އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރި ކުރުމަށްޓަކައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމް ގާލްސްޓު ކޯޑް ޕްރޮގްރާމް ގދ. ތިނަދޫގައި ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ވަނީ އިއްޔެ ހަވީރު ވާޗުއަލްކޮށް ބާއްވައިފައެވެ.

އޮންލައިންކޮށް ދެ މަސް ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ކުދިންނަށް އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެއެވެ. މި ޕްރޮގްރާމްގެ ތެރެއިން ހިންގޭ ވޯކްޝޮޕްތަކުގައި ޕްރޮޖެކްޓް މެނޭޖްކުރުމާއި އަދި ވެބް ޑިވެލޮޕްމެންޓްއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މެންޓާސްގެ ގޮތުގައި ދާއިރާގެ ފަންނީ މީހުން ބައިވެރިވާނެއެވެ.

އެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓާ ކޯޕަރޭޓް ސާވިސަސް އާތިފާ އަލީ ވިދާޅުވީ، އެ ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދެނީ، އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން އަންހެނުން ބާރުވެރިކުރުވުމަށް ހާއްސަ އިސްކަމެއް ދޭތީ ކަމަށެވެ.

"އަންހެން ކުދީން ޓެކްނޮލޮޖީގެ ދާއިރާގައި ބައިވެރިކުރުން އިތުރުކުރުމަށް ހިތްވަރު ދިނުމަކީ އަޅުގަނޑުމެން ހާއްސަ އަހައްމިއްޔަތުކަމެއް ދޭން ބޭނުންވާ ދާއިރާއެއް." އާތިފާ ވިދާޅުވިއެވެ.

އެ ޕްރޮގްރާމާ ބެހޭގޮތުން ވާހަކަދައްކަވަމުން ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ ނިއުމާ ފާއިޒް ވިދާޅުވީ، އެ ޕްރޮގްރާމްގެ ހުރިހާ ބައިވެރިންވެސް ޕްރޮގްރާމް ފުރިހަމަކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެ ޕްރޮގްރާމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަކީ މުހިންމު ކަމެއް ކަމަށެވެ.