އެމެރިކާ ރިޔާސަތަށް ޑޮނަލްޑް ޓްރަމްޕު އިންތިޚާބުވުމާއެކު ދެހާސް ސަތާރަވަނަ އަހަރު ޑޮނަލްޑް ޓްރަމްޕު އެންމެ ފުރަތަމަވެސް ނެރުނު ރިޔާސީ އަމުރަކީ އިސްލާމީ ދުނިޔޭގެ ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާކުރުމުގެ އަމުރެވެ. އެ ހަތް ގައުމަކީ އީރާން، އިރާގު، ލީބިޔާ، ސޮމާލިޔާ، ސޫދާން، ސީރިޔާ އަދި ޔަމަނެވެ. މި އަމުރުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރަށް ލޮޅުންތައް އަރައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެއަރޕޯޓުތަކުގައި މީހުން ހައްޔަރުވެ އިސްލާމުންނަށް ބޮޑުވެގެންވާ ތަކުލީފުތަކެއް ކުރިމަތިވިއެވެ. ނަތީޖާއެއްގެ ގޮތުން ޓްރަމްޕުގެ މި އަމުރު ބާތިލްކުރުމަށް އެދި އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށައަޅައިގެން އިސާހިތަކު މިއީ ގާނޫނުތަކާ ފުށުއަރާ ބާތިލް އަމުރެއް ކަމަށް ކޯޓުން ނިންމިއެވެ.
ޓްރަމްޕުގެ ފުރަތަމަ އަމުރު ކޯޓުން ބާތިލް ކުރުމާއެކު އޭނާ ވަނީ ލަސްތަކެއް ނުވެ މިފަދަ ދެވަނަ އަމުރެއްވެސް ނެރެފައެވެ. އެ އަމުރުވެސް ކޯޓުން ބާތިލްކުރިއެވެ. އަނެއްކާވެސް ޓްރަމްޕު ތިންވަނަ ފަހަރަށް މި އަމުރު ނެރުނެވެ. ޓްރަމްޕުގެ ތިންވަނަ އަމުރު އެމެރިކާގެ ސްޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފައެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާއަށް މުސްލިމުން އެތެރެވުން މަނާކުރުމުގެ އަމުރު ކޮންމެވެސް ސިފައެއްގައި މިހާރުވެސް ދެމިއެބައޮތެވެ. ގިނަ ބަޔަކު މިހާރު ދެނެގަންނަން ބޭނުންވާ ކަމަކީ މި ހަފުތާގައި ޓްރަމްޕުގެ ރިޔާސީ ދައުރު ނިމި އައު ރައީސް ޖޯ ބައިޑެން މަގާމުގެ ހުވާކުރެއްވުމަށްފަހު އިސްލާމުންނާ ދެކޮޅު ސިޔާސަތަށް އަންނާނެ ބަދަލެކެވެ. އިސްލާމުންދެކެ ރުޅިއެރުމުގެ ސަގާފަތަށް އަންނާނޭ ބަދަލެކެވެ.
ރައީސް ޓްރަމްޕަކީ ފަހުގެ ތާރީޚެއްގައި ހަމަ ފާޅުގައި މުސްލިމުންނާ ދެކޮޅަށް ކަންކަންކުރުމުގެ ސިޔާސަތެއް އެންމެ ފުޅާކޮށް ހިންގި ރައީސެވެ. އޭނާގެ މިސިޔާސަތު ތަންފީޒު ކުރުމަށްޓަކައި މުހިއްމު ވުޒާރާތަކާއި މުހިއްމު މުވައްސަސާތަކުގެ ވެރިންނަށް އައްޔަންކުރީވެސް މުސްލިމުންނަށް ރުޅިއަރާ އަދި އެކަން އިއުލާންކޮށްގެން ތިބި މީހުންނެވެ. އެހެންވީމާ ޓްރަމްޕުގެ ދައުރު ނިމުމާއެކު މިސިޔާސަތަށް ބަދަލު އަންނާނެއެވެ. އަންނާންވެސް ވާނެއެވެ. އެހެނީ މި ސިޔާސަތު ބަދަލުކުރުމަކީ އައު ރައީސް ޖޯ ބައިޑެންގެ ވައުދެކެވެ. އެމެރިކާގެ ގިނަ ރައްޔިތުން ޖޯ ބައިޑެންއަށް ވޯޓުދިނީ މި ސިޔާސަތު ބަދަލުކުރުމަށް އެދިގެންނެވެ.
އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޓުވިންޓަވަރަށް އަލްގައިދާ ޖަމާއަތުން ދިންކަމަށް ބުނާ ހަމަލަޔަށްފަހު އޭރުގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްވެސް އިސްލާމީ ދުނިޔެއަށް އަމާޒުކޮށް މިޒާތުގެ ސިޔާސަތެއް ތައާރަފު ކުރިއެވެ. އެހެންވީމާ ރައީސް ބުޝްގެ ދައުރަކީވެސް އިސްލާމީ ދުނިޔޭގައި އެމެރިކާއަށް ނަފްރަތުކުރުން އިތުރުވެގެންދިޔަ ދައުރެކެވެ. ބުޝްގެ ދައުރު ނިމިގެން ދެހާސްނުވަ ވަނަ އަހަރު ރައީސް އޮބާމާ ވަނީ އެސިޔާސަތު ބަދަލުކުރައްވައިފައެވެ. އިސްލާމީ ދުނިޔެއާއެކު އިންސާފާއި ހަމަހަމަކަމުގެ އިންތަކުގެ ތެރެއިން ގުޅުންތައް ހަރުދަނާ ކުރައްވައިފައެވެ. ރައީސް ޓްރަމްޕުގެ ވެރިކަން ފެށުމާއެކު ފުރަތަމަ ދުވަހުން ފެށިގެންވެސް ފެނުނީ އޮބާމާގެ ސިޔާސަތު އެކޮޅުކޮޅުން ޖެހުމުގެ މަސައްކަތެވެ.
މިހަފުތާގައި ރައީސްކަމުގެ ހުވާކުރައްވާ ޖޯ ބައިޑެންއަކީ ރައީސް އޮބާމާގެ ދެ ދައުރުގައިވެސް ނާއިބުރައީސެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޖޯ ބައިޑެން ވަނީ އޭނާގެ ރިޔާސަތެއްގައި އޮބާމާގެ ޚާރިޖީ ސިޔާސަތުގެ ގިނަބައިބައި އަލުން ތަންފީޒު ކުރައްވާނޭ ކަމަށް ވައުދުވެވަޑައިގެންފައެވެ. އޭގެތެރޭގައި އިސްލާމީ ދުނިޔެއާ ގުޅުން ބަދަހިކުރުމާއި ނަފްރަތާއި ހަސަދައިގެ އަލިފާނަށް ތެޔޮއެޅުން ހުއްޓައިލުން ހިމެނެއެވެ. ޓްރަމްޕުގެ ދައުރުގައި އިސްލާމުން ބާކީކޮށް ކުށްވެރިކުރުމުގެ ބޭއިންސާފު ސިޔާސަތަށް ނިމުން ގެންނާނޭ ކަމަށް އެއްފަހަރަށްވުރެ ގިނަފަހަރުވެސް ޖޯ ބައިޑެންވަނީ ވިދާޅުވެފައެވެ. މީހާގެ ކުލަޔާއި ދީނަށް ބަލައިގެން ކަންކަން ނުނިންމާނޭ ކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގެ ތެރޭގައި ހުސްވި އަހަރުގެ ޖުލައިމަހު ޖޯ ބައިޑެން ވިދާޅުވެފައިވެއެވެ. އަހުރެންގެ ރިޔާސަތެއް ފެށިގެން އެންމެ ފުރަތަމަ ދުވަހުވެސް އެމެރިކާއަށް މުސްލިމުން އެތެރެވުން މަނާކުރަން ޓްރަމްޕުގެ ދައުރުގައި ރާނާފައިވާ ބޮޑުފާރު ތަޅައި ތިރިކުރާނަމެވެ. ނަފްރަތާއި ހަސަދައިގެ އަލިފާން އެންދުމަށްޓަކައި ހަދާފައިވާ ގާނޫނުތައް ބާތިލްކުރުމަށްޓަކައި އެންމެ ފުރަތަމަ ދުވަހުންފެށިގެންވެސް ގާނޫނުހަދާ މަޖިލީހަށް އެއްބާރުލުންދީ މަގުދައްކައިދޭނަމެވެ. މީހާގެ ދީނާއި ކުލަޔަށް ބަލައިގެން މީހާއަށް ފުރުސަތުދިނުމުގެ އުސޫލުތައް ނިމުމަކަށް ގެންނާނަމެވެ. ޓްރަމްޕު ބިނާކުރި ހަސަދައިގެ ގަނޑުވަރު ތަޅައި ކުދިކުދި ކުރާނަމެވެ. މިއީ ޔަގީންކަމާއެކު ފުރިހަމަކުރާނެ ވައުދެކެވެ.
