އެމެރިކާގެ އާ ރައީސް، ޖޯ ބައިޑެން ރައީސް ކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގެ ރިހާސަލް ހުއްޓުވައި މީހުން ހުސްކޮށްފި އެވެ.

ހުވައިކުރުމުގެ ރަސްމިއްޔާތުގެ ރިހާސަލް ހުއްޓުވައި މީހުން ހުސްކޮށްފައި ވަނީ ކައިރީގައި ހުރި އިމާރާތަކުން ދުން އަރަން ފެށުމުގެ ސަބަބުންނެވެ.

ވޮޝިންޓަންގައި ހުންނަ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ސަރަހައްދުގައި ކުރިޔަށްދިޔަ ރިހާސަލް ރަސްމިއްޔާތުގައި އިންތިހާބީ ރައީސް ޖޯ ބައިޑެން ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

އެމެރިކާގެ ފުލުހުން ވަނީ ރިހާސަލް ކުރިޔަށްދިޔަ ސަރަހައްދާއި 1.6 ކިލޯމީޓަރު ދުރުގައި ހުރި އިމާރާތަކުން ދުން އަރަން ފެށުމުން ރިހާސަލް ހުއްޓުވުމަށް އަންގާފައެވެ.

މިމަހުގެ ކުރީކޮޅު ގާނޫނު ހަދާ މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއެކު ވޮޝިންޓަން ޑީސީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށް ބައިޑަން ހުވާކުރާ ރަސްމިއްޔާތަށް ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ދަގަނޑު ފެންސު ޖަހާފައިވާއިރު އެސަރަހައްދުގައި ފޯރިމަރަން ނެޝަނަލް ގާޑްގެ 10 ހާހަށްވުރެ ގިނަ ސިފައިން ވަނީ ނެރެފައެވެ.