އާއިލާއިން ހޯދަމުން އަންނަ ކަމަށް ބުނާ ކ. ތުލުސްދުއަށް އުފަން ފާތިމަތު އުލްފާ، އާއިލާއާ ވަކިން ދިރިއުޅެން ދިޔައީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހުތިޔާރުގައި ކަމަށާއި އާއިލާއިން ބޭނުންވަނީ ލޯބިވެރިޔާއާ ދުރުކުރުވަން ކަމަށް އޭނާ ބުނެފިއެވެ.
އުލްފާގެ މަންމަ، "ވަން" އަށް ބުނީ އިއްޔެ ހެނދުނުން ފެށިގެން އޭނާ ހޯދަމުން އަންނަ ކަމަށާއި އޭނާގެ ފޯނަށްވެސް ޖަވާބު ނުދޭ ކަމަށެވެ. އެ މައްސަލަ މިހާރު ފުލުހަށްވެސް ހުށަހަޅާފައިވާ ކަމަށެވެ. އުލްފާ ސަލާމަތުން ހުރިކަމެއް ނުވަތަ ނެތް ކަމެއްވެސް ސާފު ނުވާ ކަމަށާއި ބޭނުންވަނީ ދަރިފުޅު އަވަހަށް ގެއަށް އައުން ކަމަށްވެސް އޭނާގެ މަންމަ ބުންޏެވެ.
އުލްފާގެ މަންމަ ބުނީ، އޭނާގެ އަންހެން ދަރިފުޅު "ބްލެކްމެއިލް" ކޮށްގެން ގެންގޮސްފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާ ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅުމުން، އެ ފިރިހެން މީހާއަށް ގުޅާފައިވާ ކަމަށާއި އަދި އޭނާގެ ގެއަށް އުލްފާ ގޮސްފައިވާ ކަމަށް އެ ފިރިހެން މީހާ ފުލުހުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އުލްފާއާ ފުލުހުން ވާހަކަ ދައްކާފައި ނުވާ ކަމަށާއި އުލްފާ އެގޭގައި ހުރިކަމެއް ޔަގީންކޮށްދީފައި ވެސް ނުވާ ކަމަށެވެ. އެ މައްސަލަ ނުބެލޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް ވެސް އުލްފާގެ މަންމަ ބުންޏެވެ.
އުލްފާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އައިޖީއެމްއެޗްގެ އެމްބިއުލާންސް ޑްރައިވަރެއްގެ ވަޒީފާގައި އުޅޭ އަހުމަދު ޔޫސުފް ނަމަކަށް ކިޔާ މީހަކާއެވެ. އުލްފާއަކީ ނާސިންގެ ޑިގްރީ ކޯސް ހަދަމުން އަންނަ ދަރިވަރެކެވެ.
އާއިލާއިން ދައްކާ ވާހަކަތައް ދޮގުކުރަމުން އުލްފާ "ވަން"އަށް ބުނީ އޭނާއާއި ލޯބިވެރިޔާއާ ގުޅޭގޮތުން އާއިލާއިން އޮޅުވާލައިގެން ވާހަކަ ދައްކާ ކަމަށާއި އާއިލާއިން ބޭނުންވަނީ ދެ މީހުން ދުރުކުރުވަން ކަމަށެވެ. އަދި ދެ މީހުން ދުރުކުރުވަން ސިހުރު ހަދަން އުޅުނު ކަމަށް ވެސް އުލްފާ ތުހުމަތުކުރެއެވެ.
"ލޯބިވެރިޔާ އަހަރެން ބްލެކްމެއިލެއް ނުކުރޭ. އަޅުގަނޑަކަށް ނޭނގޭ އެމީހުން އެވާހަކަ އެ ދައްކަނީ ކީއްވެކަމެއް. ކުރިން އަޅުގަނޑު އުޅުނީ ރިލޭޝަންޝިޕެއްގައި. އަޅުގަނޑު ބޭނުންވީ އެހެން މީހަކާއެކު ދިރިއުޅުމުގައި ކުރިއަށްދާން. އެކަމަކު މަންމަމެން ބޭނުންވީ ކުރިން ރައްޓެހިވެގެން އުޅުނު ކުއްޖާއާއެކު އުޅެން،" އޭނާ ބުންޏެވެ.
