ނިޒާމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ހަމައެކަނި ގޮތަކީ މަގުމަތިން އެކަން ކުރުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލަށްލި މައްސަލަ އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައިކޯޓުންވެސް ނިންމުމާ ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ސަރުކާރުގެ އަނިޔާވެރިކަން މިހާރު އެވަނީ ހައްދުފަހަނަ އަޅާފައި ކަމަށެވެ. އެގޮތުން ހައިކޯޓުން މިއަދު ކުރި ހުކުމަކީ ސަރުކާރުގެ އަނިޔާވެރިކަމަށް އިތުރުވި ބޮޅެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ގަސްތުގައި ރައީސް ޔާމީނަށް އަނިޔާވެރިވަމުންދާ ކަމަށާއި ރައީސް ޔާމީނަށް ވުރެ ބޮޑަށް ރައްޔިތުންގެ ލާބައަށް މަސައްކަތްކޮށްދެއްވިި ވެރިއެއް ދިވެހި ތާރީހުވެސް ދެކެފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ސަރުކާރުގެ ހުރިހާ ނިޒާމެއް މިހާރު ފެއިލްވެފައިވާ ކަމަށާއި މިހާރު ކުރަން އޮތް މަސައްކަތަކީ ނިޒާމުގެ ތެރެއިން ސަރުކާރު ބަދަލުކޮށް ރައްޔިތުންނަށް އަނބުރާ ގައުމު ހޯދައިދިނުމުގެ މަސައްކަތް ކަމަށެވެ.

"މިތަނުގައި (ރާއްޖޭގައި) މިއޮތީ ހުރިހާ ނިޒާމެއް ކޮރަޕްޓްވެފައި. ނިޒާމުގެ ތެރެއިން ރައީސް ޔާމީން އަބަދުވެސް އެ ބައްލަވަނީ މަސައްކަތްޕުޅު ކުރައްވަން. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ނިޒާމުގެ ތެރެއިން މަސައްކަތް ކޮށްގެން އަތުވާނެ ގައުމެއް ނޯންނާނެ. އެހެންވެ، އަޅުގަނޑުމެން ޖެހެނީ ނިޒާމުން ބޭރުން މަގުމަތިން މިސަރުކާރު ޖަވާބުދާރީ ކުރުވަން،" ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަންކުރުމަކީ ގައުމީ މަސައްކަތެއްކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލާ ކޮންމެ ގޮވާލުމަކަށް ރައްޔިތުން އިޖާބަދިނުމަަށް އެދޭ ކަމަށެވެ.