ވ. ތިނަދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ މީހަކު ފިހިއްޖެ އެވެ.

ފުލުހުން ބުނީ ތިނަދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވި ކަމުގެ މައުލޫމާތު މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން އަލިފާން ރޯވެފައިވަނީ ލޯންޗް ސްޓާޓް ކުރި ވަގުތު ބެޓެރީގައި ރޯވެގެން ކަމަށް މައުލުމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގި އިރު އެ ލޯންޗުގައި އެވަގުތު ހުރި މީހެއްގެ ފައި ފިހިފައިވާ ކަމަށެވެ. އަލިފާން ރޯވި ލޯންޗް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ އަޑިއަށް ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ. އަދި މިހާދިސާގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ތިނަދޫ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ށ. ކަނޑިތީމު ބަނދަރުގައި އޮތް ތެޔޯ ބޯޓެއްގައިވެސް އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފަ އެވެ.