އުލްފާ ބުނީ ދެ މީހުން ދުރުކުރުވަން މީގެ ދެތިން ދުވަސް ކުރިން ޗޮކްލެޓެއްގައި ލިޔެފައި އޭނާއަށް ދިން ކަމަށާއި ކިޔަވާފައި ހުރި ފެން ވެސް ދޭން އުޅުނު ކަމަށެވެ.
"ފެން ކިޔަވާފައި ބޯން ދޭންވެގެން އުޅުނު. އަޅުގަނޑު ގެއަކުން ނުކަން، ފެން ފޮދެއް ވެސް ނުބޮން. ނަސީބެއް ކަންނޭނގެ. ގެއަށް ގޮސް ފެން އަޅާފައި ބަހައްޓާފައި ހުންނަ ފެން ފުޅިއަށް ވެސް ފެން އަޅަނީ، އެ ކިޔަވާފައި ހުންނަ ފެން. ކޮންމެވެސް އެއްޗެއް ލިޔެގެން ޗޮކްލެޓެއް ވެސް ކާން ދޭން އުޅުނު. ދެން އޭގެ ފަހުން އުޅުނީ މީހެއް ގެނެސްގެން ރުގުޔާ ކުރަން. އެމީހާ އެއީ ރުގުޔާގެ ނަމުގައި ސިހުރު ހަދާ މީހެއް،" އޭނާ ބުންޏެވެ.
އުލްފާ ބުނީ ލޯބިވެރިޔާ ގޯސްކަމެއް ކޮށްފައި ނުވާނެކަން ޔަގީންވާތީ ކުރިން ރުގުޔާ ކުރަން އެއްބަސްވެފައިވާނެ ކަމަށާއި ނަމަވެސް ރުގުޔާ ކުރަން ގެންނަ މީހާއަކީ ސިހުރު ހަދާ މީހެއްކަން ޔަގީންވި ހިސާބުން އަމިއްލަ ރައްކަލަށްޓަކައި ގެއިން ނުކުންނަން މަޖުބޫރުވީ ކަމަށެވެ.
"ގެއިން ނުކުތީ އަމިއްލަ އިހުތިޔާރުގައި. އުމުރު ދުވަހު ސިހުރެއްގެ އުނދަގުލުގައި އުޅެން ބޭނުން ނުވާތީ. މިއީ ލޯބިވެރިޔާއާ ކައިވެނިކުރަން ނުކުތް ނުކުތުމެއް ނޫން. މިއީ އަމިއްލަ ރައްކަލަށް އަޅަން ޖެހުނު ފިޔަވަޅެއް. ދެން ގެއަކަށް ނުދާނަން،" އޭނާ ބުންޏެވެ.
އުލްފާ އިތުރަށް ބުނީ އެއްދުވަހު ޑިއުޓީ ނިންމާފައި ގެއަށް ދިޔަތަނާ ސައިކަލުގެ ތަޅުދަނޑި އާއި ފޯން އަދި ލެޕްޓޮޕް އަތުލި ކަމަށާއި އެތަކެތި އަނބުރާ ހޯދީ ފުލުހަށް މައްސަލަ ހުށަހަޅައިގެން ކަމަށެވެ. އަދި މަންމަ ވަރަށް ހުތުރު ބަހުން މުއާމަލާތްކުރި ކަން ވެސް އުލްފާ ފާހަގަކުރިއެވެ.
މި މައްސަލައާ ގުޅޭގޮތުން އުލްފާގެ ލޯބިވެރިޔާ އަހުމަދު ޔޫސުފް ބުނީ އޭނާގެ އަގުވައްޓާލުމަށް މީގެ ކުރިން ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށާއި ފޭސްބުކް ޕޯސްޓްތައް ހަދައި، އޭނާއާ ގުޅޭ ދޮގު ވާހަކަތަކެއް ފަތުރާފައިވާ ކަމަށެވެ. އަދި މަސައްކަތް މާހައުލުން ވެސް އުނދަގޫތައް ކުރިމަތިކުރުވި ކަމަށް ވެސް އޭނާ ބުންޏެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް