ވ. ރަކީދޫ ބަނދަރު ނިމުމަކާ ގާތަށް ހިނގައްޖެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފި އެވެ.

ރަކީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އެއްގަމުތޮށި ލުމަށާއި ޕޭވްމަންޓް ހެދުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ބުނީ ރަކީދޫ ބަނދަރު ތަރައްގީ ކުރުމުގެ މުޅި މަޝްރޫއުގެ މަސައްކަތުގެ 73 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށާއި ޕޭވްމަންޓް ހެދުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް މިމަހުގެ ހަތަރު ވަނަ ދުވަހު އެއްކޮށް ނިންމާލާފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ދޯނި އެހެލާ ސަރަހައްދު ފުންކުރުމުގެ މަސައްކަތުގެ ވެސް 13 ޕަސެންޓް ނިމިފައިވާ ކަމަށް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 5،654 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 156 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނޭ ކަމަށްވެސް އެމްޓީީސީން ވަނީ ބުނެފަ އެވެ. އަދި 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 429 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުން ހިމެނޭ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ ޖުމްލަ 18.5 މިލިއަން ރުފިޔާ އަށެވެ.