަން ޖެހުނު ސަބަބެއް އޭނާއަށް ވިސްނާ ވިސްނާވެސް ނޭނގުނެވެ. ޝުހޭލް ގާތަށް ހުއްޓި އަނާރް ޓައިލްސްތަކުގެ މަތީގައި އިށީނެވެ. އޭނާއަށް ޝުހޭލްއަށް ގޮވަންވެސް ނޭނގި އިނދެވުނީ ފުން ނިންޖެއްގެ ތެރޭގައި އޮތް ޝުހޭލްގެ މޫނަށް ބަލަައްޓައިގެންނެވެ. ތަނަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިން ޝުހޭލްގެ މޫނު އޭނާއަށް ފެންނަމުން ދިޔައީ ޖާދޫވީ ގޮތަކަށެވެ. ޝުހޭލްގެ މޫނާ ދިމާލަށް އަތް ގެންދެވުނީ ބޭއިހުތިޔާރުގައެވެ.
ބަނޑުހައިވެގެން ކަންނޭނގެއެވެ. ބިނާން ރޯލި އަޑަށް ޝުހޭލް އެސްފިޔަ ތަޅުވާލިއެވެ. އެމަންޒަރު ފެނުމުން އަނާރް އަތް ތިރިކޮށްލިއެވެ. ޝުހޭލް ދެލޯ ހުޅުވާލިއެވެ. ފުސްވެފައިވާ ދެލޮލަށް އޭނާއަށް ދާދި ގަތުގައި އިށީނދެގެން އިން އަނާރް ފެނިއްޖެއެވެ. ބޮލުގައި ރިހުމެއް ހުރިކަން އެނގުނީ ތެދުވަން އުޅުނު ވަގުތުގައެވެ. ޝުހޭލްގެ ދުޅަވެފައިވާ ދެލޮލާއި މޫނު ފެނުމުން ކަންތައްތައް ރަނގަޅު ނޫންކަން އަނާރަށް އެނގުނެވެ. އަނާރަށް އެންމެބޮޑު ހައިރާންކަމެއް ލިބުނީ ޑިޔުޓީއަށް ދިޔަ ހެދުމުގައި ޝުހޭލް އޮތުމުންނެވެ. އެހެންކަމުން ޝުހޭލް އެނބުރި އައިސް ކޮޓަރިއަށް ނުވަންނަކަން އަނާރަށް އެނގުނެވެ.
***
ހަވީރަށް ހަމަޖެހިފައި އޮތް ކައިވެނީގެ ހަފްލާއަށް ތައްޔާރުވުމުގައި އަވަދިނެތި ޒައިނާ އުޅުނެވެ. ކައިވެނިކުރެވޭ މާލަމަށް ދާންޖެހެނީ ހަވީރު 4:30 އަށެވެ. މުޅި ގޭތެރެއަށް ވަނީ ހަލަބޮލި ކަމެއް ވެރިވެފައެވެ. ޒައިނާގެ ކޮޓަރީގައި އޭނާ ތައްޔާރުކުރުމަށް ތިން އަންހެންކުދިން އުޅުނެވެ. ކޮޓަރި ތެރޭގައި އެމީހުންނަށް އަތް ގާތްކޮށްދިނުމަށް މިހުނާ އުޅުނެވެ. އިރުކޮޅަކާ ކަހަލަ ގޮތަކަށް އާހިލް ނޫނީ ރާހިލް ވަދެ ޒައިނާ އާ ޖެއްސުން ކޮށްލައެވެ. އެހުރިހާ ފަހަރަކުވެސް ޒައިނާގެ ތުންފަތަށް ވެރިވަނީ ހިނިތުންވުމެކެވެ.
ހުދުކުލައިގެ ވެޑިން ޑްރެސްގައި ޒައިނާ ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އެއީ އޭނާކަން ގަބޫލުކުރަން ދަތިވާ މިންވަރަށް އެކުދިން އޭނާ ތައްޔާރުކޮށްލައިފިއެވެ. އޭނާ ސިހިގެން ދިޔައީ މިހުނާ އައިސް އަތުގައި ހިފައިލުމުންނެވެ. ޒައިނާ ހީލުމާއެކު މިހުނާގެ ހިތް އުފަލުން ފުރިގެން އައެވެ.
