އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ލެސްޓާ ސިޓީން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ޗެލްސީ ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ. 19 މެޗުން 38 ޕޮއިންޓާއެކު ލެސްޓާ އެއްވަނައަށް ޖެހިލާފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑް އޮތީ 18 މެޗުން 37 ޕޮއިންޓް ހޯދައިގެން ދެވަނައިގައެވެ. މެންޗެސްޓާ ސިޓީ ތިންވަނައިގައި އޮތީ 17 މެޗުން 35 ޕޮއިންޓާއެކުގައެވެ.
ޑިސެމްބަރު މަހުގެ ކުރީކޮޅުގައި ޗެލްސީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް، މިދިޔަ ނުވަ ވަރަކަށް މެޗުގައި ފޯމް ގެއްލިގެން ގޮސް، ދަށް ނަތީޖާތަކެއް ނެރުމުގެ ސަބަބުން މިހާރު އެޓީމު ވަނީ އަށްވަނައަށް ވެއްޓިފައެވެ. 19 މެޗުން 29 ޕޮއިންޓް ޗެލްސީއަށް ލިބިފައިވާއިރު، ދަށް ނަތީޖާތަކާއެކު ކޯޗު ފްރޭންކް ލެމްޕާޑަށް ވަނީ މަގާމުން ވަކިކޮށްލައިފާނެ ކަމުގެ ބިރާ ކުރިމަތިލާން ޖެހިފައެވެ.
މުޅި މެޗުގައިވެސް ލެސްޓާ މާ ބޮޑަށްވެސް ޑޮމިނޭޓްކޮށް ކުޅެމުން ގޮސްފައިވާއިރު، ހަވަނަ މިނެޓުގައި ވިލްފްރެޑް އެންޑީޑީގެ ގޯލުން ލެސްޓާ ލީޑު ނެގިއެވެ. ހާފްގެ ފަހު ކޮޅަށް ގޮސް ޗެލްސީން ކުރިއަށް ޖެހި އެޓޭކް ކުރިއިރު، އެޓީމަށް ޕެނެލްޓީއެއް ދިނުމަށްފަހު ވީއޭއާރްގެ އެހީގައި ރެފްރީ ވަނީ ހިލޭ ޖެހުމަކަށް ނިންމުން ބަދަލު ކޮށްފައެވެ. ޖޮނީ އިވަންސް ކްރިސްޓިއަން ޕުލިސިޗަށް ކުރި ފައުލް އޭރިއާ ތެރެއިން ކުރިހެން ހީވި ނަމަވެސް ވީއޭއާރްއިން ބެލިއިރު ފައުލް ކުރީ އޭރިއާ ރޮނގުގެ ބޭރުންނެވެ.
ދެވަނަ ހާފް ނިމުމުގެ ކުރިން ލެސްޓާއިން ލީޑު ފުޅާކުރިއެވެ. ޗެލްސީ އޭރިއާ ތެރެއަށް މަތިން އައި ބޯޅައެއްގައި ފައި ޖައްސާލައި މާކް އަލް ބްރައިޓަން ފަހިކޮށްދިން ފުރުސަތު ޖޭމްސް މެޑިސަން ގޯލަށް ވައްދާލީ ފަސޭހަ ކަމާއެކުގައެވެ. ޗެލްސީއަށް ލެސްޓާ ގޯލަށް ނުރައްކާ ކުރެވުނީވެސް މަދުފަހަރެއްގައެވެ. ދެވަނަ ހާފްގައިވެސް ލެސްޓާގެ ޖޭމްސް ޖަސްޓިންއާއި ޔޫރީ ތީލަމަންސްގެ ފުރުސަތުތައް ފާހަގަ ވެގެން ދިޔައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު