ވާހަކަ

ހީނުކުރާހާ ލޯބިވަމޭ - 54

5

ފަންސާސްހަތަރުވަނަ ބައި

"އަހަރެން އެހާ ފަސޭހައިން ގިވްއަޕް އެއް ނުކުރާނަން. އަނާރް ހާސިލްކުރާނަން" ހިތާހިތުން އަބާން ބުނެލިއެވެ.

***

މެންދުރުގެ ކެއްކުން ތައްޔާރުކުރަން އަނާރާއެކު ބަދިގެ ތެރޭގައި އުޅުނު ޝުހޭލް ބަލައިލީ ފުރިޖް މަތީގައި އޮތް އޭނާގެ ފޯނު ރިންގްވާން ފެށި އަޑަށެވެ. އޭނާ ވަޅި ބާއްވާފައި ބަލައިލިއިރު އަރާފައި އިނީ ނުދަންނަ ނަބްރަކެވެ. ދެއަތް ފޮހެލާފައި ފޯނު ހިފައިގެން ސިޓިންރޫމުން ނިކުމެވޭ ބެލްކަންޏަށް ނިކުތީ އެއީ މުހިންމު ކޯލަކަށް ވެދާނެތީއެވެ. ފޯނު ނަގާފައި ކަންފަތުގައި ޖެހުމާއެކު އެކޮޅުން ސަލާމް ގޮވައިލި އަޑު އިވުނެވެ. ފިރިހެން އަޑެކެވެ. އެހެންނަމަވެސް ކާކު ކަމެއް ނޭނގުނެވެ.

ބިނާނަށް ގާތުން ދޭން އިން އަނާރަށް ޝުހޭލް ބަލައިލީ ފާޑަކަށެވެ. އެއަށްފަހު އޭނާ ސަމަލުކަންދިނީ ފޯނުން ދައްކަމުންދިޔަ ވާހަކަތަކަށެވެ. މާގިނަ ވާހަކަތަކެއް ނުދައްކާ އޭނާ ފޯނު ބާއްވާފައި އަނާރާ ގާތަށް އަންނަމުން ދިޔައެވެ. އެކޮޅުން ދެއްކި ވާހަކަ އަނާރާ ހިއްސާކުރަން ހިތަށް އަރާފައިވެސް މަޑުޖެހިލިއެވެ. އަނާރް ރިއެކްޓް ކުރާނެގޮތެއް ނޭނގޭތީއެވެ.

"ކާކު ގުޅީ؟" ޝުހޭލް އައިސް ހުއްޓުމާއެކު އަނާރް އެހިއެވެ.

"މިރޭ ތަންކޮޅެއް ލަސްވާނެ ގެއަށް އާދެވޭލެއް. މީހަކާ ބައްދަލުކޮށްލަންޖެހޭ. އަނާރް ކައިގެން ނިދާނީ އިނގޭ" އަނާރް ކުރި ސުވާލުގެ ޖަވާބުގެ ބަދަލުގައި ޝުހޭލް ދެއްކީ އެހެން ވާހަކައެކެވެ. އެކަން އަނާރަށް ފާހަގަވިޔަސް ކާކުގެ ފޯނު ކޯލެއްތޯ ދެވަނަ ފަހަރަށް ނާހައެވެ.

"ދަމުން އަހަރެމެން މާމަގެއަށް ޑޮރޮޕް ކޮށްލަދޭންވީނުން" އަނާރް ބުނެލިއެވެ.

"ތައްޔާރުވެގެން ހުރޭ" ޝުހޭލް ބުނެލިއެވެ. އެއަށްފަހު އޭނާ އަވަސްވެލީ ކުރަން ހުރި މަސައްކަތްތައް ކުރުމަށެވެ.

"އަހަރެން ވާހަކައެއް އަހާލަންތަ؟" އުނދުން ކައިރީގައި ހުރި ޝުހޭލް އެހިއެވެ. އަނާރް ބަލައިލާފައި ބޯޖަހައިލިއެވެ.