"މަންމަ އެބަ އަންނަން ތައްޔާރުވެލައިގެން. މިތަނުގައި ދަރިފުޅު މަޑުކޮށްލާ އިނގޭ. މިތަނަށް ނާންނާނެ އެއްވެސް މީހަކު" މިހުނާ ބުނެލިއެވެ. އޭނާ ދިޔައީ ޒައިނާގެ ހެދުމުގެ ފަހަތަށް އޮތް ބައި ރީތިކޮށްލައިފައެވެ. މިހުނާ ނުކުތުމާއެކު އަނެއްކާވެސް ޒައިނާގެ ނަޒަރު ސީދާވީ ލޯގަނޑާއެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ އަބާނާ ކައިވެނިކުރަން އޭނާ ތައްޔާރުވި ރެއެވެ. އެރޭގައިވެސް އޭނާ ހުރީ އެހާ އުފަލުންނެވެ. އަބާންގެ އަންބަކަށް ވާން އުޅޭކަން އެނގޭތީ އޭނާ ހުރީ ނުލާހިކު އުފަލުންނެވެ. ޒައިނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފަނޑެވެ. ހަނދާނުން ފޮހެލާފައިވާ މަންޒަރުތަކެއް ލޯމަތީގައި ސިފަވާން ފެށުމުން އަމިއްލަ ނަަފްސުދެކެ ހިތްހަމަނުޖެހުނެވެ. ދެލޯ މަރައިލީ އެވިސްނުންތަކާ ދުރުވެލުމަށެވެ. އިސާހިތަކު އޭނާގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވެލިއެވެ. ދެލޯ ހުޅުވާލިއިރު އޭނާގެ ކުރިމަތީގައި އާކާޝް ހުއްޓެވެ. އޭނާއަށް ހީލެވުނީ ދާދި ކައިރިން ނޭފަތުގައި ޖެހުނު މީރު ވަހަކުންނެވެ. ދެލޯ ނުހުޅުވައިވެސް އޭނާއަށް އެއީ އާކާޝް ކަން އެނގިއްޖެއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެހެންވެއެވެ.
"ގޯޖަސް...." އާކާޝް މަޑުމަޑުން ބުނެލިއެވެ.
"ކީއްކުރަން ތިއައީ؟" ދެއަތުން ހެދުމުގެ ފަސްބައިގައި ހިފައި އުފުލައިލަމުން ޒައިނާ އެހިއެވެ.
"އެނގޭ ތި ހެދުމުގައި ހުއްޓަ އެންމެ ފުރަތަމަ ޒައި ފެންނަން ބޭނުންވާނީ އަހަރެންނަށްކަން" އާކާޝް ބުނެލިއެވެ. އަދި ޒައިނާ އާ ގާތަށް ޖެހިލާ ފަހަތުން ޒައިނާގެ އުނަގަނޑު މަތީގައި އަތްއަޅުވާލިއެވެ.
"ކީއްތިކުރަނީ؟" އާކާޝްގެ އަމަލުތައް ހުރިގޮތުން ޒައިނާ ބުނެލިއެވެ. އާކާޝްގެ މޫނު ގާތްކުރާ ވަރަކަށް ޒައިނާ ދިޔައީ ހުރި ތަނުގައި ހުރެ ހަށިގަނޑު ފަހަތަށް ޖައްސަމުންނެވެ.
"މަންމަ އެއައީ" ޒައިނާ ބުނެލިއެވެ. އެއާއެކު އާކާޝް ޒައިނާގެ ގައިން ދޫކޮށްލިއެވެ. އާކާޝްއަށް ވިގޮތް ފެނުމުން ޒައިނާއަށް ހެވިއްޖެއެވެ. ދެކުދިންްނަށްވެސް ސިހުން ލިބުނީ ކުއްލިއަކަށް މިހުނާ އެތެރެއަށް ވަނުމުންނެވެ.
