އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ނެރު ފުން ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާގޮތް ހިއްސާކުރަމުން އެމްޓިސީސީން ބުނީ މި މަޝްރޫއުގެ 15 ޕަސެންޓް މިހާރު ނިމިފައިވާ ކަަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން، މިހާރު ހަދާފައި ހުރި ނެރު ފުންކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށްވެސް އެމްޓީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން 6،363.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 266 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނޭ ކަމަށް އެކުންފުނިން ބުނެއެވެ. މީގެ އިތުރަށް 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،330 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުން ހިމެނޭ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.