"އަރޫ އަބަދު ތިގޮތަށް ގޭތެރޭގަ ހުންނަންތަ ވިސްނަނީ. ނޫނީ ކިޔެވި އެއްޗެއްގެ ބޭނުންކުރަން ނުވިސްނަންތަ؟" ޝުހޭލް އެހިއެވެ. އަނާރް ވިސްނައިލިއެވެ. ޑޮކްޓަރަކަށްވުމަކީ އޭނާ ދެކުނު ހުވަފެނެކެވެ. އެތައް ބައެއްގެ އުންމީދާ ގުޅުފައިވާ ކަމެކެވެ. އޭނާގެ މަރުހޫމް މަންމަ އޭނާ ދުނިޔެއަށް ނާންނާނީސް ކުރި އުންމީދެކެވެ. ވަޒީފާއަށް ދާން ބޭނުމެވެ. ނަމަވެސް މިވަގުތު ހާލަތު އޭނާއަށް މަޖުބޫރު ކުރަނީ އެހެން ގޮތެކެވެ. ދުނިޔޭގައިވާ ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް އޭނާއަށް ދަރިފުޅު މުހިންމެވެ.

"ދާނަން އަދި. އިންޝާﷲ. މިނޫން ގޮތަކަށް ހާލަތު ބަދަލުވިއްޔާ ޔަގީނުންވެސް ޝުހޭލާއެކު ހޮސްޕިޓަލު ތެރެއިން އަހަރެން ފެންނާނެ" ޔަގީންކަމާއެކު އަނާރް ބުނެލިއެވެ.

***

ކޯޓުން ނިކުތް ނަސީމް އަބާންގެ ގައިގައި ބައްދައިލިއެވެ. ބުރަކަށީގައި ފިރުމައިލިއެވެ. ދަރިފުޅާ މެދު ފަހްރުވެރިވަމޭ ބުނެލިއެވެ. ދެބަފައިން ތިބީ ޖަސްޓިސް ބިލްޑިން ބޭރުގައެވެ. ވަގުތަކީ މެންދުރުގެ އެންމެ ހޫނުގަދަ ވަގުތެވެ.

"ބައްޕަ ވަރަށް އުފާވެއްޖެ މި މައްސަލަ ދަރިފުޅު ކާމިޔާބު ކުރީމަ. ޔަގީން ނޫސްތަކުގެ ފަލަ ސުރުހީގަ އޮންނާނީ މިވާހަކަތައް" އަބާނާއެކު ސައިކަލް ފަހަތަށް އަރަމުން ނަސީމް ބުނެލިއެވެ.

"ކިތަން މީހުން ބުނީ މިކަން ދާނީ ފަނު ފުލުންނޭ. ދަރިފުޅު ސާބިތުކޮށްދީފި ތިއީ ނިކަން ފިސާރި ވަކީލެއްކަން. ސާބަހޭ ދަރިފުޅާ" ދުއްވަމުން ދިޔައިރުވެސް ނަސީމް ހުއްޓާނުލާ ވާހަކަދައްކަމުން ދިޔައެވެ. އެހެންނަމަވެސް ލިބުނު ކާމިޔާބަކުން އަބާންގެ ހިތަށް ލިބުނު ހަމަޖެހުމެއް ނެތެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތް ވަނީ މާޔޫސްވެފައެވެ. ދަރިފުޅާ ލޯބިވެރިޔާ އޭނާއަށް ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ފަހު ވަގުތާ ޖެހެންދެން މަސައްކަތްކުރަން އޭނާ ބޭނުންވިއެވެ. އަނާރް ލިބެންޖެހޭނީ އޭނާ އަށެވެ.

"ކީއްކުރަން މިތަނަށް؟" ކާނިވާ ސަރަހައްދަށް ސައިކަަލް މަޑުކުރާށޭ ނަސީމް ބުނުމުން އަބާން އެހިއެވެ.

"އާދެބަލަ. ސެލެބްރޭޓް ކުރަންވާނެއްނު. އެބައިނޭ ސައިފްވެސް އެތެރޭގަ" ސައިކަލުން ފައިބާފައި ނަސީމް ބުނެލިއެވެ. އަބާނަށް ހީލެވުނެވެ. އޭނާގެ ސަބަބުން ބައްޕަ އުފާފާވަރުގެ ކަމެއް ކުރެވުނު ކަމުގެ ހިތްހަމަޖެހުން އެވަގުތު ލިބިއްޖެއެވެ. ދުވަހަކުވެސް ނަސީމް އެހާ އުފަލުން ހުރިތަނެއް އޭނާ ނުދެކެއެވެ.

"ސައިފް ބުންޏޭ ވާހަކައެއްދައްކަން ބޭނުންވާ ވާހަކަ" އެެތެރެއަށް ވަދެގެން ދަމުން ނަސީމް ބުނެލިއެވެ.

"މަންމަ ކައްކާފަ ހުންނާނެ. މަންމަ މައްސަލައެއް ނުޖައްސާނެތަ؟" އަބާން އެހިއެވެ.

"ބައްޕަ ތިކަން ހަމަޖައްސާނަން" ނަސީމް ބުނެލިއެވެ.

***

ޝުހޭލާ އަނާރް ތިބީ ސޯފާގައެވެ. ޓީވީން އަންނަމުންދިޔަ ޕްރޮގްރާމަކަށް ދެމީހުން ގެއްލިފައި ތިބިއިރު ޝުހޭލް އޮތީ އަނާރްގެ އުނގުގައި ބޯއަޅައިގެންނެވެ. ޝުހޭލްގެ ބޮލުގެ އިސްތަށިތަކާ މަޑުމަޑުން ކުޅޭން އިން އަނާރްގެ ނަޒަރު ތިރީގައި ސަކަރާތުގައި އިން ބިނާނަށް އިރުކޮޅަކާ ހުއްޓެއެވެ.

"ކީއްވެ ކުޑަކޮށް ކެއީ؟ ނުބައީތަ؟" އަނާރް އެހިއެވެ.

"ދުވަހަކުވެސް ބައްދަލުވެފައި ނެތް މީހަކު ކުއްލިއަކަށް ބައްދަލުކުރަން ބޭނުންވެގެން ބުނީމަ. އެކަމާ ވިސްނަން ހަދައިގެން ނުކެވުނީ" ޝުހޭލް ބުނެލިއެވެ. އަނާރަށް ބަލައިލާފައިވެސް އޭނާގެ ނަޒަރު ދެވަނަ ސިކުންތުގައި ހުއްޓުނީ ހުޅުވާފައި ހުރި ޓީވީއަށެވެ.

"ކާކު؟ އަނާރް އެހިއެވެ.

"އެންމެ ރަނގަޅު. އަހަރެން ވާހަކައެއް އެހިއްޔާ ތެދަށް ޖަވާބުދޭނަންތަ؟" ޝުހޭލް އެހިއެވެ. އެއީ ކާކުކަން އަނާރް ކައިރީގައި އޭނާ ބުނަން ބޭނުންނުވާ ކަހަލައެވެ.

"އަހަރެން ދުވަހަކުވެސް ޝުހޭލްއަށް ދޮގެއް ނަހަދަން" އަނާރް ބުނެލިއެވެ.

"އެހެންވިއްޔާ ބުނެބަލަ. މި ދިރިއުޅުން އުޅެން އަނާރަށް ފަސޭހަތަ؟" ޝުހޭލް އެހިއެވެ.

"އަހަރެން ނޫޅެން ޝުހޭލާއެކު ދިރިއުޅެން އުނދަގުވެގެނެއް" އަނާރް ބުނެލިއެވެ.

"އަހަރެންނަށް ކީއްވެތަ ހީވަނީ އަހަރެންގެ އަތުން އަނާރް ދޫވެގެންދާން އުޅޭހެން" ޝުހޭލް ބުނެލިއެވެ.