"ކޮބާ" ޒައިނާ ސިއްރު ނަޒަރެއް އާކާޝްއަށް ދެމުން ސިއްރުން ބުނެލިއެވެ. އާކާޝްއަށް ހެވުނެވެ.
"އައްކި މިތަނުގަތަ؟ އާލް އާއި ރާލް ގޮއްސި ތިގެއަށް އައްކިބެ ކައިރިއަށޭ ކިޔާފަ" އެތެރެއަށް ވަދެގެން އައި މިހުނާ ހުއްޓުނީ ޒައިނާ ކައިރީގައެވެ.
"މިދަނީ މިހާރު އެކޮޅަށް ދާން" އާކާޝް ބުނެލިއެވެ.
"ޒައި މޫނު ދެކިލާހިތުން ނުހުރެވިގެން ދޯ ތިއައީ" މިހުނާ އާކާޝްއާ ސަމާސާ ކޮށްލިއެވެ. ބުނާނެ އެއްޗެއް އާކާޝްއަށް ނޭނގުނެވެ. ދޮރާ ދިމާލަށް ހިނގައިގަތެވެ. އާކާޝް ދިޔަގޮތުން އޭނާ ހުރީ ލަދުންކަން މިހުނާއަށް އެނގުނެވެ.
އާކާޝް ނުކުތްތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޒައިނާގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ފޯނު އޮތީ ސައިޑް ކަބަޑު މަތީގައެވެ. ބޮޑު ހެދުމަކާއެކު ޒައިނާއަށް ފޯނު ނަގަން ދާން އުނދަގުވާނެތީ އޭނާއަށް ފޯނު ގެނެސްދިނީ މިހުނާއެވެ.
"ބައްޕަ ގުޅީމަ ނުކުންނަންވީ؟ ނިޝާނާއާ ކުޑަމީހާ ބަލާ ސަމީރު އެބައާދޭ މިހާރު" ޒައިނާގެ ހެދުން ރީތިކޮށްލަމުން މިހުނާ ބުނެލިއެވެ. މިހުނާ ދެއްކި ވާހަކައަށް އޭނާއަށް ސަމާލުކަމެއް ނުދެވުނީ އާކާޝް ފޮނުވާފައި އޮތް މެސެޖް ފެނިފައެވެ.
"ދޮންބެދައްތަ އައިމަ މިގަޑީގައި ޒައިއަށް ތި ސަލާމަތްވެވުނީ. މިރޭ ކިހިނެއް ހަދާނީ" ލަވް އިމޯޖީއަކާއެކު އާކާޝް ފޮނުވާފައި އޮތެވެ. ޒައިނާގެ ތުންފަތަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ.
***
އަބާނާއި ސައިފް ބައްދަލުކުރީ ސައިފްގެ އޮފީސް ބޭރުންނެވެ. ބައްދަލުކުރަން އެދުނީ ސައިފްއެވެ. އަބާނާ ކޮންމެހެންވެސް ވާހަކަދައްކާލަން ބޭނުންވާކަމަށް ބުނެލިއެވެ. ކެފޭއަކަށް އަރަން އެކަކުވެސް ބޭނުމެއްނުވިއެވެ. ފުރުމުގެ ކުރިން ނިންމަންޖެހޭ އޮފީސް މަސައްކަތްތަކެއް ހުރިކަމަށް ސައިފް ބުނެފައި ދެ އެކުވެރިން ވާހަކަދައްކަން މަޑުކޮށްގެން ތިބީ އެއްފަރާތުގައި ޕާކްކޮށްފައި ހުރި ސައިފްގެ ސައިކަލް ކައިރީގައެވެ.
"މަންމަމެން ޒައިނާގެ ވެޑިންއަށް ގޮސްވީ" ސައިފް އެހުމަކާ ނުލައި އަބާން ބުނެލިއެވެ.