އައުރައީސް ޖޯ ބައިޑެން އެވިދާޅުވި ވާހަކަފުޅުތައް ހަގީގަތަކަށް ހައްދަވައިފިއްޔާ މިހަފުތާގެ ބުދަދުވަހު އެމެރިކާ ގަޑިން މެންދުރު ބާރަޖެހުމާއެކު ޓްރަމްޕުގެ ހަސަދައިގެ ބޮޑުފާރު ބިމާހަމަވާނެއެވެ. އިސްލާމީ ދުނިޔޭގައި އެމެރިކާއަށް އިތުބާރުކުރުމުގެ އޮއިވަރެއް އަލުން ފެށޭނެއެވެ. އެކަމަކު މިއީ ބުނަން ވަރަަށް ފަސޭހަ އެކަމަކު ތަންފީޒުކުރަން ވަރަށް އުނދަގޫ ކަންކަމެވެ. މިވަގުތު ދުނިޔެއަށް އޮތީ އިންތިޒާރު ކުރުމެވެ. ރައީސް ޓްރަމްޕުގެ ދައުރުގެ އިރު ތިރިވަމުން އޮއްސެމުންދާއިރު އެންމެ ފަހު ވަގުތުގައިވެސް ފެންނަމުން މިދަނީ ހަސަދަވެރިކަން ކުރިޔަށްނެރެ ބައިބައިވުން ބޮޑުކުރުމުގެ އަމަލުތަކެވެ. ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ އަވަދިނެތި ކުރަމުން އެގެންދަނީ އައު ރައީސަށްވެސް ފަސޭހައިން މޮހައިނުލެވޭ ވަރަށް ހަސަދައިގެ ގޮށްތައް ބާރުކުރުމުގެ މަސައްކަތެވެ.
އީރާނުގެ ނިއުކުލިއަރ މައްސަލަ ހައްލުކުރުމަށްޓަކައި މަޝްވަރާއަށް އިސްކަންދީ ކުރިން ސޮއިކުރެވިފައިވާ އަހުދުނާމާޔަށް ދިރުން ގެންނާނޭ ކަމަށް ޖޯ ބައިޑެން ވައުދުވެވަޑައިގެންފައިވާއިރު ޓްރަމްޕާއި ޕޮމްމިއޯ އެގެންދަނީ އެންމެފަހު ވަގުތުވެސް އީރާނާ ދެކޮޅަށް ހަގުރާމައެއް ފެށޭތޯ މަސައްކަތް ކުރަމުންނެވެ. ސީރިޔާގައިވާ އިރާނުގެ ތަކެއްޗަށް ގެއްލުންދިނުމަށްޓަކައި އިޒްރޭލާ ގުޅިގެން އެމެރިކާއިން މިހަފުތާގައި ދިން ވައިގެ ހަމަލާޔަކީ މިކަމުގެ މިސާލެކެވެ. ކޮންމެއަކަސް އީރާނު އެއޮތީ ޓްރަމްޕުގެ ރޭވުން ކާމިޔާބުވިޔަދޭގޮތަކަށް ނޫނެވެ. އީރާނު އެއޮތީ ޖޯ ބައިޑެންގެ އިޚުލާސްތެރިކަން އަޖުމަ ބަލައިލަން އޭނާއަށް ފުރުސަތު ދިނުމުގެ ވިސްނުމެއްގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