އެ ސުވާލަށް ދޭނެ ޖަވާބެއް އަނާރަށް ނޭނގުނެވެ. ޝުހޭލާ ވަކިވެގެން ދިރިއުޅުުމުގެ ހިޔާލެއް އޭނާ ނުކުރެއެވެ. އެ ދިރިއުޅުމަކީ ހެއްދެވި ފަރާތުން އޭނާއަށް ދެއްވި ދިރިއުޅުމެކެެވެ. ޝުހޭލާއެކު އޭނާ ހުންނަނީ އުފަލުންނެވެ. ވީއިރު އެކަހަލަ ވިސްނުން ޝުހޭލް އެވިސްނަނީ ކީއްވެގެން ހެއްޔެވެ؟

"އަހަރެން ނޫޅެން ދާކަށް. އަހަރެން ބޭނުންވަނީ އަހަރެންގެ ފިރިމީހާއާއެކު ދިރިއުޅެން" މަޑުމަޑުން އަނާރް ބުނެލިއެވެ. އޭނާއަށް އެ ޖުމްލަ ބުނެވުނީ އިރުކޮޅެއް ވަންދެން ހިމޭނުން އިނދެފައެވެ.

"އަހަރެންނާ އެކު އުޅެން ބޭނުންވަނީ ކީއްވެ؟ އަރޫ އަހަރެންދެކެ ލޯތްބެއް ނުވަމެއްނު" ޝުހޭލް އެހިއެވެ. އަނާރް ޖަވާބެއް ނުދިނެވެ. އިސްޖަހައިލެވުނީ ޝުހޭލް ބަލަން އިންދައެވެ.

"އެބަ އަންނަން ކޮޓަރިއަށް ވަދެލާފަ" ޝުހޭލް ހިނގައިގަތެވެ.

އަމިއްލަ ނަފްސު ކުއްވެރިކުރެވި އަނާރަށް ޝުހޭލް ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެވުނެވެ. އޭނާއަށް ޖަވާބެއް ނުދެވުނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ހިތާ އަނާރް ޝަކުވާ ކޮށްލިއެވެ. ޝުހޭލް އެދިޔައީ ވަރަށް ހިތުގައި ޖެހިގެންނޭ އަނާރްގެ ހިތް ބުނެލިއެވެ.

"ދުވަހަކުވެސް އަހަރެންނަށް ރަނގަޅުކަމެއް ނުވާނެ" އަމިއްލަ ނަފްސަށް އަނާރް އަޑުލިއެވެ. އެހާ ރަނގަޅު ފިރިއެއް ލިބިފައި ހުރިއިރުވެސް ދުވަހަކުވެސް އޭނާއަށް ފިރިމީހާދެކެ ލޯބިވާ ވާހަކަ ބުނެވިފައި ނެތެވެ. ފިރިމީހާގެ އިހުސާސްތަކަށް ގަދަރުނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ފިރިމީހާދެކެ ލޯބިނުވެވޭއިރު އަހަރެން ލޯބިވަނީ ކާކުދެކެ ހެއްޔެވެ؟ އަނާރް އަމިއްލަ ހިތާ ސުވާލު ކުރިއެވެ.

"ނޫން.. އަހަރެން އަބާންދެކެ ލޯތްބެއްނުވޭ. ނުވޭ. އަބާން ބޭނުމެއްވެސް ނުވޭ" މަޑުމަޑުން އަނާރް ބުނެލިއެވެ.

***

ފާހާނާއިން ނިކުތް ގޮތަށް އަނާރް ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އަމިއްލަ ސޫރައަށް ބަލައިލާފައި ނިދަން ލައިގެން ހުރި އަތްކުރު ޓީޝާޓްކޮޅަށް ދަމައިލިއެވެ. އޭނާގެ މޫނުމަތިން ނުތަނަވަސްކަމެއް ހުދު އޭނާއަށްވެސް ފެނިއްޖެއެވެ. ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވީ އޭނާ ހިތްހަމަޖެހިފައިވާކަން އަމިއްލަ ނަފްސަށް އަންގައިދިނުމުގެ ގޮތުންނެވެ. ޑްރެސިން ޓޭބަލް މަތީގައި އޮތް ފޯނަށް އޭނާގެ ނަޒަރު ހުއްޓުނީ އެއަށް މެސެޖެއް އައި އަޑު އިވުމުންނެވެ.

"ލަސްވާނެ. އަރޫ ނިދާ އިނގޭ. –ޝުހޭލް-" ދެތިިންފަހަރު އަނާރް އެ މެސެޖް ކިޔާލިއެވެ. އެހެންފަހަރުތަަކުގައި ޝުހޭލްގެ ފަރާތުން ލިބޭ މެސެޖްތަކާ މިފަހަރު ލިބުނު މެސެޖް ތަފާތުކަން އަނާރަށް ފާހަގަވިއެވެ. ޝުހޭލްގެ މެސެޖެއްވިއްޔާ އަބަދުވެސް ލޯބިވާ ވާހަކަ ބުނެލާނެއެވެ. އަނާރަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. އެހެން ރޭތަކަށް ވުރެ ޝުހޭލް ގުޅާފައި ވާހަކަދެއްކި މިންވަރުވެސް މަދުކަން އަނާރަށް ފާހަގަވިއެވެ. ފޯނު ހިފައިގެން ގޮސް އޭނާއަށް އިށީނދެވުނީ އެނދުގައެވެ. އޭނާ ވިސްނާލިއެވެ. އޭނާ ކުއްވެރި ކުރީ އޭނާގެ އަމިއްލަ ނަފްސެވެ. ޝުހޭލް އާ މެދު ކަންތައް ކުރެވެނީ ރަނގަޅަކަށް ނޫންކަން އޭނާއަށް އިހުސާސްވިއެވެ.

ވިސްނުންތަކެއްގައި ގެނބެން ފެށުމުން އޭނާގެ ބޮލުގައި ރިހުމެއް އުފެދިއްޖެއެވެ. ޝުހޭލް ކަންތައްތަކާ ހަވީރު އުމެއިރާ އާ ބައްދަލުކުރަން އެގެއަށް ދިޔަތަނާ އެގޭތެރޭގައި އުމެއިރާގެ ރަހްމަތްތެރިޔަކު އޭނާ އާ ގުޅިގެން ދެކެވުނު ވާހަކަތައް ހަނދާންވުމުން ބޮލަށް ބަރުވާން ފަށައިފިއެވެ. އެހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް އޭނާގެ ހިތަށް އުނދަގުވަމުން ދަނީ ޝުހޭލްގެ ދުރުކަން ހަނދާންވުމުންނެވެ. އިސާހިތަކު އަނާރްގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ދެތުންފަތް ފިއްތާ ބާރުކޮށްގެން ވީ ކަމެއް ނެތެވެ. ހުރިހާ އިހުސާސެއް އެއްފަހަރާ ބޭރުވެއްޖެއެވެ. އުމެއިރާގެ ގޭގައި ދެކެވުނު ވާހަކަތައް އޭނާގެ ކަންފަތް ކައިރީގައި މީހަކު ކިޔާހެން ހީވެއްޖެއެވެ. އޭނާގެ ހިޔާލީ ލޯގަނޑަށް އެމަންޒަރުތައް ސިފަވާން ނެގީ މަދު ސިކުންތުކޮޅެކެވެ.

ކާރު އެގޭ ކައިރިއަށް މަޑުކޮށްލުމާއެކު އަނާރާއެކު ޝުހޭލް ވެސް ފޭބިއެވެ. އަނާރް ގެއަށް ވަނުމުގެ ކުރިން ބިނާން އުރާލާފައި ލޯބި ކުރިއެވެ. އަނާރްގެ މޫނުގައި ފިރުމާލިއެވެ. ގެއަށް ދާންވީމައި ގުޅާށޭ ބުނެފައި އަނާރް ގޭތެރެއަށް ވަންނަންދެން މަޑުކުރިއެވެ.

އަނާރު އެތެރެއަށް ވަންއިރު އުމެއިރާ ސޯފާގައި އިނެވެ. ކައިރީގައި އިން ދެބައި އުމުރު އަންހެން މީހާ އަނާރަށް ހިނިތުންވުމެއް ދިނެވެ. އަނާރް ފެނުމާއެކު އުމެއިރާ ހިނިތުންވެލިއެވެ. ތެދުވެގެން ގޮސް ބިނާން އުރާލައިގެން އިށީނެވެ.