"ހިތަށް ތަދުވީތަ އެހެންވެ" ސައިފް ބުނެލިއެވެ. އަބާން ދެފަރާތަށް ބޯހޫރާލީ ނިކަން އަވަހަށެވެ.
"އަނާރްވެސް ނުލިބުނީ. ޒައިނާވެސް ނުލިބުނީ. މަގޭ ހިތަށް އަރާ ކަލޭ ދެން ހިތާވާނީ ކާކާ ބާއޭ؟" ސައިފް ބުނެލިއެވެ.
"އަނާރް އަންނާނެ އަހަރެން ކައިރިއަށް. އޭނަ އަހަރެންނާ ހަމައަށް ގެންނާނީވެސް އޭނަގެ ހަޒްބަންޑް. ބަލައްޗޭ" ޔަގީންކަމާއެކު އަބާން ބުނެލިއެވެ.
"ހާދަ ޔަގީންކަމެއް. ތިހެން ނުވެވެސްދާނެއްނު. ހަމަގައިމުވެސް އަނާރް ހިތުން ރުހުމަކުން ނާންނާނެ" ސައިފް ބުނެލިއެވެ.
"ލެޓްސް ސީ. ކޮންއިރަކުން ފުރުން އޮތީ؟" އަބާން އެހިއެވެ.
"ރިޒަރވޭޝަން ހައްދާފަ. ކަލެއާ އެއްކޮށް ހެއްދީ" ސައިފް ބުނެލިއެވެ.
"އަހަރެން އަދި ފައިނަލްއެއް ނުކުރަން" އަބާން ބުނެލިއެވެ.
***
ކައިވެނީގެ މަޖިލިސް ފެށިގެން ކުރިއަށްދާން ފެށުމާއެކު ޒައިނާ ހަމަޖެހުމުގެ ނޭވައެއްލިއެވެ. އަބާން ކަންތައް ކުރި ފަދައިން ކަމެއް ވެދާނެތީ އެ ބިރުވެރިކަން ކޮންމެވެސް ސިފައެއްގައި އޭނާގެ ހިތުގައި ވިއެވެ. އެހެންނަމަވެސް މިހާރު އެ ބިރުވެރިކަން މަޑުމަޑުން ފިލައިގެން ގޮސްފިއެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އާކާޝްގެ އަންބަކަށް އޭނާ ވާނެއެވެ. އޭނާގެ ހިތް މިލްކުކުރި އިންސާނާއަކީ އޭނާގެ ހަގީގީ ބައިވެރިޔާކަން އިހުސާސްވި ދުވަހުން ފެށިގެން އެ ލޯތްބަށް އޭނާ އިތުބާރު ކުރިއެވެ. އަބާންގެ ފަރާތުން ލިބުނު ކަހަލަ ހުވަފެން ފަދަ ލޯތްބެއް އޭނާއަށް ނުލިބޭނެކަމުގެ ޔަގީންކަން އޭނާއަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ލިބިއްޖެއެވެ. ގާޒީގެ އަޑުދަށުން އާކާޝް ކިޔަމުން ދިޔައެވެ. އެ ހިނދުކޮޅު އާކާޝްގެ މޫނަށް ޒައިނާ ބަލައިލިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލާފައި ކުރިމައްޗަށް ބަލައިލިއިރު އެތައް ބައެއްގެ ލޯތައް އޭނާއަށް އަމާޒުވެފައި ވީތަން ފެނުނެވެ. އޭނާ ލަދުގަތެވެ. އިސްޖަހައިލެވުނުއިރު ދެއަތްތިލަ ފިނިވެއްޖެއެވެ. ވަގުތު ކުޑަތަންވަމުންދާ ވަރަކަށް އޭނާގެ ހިތް އަވަސްވަމުން ދިޔައެވެ.
ދެފަރާތުގެ މައިންބަފައިންގެ ނަމާއި ރަނުގެ އަދަދާ އަދި ހެކިވެރިންގެ ނަމާ ގުޅުވައިގެން ގާޒީ އާކާޝްއަށް އަނބި ގަބޫލުކޮށްދިން ވަގުތު ޒައިނާއަށް ދެލޯ މަރައިލެވުނެވެ. އާކާޝްގެ އަޑުން އޭނާ އަންބެއްގެ ގޮތުގައި ގަބޫލުކޮށްފީމޭ ބުނާ އަޑު އަހާހިތުން އޭނާ އިނީ މޮޔަވާވަރު ވެފައެވެ. އެހެން އިންދައި ކުއްލިއަކަށް އޭނާގެ އަތުގައި މީހަކު ހިފިކަން އިނގުމުން ލޯ ހުޅުވައި ބަލައިލިއެވެ. އޭނާ އާކާޝްއަށް ބަލައިލިއެވެ.
"އަނބި ގަބޫލުކޮށްފިން" އާކާޝް އެހެން ބުނެލިއިރު އޭނާގެ ނަޒަރު ސީދާވެފައި ހުރީ ޒައިނާގެ ދެލޮލަށެވެ. ހިފަހައްޓާލައިގެން ހުރި ނޭވާ ޒައިނާއަށް ދޫކޮށްލެވުނީ އެވަގުތުއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އާކާޝްގެ އަތުގައި ހިފާލާފައި އާކާޝްގެ އަތުގައި ބޯޖައްސައިލިއެވެ.
"އައި ލަވް ޔޫ ހަޒްބަންޑް" އާކާޝް ބަލައިލުމުން ވައިއަޑުން ޒައިނާ ބުނެލިއެވެ. އެ އަޑު ލުއި މިޔުޒިކެއް ފަދައިން އާކާޝްގެ ކަންފަތުގެ ހިނދުރީގައި ހަރުލައިފިއެވެ. ޒައިނާ އެހެން ބުނެލާ އަޑު އަހާ ހިތުން އޭނާ ކުރި ދިގު އިންތިޒާރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ހީވެސްނުކުރާ ގޮތަކަށް އެންމެންގެ ތެރޭގައި ޒައިނާ އެހެން ބުނުމުން އާކާޝް ހިތަށް އެތައް ހާސް އުފާވެރިކަމެއް ވެރިވެއްޖެއެވެ. ޒައިނާގެ އަތްތިލައިގައި އޭނާ ބޮސްދިނެވެ. އެދެމެދުގައި އާކާޝް އާއި ޒައިނާއާ ދެމެދު ވެގެންދިޔަ ހުރިހާ ކަމެއް ރާހިލް ގެންގުޅުނު ކެމެރާގައި ރައްކާކުރަމުން ދިޔައެވެ.
***
ޕާޓީ ފެށިގެން ކުރިއަށް ދިޔައިރު ޒައިނާގެ ތުންފަތްމަތިން ހިނިތުންވުން ފިލައި ނުދެއެވެ. ދެމަފިރިން ހުންނަން ހަމަޖެހިފައިވާ ތަނުގައި މަޖާ ވާހަކައާއި ސަމާސާ ކުރުން ތަކުގައި ދެމަފިރިން ތިއްބާ ކުއްލިއަކަށް ޒައިނާގެ ލޮލުގައި އަޅައިގަތީ އަބާންގެ މައިންބަފައިންނެވެ. އެތައް ދުވަހަކު އުންމީދާ ފެނުމުން ޒައިނާ ހިތް އުފަލުން ފުރުނެވެ. އުންމީދާއަށް ވުރެ ކުރިން ޒައިނާއަށް އުންމީދާއާ ދިމާލަށް ހިނގައިގަނެވިއްޖެއެވެ. ޒައިނާއާ ނުބަލަން އުޅޭ ކަހަލަ ގޮތަކަށް ނަސީމްގެ އަމަލުތައް ހުއްޓެވެ. އަމިއްލަ ދަރިފުޅު ޒައިނާއާ މެދު ކަންތައް ކުރި އިހާނެތި ގޮތް އަދިވެސް ނަސީމްގެ ހިތުން މުޅިން ފިލައި ނުދަނީކަން ޒައިނާއަށް އެނގުނެވެ.
