ޖޯ ބައިޑަން، އެމެރިކާގެ ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިނުގަތުމަށް އެގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

މިމަހުގެ 20 ވަނަ ދުވަހު ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވާނެކަން ޓްރަމްޕް އިއުލާންކުރެއްވީ އެމަނިކުފާނު މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

ޓްރަމްޕް ވެގެންދާނީ އެމެރިކާގެ ރިޔާސީ އިންތިހާބުން ބަލިވުމަށްފަހު ރައީސްކަމުގެ ހުވާކުރާ ރަސްމިއްޔާތަކަށް ވަޑައިނުގަންނަވާ އެގައުމުގެ ހަތަރުވަނަ ރައީސްއަށެވެ. ނާކާމިޔާބީއަށްފަހު އެންމެ ފަހުން ހުވާކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިނުގެންނެވި ރައީސަކީ އެންޑްރޫ ޖޯންސަންއެވެ. އެއީ 1869 ގައި ޔުލިސީސް ގްރޭންޓް، އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕްއާ ވާދަކުރައްވައި، ބައިޑަން ކާމިޔާބު ހޯއްދެވުމާއެކު ޓްރަމްޕް ވަނީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ވިދާޅުވެ، ނަތީޖާ ގަބޫލުފުޅުނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ދާދި ފަހުން ޓްރަމްޕްގެ ސަޕޯޓަރުންތަކެއް ވެސް ވަނީ ނަތީޖާ ގަބޫލުނުކުރާ ކަމަށް ބުނެ، ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ސަރަހައްދަށް އެއްވެ، މަޖިލީހުގެ އެތެރެއަށް ވަދެ ހަމަނުޖެހުން ހިންގައިފައެވެ.

ގާނޫން ހަދާ މަޖިލީހުގައި ހަމަނުޖެހުން ހިންގަމުންދިޔަ ޓްރަމްޕްގެ ސްޕޯޓަރުން ހުއްޓުވުމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން މަސައްކަތްކުރުމުގެ ތެރޭގައި ދިން ބަޑީގެ ހަމަލާއެއްގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

ޓްރަމްޕް ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައި ސަޕޯޓަރުންނަށް ހަމަނުޖެހުން ސުލްހަވެރިކަމާއެކު ހުއްޓާލުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމުގައި ޓްރަމްޕްގެ ބައިވެރިވުން ވެސް އޮތްކަމަށް ތުހުމަތުކޮށް، އެމަނިކުފާނަށް ފާޑުކިޔަމުންނެވެ.