"މާމާ ކިހިނެއްތަ؟" އުމެއިރާ ކައިރީގައި އިށީނދެފައި އަނާރް އެހިއެވެ.

"އަލްހަމްދުﷲ. ވަރަށް ރަނގަޅު" ހިނިތުންވުމަކާއެކު އުމެއިރާ ބުނެލިއެވެ.

"މާމާ، ކޮބާ ޝެޒް؟" އަނާރް އެހިއެވެ. މާމަގެ ހާލު ބަލައިލާފައި އޭނާ ބޭނުންވީ އެތަނުން ތެދުވާށެވެ. ކައިރީގައި އިން އަންހެންމީހާ ބަލާހެން ހީވާތީ އޭނާއަށް އުނދަގުވަމުން ދިޔައެވެ. ތެދުވަން އުޅުނު ވަގުތު އުމެއިރާގެ ވާހަކަތަކުން އޭނާ އެތަނުގައި އިންނަން މަޖުބޫރު ވިއެވެ. މާމަގެ އެކުވެރިޔާއަށް ފުރަގަސްދީފައި ދާން ބޭނުން ނުވިއެވެ.

"ހަލީމާއަށް އިނގޭތަ؟ މިއީ އަހަރެންގެ ހަގު މަންޖެ. ފެނިފަ ދޯ ހުރީ" އުމެއިރާ ބުނެލިއެވެ.

"އާނ. އެކޮއިގެ ވާހަކަތައް އުމޭ ކިޔައިދިނޭ. ކޮބާތަ މިސޮރުގެ ބައްޕަ؟ ހާދަ ނުލަފާ ސޮރެކޭ ދޯ އެއީ. ކަނބުލޯ، ދެންވެސް ވިސްނައިގެން އުޅެއްޗޭ" ހަލީމާ ވާހަކަދެއްކިއެވެ. ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން އިނަސް ހަލީމާގެ ވާހަކަތަކުން އަނާރްގެ ނަފްސަށް އުނދަގޫތަކެއް ވެއްޖެއެވެ.

"އަހަރެންގެ ދަރިފުޅު މިހާރު އިނދެގެން އުޅެނީ ހަމަ ޖަވާހިރުކޮޅަކާ. މިސޮރު ދެކެ ނުލާހިކު ލޯބިވޭ" އުމެއިރާ ބުނެލިއެވެ. އަނާރްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"ދަރިފުޅު ކުޑައިރު ލޯބިވާނެ. ބޮޑުވެ އޭނައަށް އެހެން ދަރިއަކު ލިބޭ ހިސާބުން ތި ލޯތްބެއް ފެންނާކަށް ނޯންނާނެ. އަމިއްލަ ދަރި ވާނީ ދަރިއަށް. ދޮން ދަރި ވާނީ ދޮންދަރިއަށް. މިއީ ގިނަ ފަހަރަށް ވާގޮތް. އެސޮރު އެހެންވާނެއެކޭ ނޫން" ހަލީމާ ވަހަކަދެއްކިއެވެ. އަނާރްގެ މޫނުމަތި މިލައިގެން ދިޔައެވެ. އެވާހަކަތައް ޤަބޫލުކުރަން އޭނާ ބޭނުމެއްނުވިއެވެ. އަޑުއަހަން އިނަސް އެހުރިހާ ވާހަކަތަކާ އޭނާގެ ހިތް ދެކޮޅު ހަދަމުން ދިޔައެވެ. މީހަކު ދައްކާ ވާހަކައަކުން ޝުހޭލްއަށް އޭނާ ކުރާ އިތުބާރަށް ކުޑަވެސް ލޮޅުމެއް އަރަން އޭނާ ބޭނުމެއްނުވިއެވެ.

"ހުރިހާ ފަހަރަކު އެއްގޮތަކަށް އެއްވެސް ކަމެއް ނުވާނެއްނު. އަހަރެންގެ ދަނބި ދަރިފުޅަކީ ތިކަހަލަ މީހެއް ކަމުގައި ނުވެވެސްދާނެއްނު" އުމެއިރާ ވާހަކަދެއްކިއެވެ. އުމެއިރާގެ ވާހަކަތަކުން އަނެއްކާވެސް އަނާރަށް ހިތްހަމަޖެހުމެއް ލިބުނެވެ. ހިތްމަރުވެފައިވާ މީހަކަށް އަނެއް މީހާގެ ވާހަކަތަކުން ހިތްހަމަޖެހުން ގެނުވާ ގޮތަށް އުމެއިރާގެ ކޮންމެ ވާހަކައެއް އަނާރަށް ދިރުން ގެނުވަމުން ދިޔައެވެ.

"އުމޭ ތިބުނީ ރަނގަޅު ވާހަކައެއް. މިހާރު ކޮބާތަ މިސޮރުގެ އަސްލު ބައްޕަ؟" ހަލީމާ އެހިއެވެ. އަނާރް އެއްޗެއް ބުނަން ބޭނުމެއްނުވިއެވެ. އެވާހަކަތައް ދައްކަން އަނާރް ބޭނުންނުވާކަން އުމެއިރާއަށް އިނގުނެވެ. އެހެންވިޔަސް ބޮޑާ އަންހެނެއްހެން ކިތަންމެ އިރެއްވިޔަސް އަނާރް އެތަނުން ތެދުވެގެން ނުދާނެކަން އުމެއިރާއަށް އިނގެއެވެ.

"މިސޮރުގެ ބައްޕަ މިއީ އޭނަގެ ދަރިއެކޭ ބުނީމަ ފުރަތަމަ އިންކާރުކުރީ. މިހާރު އަނާރްގެ ފަހަތުން ނުނެއްޓިގެން އެއުޅެނީ. އެހެންނޫނަސް މިސޮރަށް މިސޮރުގެ އަސްލު ބައްޕައަށް ވުރެ ރަނގަޅުވާނީ މިހާރު މިސޮރު ބައްޕަ ކިޔާ މީހާ" އުމެއިރާ ވާހަކަދެއްކިއެވެ.

"އާނ އެކަމަކު ތިސޮރުގެ ބައްޕަ މިހާރު އެކަން ބޫލުކުރާގޮތަށް ހުރިއްޔާ އެސޮރަށް އެންމެ ބޭނުންވާނީ އެސޮރުގެ ބައްޕަ. ކޮންމެ މީހެއް ކައިރީގަ އެހިޔަސް ބުނާނީ މިހެން. އަހަރެން ފާޑުކިޔަނީއެއްނޫން. އުމޭ އަކީ އަހަރެންގެ ވަރަށް ގާތްއެކުވެރިޔަކަށް ވާތީ އަހަރެން ބޭނުން އުމޭގެ ދަރިންނަށްވެސް ރަނގަޅު ގޮތް ވާން" ހަލީމާ ވާހަކަދެއްކިއެވެ. އަނާރް އެތަނުން ތެދުވަން ބޭނުންވެފައި އިންދާ ޝެޒާ ކޮޓަރިން ނިކުތްކަން ނަސީބެވެ. އަނާރް އެތަނުން ގެންދިޔައީ ޝެޒާއެވެ. ކޮޓަރި ތެރޭގައި ދެބެން އެކަނިވުމާއެކު ޝެޒާގެ ގައިގައި އަނާރަށް ބައްދައިގަނެވިއްޖެއެވެ. އޭނާއަށް އިހުސާސްތައް ބޭރުވާން ފެށިއެވެ. އަބާން ބޭނުންނުވާ ވާހަކަ ތަކުރާރުކޮށް ބުނަން ފެށިއެވެ.

ވިސްނުންތަކުން އަނާރަށް އަރައިގަނެވުނީ ބިނާން ރޯލި އަޑަށެވެ. ދެލޯ ކައިރި ފޮހެލާފައި ބިނާނަށް ބަލައިލިރު އަނެއްކާވެސް ފުން ނިދީގެ ތެރެއަށް އެކުއްޖާ ފީނައިގަނެފިއެވެ. އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލާފައި އަނާރް ފުން ނޭވައެއް ބޭރުކޮށްލިއެވެ. ފޯނު ނަގާފައި ގަޑި ބަލައިލިއިރު ބާރަގަޑި ބައިވާން ކައިރިވެއްޖެއެވެ. އަދިވެސް ޝުހޭލްގެ ހިލަމެއް ނުވާތީ އަނާރް ކަންބޮޑުވިއެވެ. ގުޅަން އުޅެފައިވެސް ޝުހޭލް ލަސްވާނެކަމަށް ބުނެފައި އޮތުމުން އޭނާ ހަމަޖެހިލިއެވެ. އެނދުގައި އިށީނދެ ހެޑްބޯޑުގައި ލެގިލިއެވެ. އަނެއްކާވެސް ވިސްނުންތަކާ ފިކުރުތައް ހަފަރާތުން އޭނާ ވަށާލައިފިއެވެ.

***

އޭގެ އެއްގަޑިއިރު ފަހެވެ. ދޮރުހުޅުވާލާފައި ވަން ޝުހޭލްގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. މީގެ އިރުތަކެއް ކުރިން އޭނާ އާ ބައްދަލުކުރި މީހާ އޭނާ ކުރަމުން އައި އުންމީދުތައް ވެއްޔާ މޮޑެލައިފިއެވެ. އޭނާގެ މުޅި ހިތް މަރާލައިފިއެވެ. ކުރިމަގަށްޓަކައި ދިއްލާލި ބައްތީގެ ހުޅުކޮޅު ނިއްވާލައިފިއެވެ. ލަސްލަހުން ހިނގާފައި ގޮސް އޭނާ ކޮޓަރި ދޮރުމައްޗށް އެރިއެވެ. ދޮރު ނުހުޅުވެނީސް އޭނާއަށް އަނާރްގެ ރުއިމުގެ އަޑު އިވިއްޖެއެވެ. މޭގައި ފިރުމާލެވުނީ އަނާރް ރުއިމުގައި ވި އަސަރުން އޭނާގެ ހިތަށް ތަދުވީ ވަރުންނެވެ. އޭނާއަށް ސިއްރުން އަނާރް ހިތާމަތަކެއް ކުރާކަން އަދި ކިރިޔާ އޭނާއަށް އިނގުނީއެވެ. ހީވީ ހިތް ވިރިގެން ފައިބަންފެށީ ހެންނެވެ. އަނާރް ހުއްޓުވަން ދާނެހާ ހިތްވަރެއް މިއަދު އޭނާގެ ނެތެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތަށް ވަނީ ޝިފާ ބޭނުންވެފައެވެ. ހިތް ޒަހަމްވެފައި ވާއިރު އަމިއްލަ ނަފްސުވެސް ވަނީ ބަަލިކަށި ވެފައެވެ. ހިތަށް ކުރަމުންދިޔަ އަސަރުތަކާއެކު އޭނާގެ ދެފައިގައި ވެސް ތުރުތުރުލާން ފެށިއެވެ. ހުރި ދިމާލުން ތިރީގައި އޭނާއަށް އިށީނދެވުނީ ދެފައިގައި ކޮޅަށް ހުންނާނެހާ ބާރު ނެތިގެންނެވެ. މުޅި ދުނިޔެވެސް އޭނާއަށް ކެހި ދީފިއޭ ހީވެއްޖެއެވެ. ނުރޯން ހުއްޓަސް ފަހު ވަގުުތު އޭނާގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. ދުނިޔެއިން އެންމެ ބޭނުންވި އަންހެންކުއްޖާ އަންބަކަށް ވެފައި ވެސް ގެއްލެނީ ހެއްޔެވެ؟ ޝުހޭލަށް ހީވީ ކޮށި ވަޅިޔަކުން ހިތުގައި ޅިޔަ އަޅުވާލިހެންނެވެ.

(ނުނިމޭ)