"މާޝާﷲ. ވަރަށް ލޯބި ޒައި" ޒައިނާގެ މޫނުގައި ފިރުމާލާފައި އުންމީދާ ބުނެލިއެވެ. ޒައިނާ އުންމީދާގެ އަތުގައި ހިފައިލިއެވެ. ހާލު އަހައިލިއެވެ. އުންމީދާގެ ގައިގައި ބައްދާލާފައި ކައިރީގައި ހުރި ޝުބާގެ އަތުގައި ހިފައިލިއެވެ. އަދި ނަސީމަށް ހިނިތުންވުމެއް ދިނެވެ. ޒައިނާގެ އެ ހިތްހެޔޮކަން ފެނި އެ ދެމަފިރިންގެ ހިތުގައި ޒައިނާއަށްޓަކައި ލޯތްބާ ގަދަރު އިތުރަށް އުފުލުނެވެ.
ކައިވެންޏަށްފަހު ޒައިނާ އާއި އާކާޝްއާ ދެކުދިންނަށް މައިންބަފައިންގެ ފަރާތުން ލިބުނު ހަދިޔާއަކީ ރާއްޖޭގެ ހިތްގައިމު ރިސޯޓަކުން ދިހަ ދުވަހުގެ ހަނީމޫން ޕެކޭޖެކެވެ. ޕާޓީ ނިމުނުގޮތަށް އާއިލާ ބައެއް މެންބަރުންނާއެކު ދެކުދިން ދިޔައީ ތިން ނަންބަރަށެވެ. ތައްޔާރަށް އޮތް ލޯންޗަށް ދެކުދިން އަރާ ނައްޓާލިއިރު ދެކުދިންގެ ތުންފަތުގައިވެސް ވީ ހިނިތުންވުމެކެވެ.
ރިސޯޓުގެ ދޮންވެލި ފަސްގަނޑުގައި ފައި ޖެހުމާއެކު ޒައިނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފުޅާވިއެވެ. އަރައިގެން ހުރި ފައިވާން އަތަށް ނަގައިގެން އާކާޝްގެ އެހީތެރިކަމާއެކު ފަސްގަނޑު މަތީގައި ހުރި ޒައިނާ ރަނާއި ރިހިން ޖަރީވެފައިވާ އުޑުމައްޗަށް ނަޒަރު ހިންގައިލިއެވެ. އިރުއޮއްސެން ތައްޔާރުވެފައި ހުރިއިރު އުޑުމަތީގައި ހީވަނީ ކުޅަދާނަ ކުރެހުންތެރިއެއްގެ ފިއްސަކުން ކުލަ ޖައްސާފައި ހުރިހެންނެވެ. ގުދުރަތުގެ ލާމަސީލު މިސާލެކެވެ. ހެއްދެވިފަރާތުގެ ކުޅަދުންވަންތަކަމާއެވެ.
"ވާއު...." ޒައިނާގެ ދެތުންފަތް ދޭތެރެއިން ނިކުތެވެ. އެވަގުތު އާކާޝް ޒައިނާއަށް ބަލައިލިއެވެ.
"ބިއުޓިފުލް ދޯ" ޒައިނާ ބުނެލިއެވެ.
"ހޫމް. ވަރަށް. އަދި ތި ތުންފަތް ވަކިން ލޯބި" އާކާޝް ބުނެލިއެވެ. ޒައިނާގެ ނަޒަރު އާކާޝްއަށް ހުއްޓުނެވެ. އާކާޝް ބަލަހައްޓައިގެން ހުރީ އޭނާގެ މޫނަށް ކަން އެނގުމުން ޒައިނާ ލަދުގަތެވެ. އެހެންވިޔަސް އެކަން ދައްކަން ޒައިނާ ބޭނުންނުވިއެވެ. އޭނާ އާކާޝްގެ މޫނުގައި ހިފާލާފައި އުޑާއި ދިމާލަށް އުފުލައިލިއެވެ.
"އަހަރެން މިދައްކަނީ ގުދުރަތީ ރީތިކަމުގެ ވާހަކަ" ޒައިނާ ބުނެލިއެވެ. އަކާޝްއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ފަޔާޒްގެ އެކުވެރި އަޒީޒު ދެކުދިން ކައިރިއަށް އައިސް ހުއްޓި ސަލާމް ގޮވާލިއެވެ.
***
ކޮޓަރިއަށް ދިޔަ މަގުމަތީގައި ކޮށީގައި އިން ބިނާން އަތުގައި އޮތް ކުޅޭ އެތި ވެއްޓިފައި އޮތުމުން އެ ނަގައި ބިނާން އަތަށް ދިނުމަށްފަހު އަނާރް އަވަސްވެލީ ސައިބޯން ޝުހޭލްއަށް ގޮވުމަށެވެ. ސޯފާގައި އޮވެފައި ކޮޓަރިއަށް ވަންގޮތަށް ޝުހޭލްގެ އެއްވެސް ހަބަރެއް ނުވެއެވެ. އޭނާ ހީކުރީ އެހެން ދުވަސްތަކެކޭ އެއްގޮތަށް އޭނާއާ އެކު ސައިހެދުމުގައި ޝުހޭލް ބައިވެރިވާނެ ކަމަށެވެ. ޝުހޭލްގެ މިޒާޖަށް ބަދަލުތަކެއް އައިސްފައިވާކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ޝުހޭލް ކައިރީގައި އެއްވެސް ޝަކުވާއެއް ކުރަން އަނާރް ބޭނުމެއް ނުވިއެވެ. ވީކަމެއްގެ ވާހަކަ ޝުހޭލް އަމިއްލައަށް ބުނަންދެން އޭނާ މަޑުކުރާނެއެވެ.
ކޮޓަރިއަށް ވަންއިރު ލައިގެން ހުރި އެއްޗެއްސާއެކު އެނދުގައި ނިދިފައި އޮތް ޝުހޭލް ފެނުމުން އަނާރް ހައިރާންވިއެވެ. އޭނާ ހީކުރީ ފެންވަރައިގެން ކޮންމެވެސް މަސައްކަތެއް ކުރަން ޝުހޭލް އިން ކަމަށެވެ. ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވާފައި އަނާރް ކުރިއަށް ހިނގައިގަތެވެ. ޝުހޭލްގެ މަގަތުން އިށީނުމަށްފަހު ގޮވާލިއެވެ. ހަބަރެއް ނުވިއެވެ. އަނާރް ޝުހޭލްގެ އިސްތަށިކޮޅުގައި ފިރުމާލާފައި ގޮވާލިއެވެ. އެއާއެކު ޝުހޭލް ދެލޯ ހުޅުވާލައިފިއެވެ. އަނާރަށް ފާހަގަކުރެވުނީ ޝުހޭލްގެ ދެލޮލުގެ ބޮނޑިމަތި އަދިވެސް ދުޅަވެފައިވާ ކަމެވެ. މާގިނައިރު ނިދުމުގެ ސަބަބުން ވީގޮތެއް ކަމަށް ބަލާފައި އަނާރް އަޅައެއްނުލިއެވެ.
"ހިނގާ ސައިބޯން" ޝުހޭލްގެ ކަޅި އަނާރަށް ހުއްޓުމާއެކު އަނާރް ބުނެލިއެވެ. ޝުހޭލް ދެކޮޅެއް ނެހެދިއެވެ.
"ކިހާ އިރެއް ވީ ގަޑިން؟" ހެޑްބޯޑުގައި ލެނގިލަމުން ޝުހޭލް ބުނެލިއެވެ. އެހެން ފަހަރުތަކާ ހިލާފަށް ޝުހޭލްގެ އަޑު ބަރެވެ.
"ނުވައެއް ޖަހަނީ" އަނާރް ބުނެލިއެވެ. ޝުހޭލް ބަލީތޯ އަހަން އުޅެފައިވެސް އަނާރް މަޑުކޮށްލިއެވެ. ކުރިން ޝުހޭލް ބުނޭތޯއެވެ. އޭނާ އިތުރަށް މާޔޫސްވީ އިތުރު އެއްޗެއް ނުބުނެ ތުވާލި ހިފައިގެން ޝުހޭލް ފާހާނާއަށް ވަނުމުންނެވެ.
ޝުހޭލް ފާހާނާއިން ނުކުތުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައި ނަގާފައި އޮތް އޭނާ ގޭތެރޭގައި ލައި އުޅޭ ކަހަލަ ޓީޝާޓަކާ ސޯޓެކެވެ. އެއީ އަނާރްގެ ކަމެއްކަން އޭނާއަށް އިނގުނެވެ. ބޭކާރު ކަންތައްތަކާ ވިސްނަން ބޭނުންނުވިޔަސް އަނެއްކާވެސް އޭނާގެ ނަފްސަށް ހިމޭންކަމެއް ވެރިވިއެވެ. ރޭގައި އެމީހަކާ ދެކެވުނު ވާހަކަތައް އޭނާގެ ހަނދާނާ ކުޅެލައިފިއެވެ. އެނދުގައި އިށީނދެފައި ޓީޝާޓާ ސޯޓް އަތުތެރެއަށް ލިއެވެ. އެއީ އަނާރްގެ ދެއަތުން ދޮވެ އިސްތިިރިކޮށްފައި ހުރި އެއްޗެހިކަން އެނގުމުން އެ އެއްޗެހީގައި އޭނާ ބޮސްދިނެވެ. ދެލޮލަށް ވެރިވެގެންދިޔަ ކަރުނަތަކާއެކު ރޭގައި އޭނާ އެމީހަކާ ދެކެވުނު ވާހަކަތަކާ މަންޒަރުތައް ލޯމައްޗަށް ސިފަވާން ފަށައިފިއެވެ.
***
ކެފޭ ތެރޭގައި އޭނާ އިނީ މީހަކު ބައްދަލުކުރަން ބުނެފައި އޮތީމާ މަޑުކޮށްލައިގެންނެވެ. ވަގުތަށް ކަމޭ ހިތުމަކީ އޭނާ އެންމެ އިސްކަންދޭ ކަމަށް ވާތީ މާކުރިން އޭނާ ގޮސް އިނެވެ. އޭރުވެސް އޭނާ އަނާރާ މެދު ވިސްނަމުން ދިޔައެވެ. އެހެން އިންދައި ކުއްލިއަކަށް އޭނާގެ ކުރިމަތީގައި އައިސް ހުއްޓުނީ އަބާނެވެ. ޝުހޭލާ ކުރިން ސަލާމަށް އަތްދިއްކޮށްލީ އަބާނެވެ. ޝުހޭލް މޫނުމަތީގައި ހިތްހަމަނުޖުހެމެއް ނެތެވެ. އޭނާ ތެދުވެފައި އަބާނާ ސަލާމް ކުރިއެވެ. ބައްދަލުކުރަން ބޭނުންވި ސަބަބާ ގުޅިގެން ޝުހޭލް ސުވާލުކުރީ ކޮފީއަށް އޯޑަރ ކުރި ފަހުންނެވެ.
"އަނާރް...." އަބާން ބުނެލިއެވެ.
"އަނާރަކީ އަހަރެންގެ އަނބިމީހާ" ޝުހޭލް ބުނެލިއެވެ. އަބާންގެ ދުލުން އަނާރްގެ ނަން ކިޔަންވެސް ޝުހޭލް ބޭނުމެއް ނުވިއެވެ.
"އައި ނޯ. ބުނަން މިއުޅެނީ އަނާރް އަހަރެން ދެކެ އަދިވެސް ވަރަށް ލޯބިވެޔޭ" އަބާން ބުނެލިއެވެ. ޝުހޭލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައީ އެ ހިސާބުންނެވެ.
(ނުނިމޭ)