ޚަބަރު

އެމެރިކާގެ ހަމަނުޖެހުންތަކުން ފެނުނީ ބަގާވާތުގެ ސިފަތައް، ރަނގަޅަށް ތަހުގީގުކުރަންޖެހޭ: ނަޝީދު

އަލީ ޔާމިން

އެމެރިކާގައި ހިންގި ހަމަނުޖެހުންތަކުން ފެނިގެން ދިޔައީ ބަގާވާތުގެ ސިފަތައް ކަމަށާއި އެ ހަމަނުޖެހުންތައް ރަނގަޅަށް ތަހުގީގުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިގޮތަށް ވިދާޅުވެފައިމިވަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ، ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ގާނޫނު ހަދާ މަޖިލިސް ސަރަހައްދަށް ޓްރަމްޕްގެ ސަޕޯޓަރުން އެއްވެ، މަޖިލީހުގެ އެތެރެއަށް ވަދެ ހަމަނުޖެހުން ހިންގާފައިވާތީއެވެ.

ނަޝީދު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ސަލާމަތް ބަލަހައްޓަން ތިބި ފުލުހުން ނުވަތަ ސެކިއުރިޓީން ވަނީ ހަމަނުޖެހުންތައް ހިންގުމަށް ހިތްވަރުދީފައި ކަމަށެވެ. އެގޮތުން ހަމަނުޖެހުންތައް ހިންގި މީހުންނާއެކު ސެކިއުރިޓީން ސެލްފީ ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ކޮންމެ ބަގާވާތެއްގައިވެސް ހަމަނުޖެހުންތައް ހިންގުމަށް ފުލުހުން ނުވަތަ ސެކިއުރިޓީން ހިތްވަރުދޭނެ ކަމަށެވެ. އެހެންވެ، ނަޝީދު ވަނީ ހަމަނުޖެހުންތައް ހިންގުމުގެ ކުރިން ޓްރަމްޕްގެ ޓީމުން ފުލުހުންނާއި މަޝްވަރާކޮށްފައިވޭތޯ ސުވާލު އުފައްދަވައިފައެވެ.

"އާންމު ގޮތެއްގައި ކޮންމެ ބަގާވާތެއްގައިވެސް ސިފައިންގެ ބަޔަކު ހަމަނުޖެހުންތަކުގެ ބައިވެރިންނާ ގުޅޭނެ. މިއީ ދުރާލާ ރާވައިގެން ކުރިއަށްގެންދިޔަ ބަގާވާތުގެ އަމަލެއް ކަމަށް ވަންޏާ ސިފައިންގެ ތެރޭގައި ތިބޭނެ ޓްރަމްޕް ވާހަކަ ދައްކާފައި ތިބި ޖެނެރަލުން. ނަމަވެސް ސިފައިން ނައުމުން ހިންގަން އުޅުނު ބަގާވާތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެމެރިކާގެ ގާނޫނުތަކަށް ބޯނުލަނބައި، ސިފައިން އެގައުމުގައި އުޅޭނަމަ ނުވަތަ ގާނޫނުތައް ތަންފީޒުކުރަން ތިބޭ މީހުން އެކަން ނުކުރާނަމަ އެކަމުގެ ގެއްލުން އޮތީ ހަމައެކަނި އެމެރިކާއަށް ނޫން ކަމަށާއި މުޅި ހުޅަނގުގެ ގައުމުތަކަށްވެސް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަން ވަކި ފަރާތަކަށް ނުޖެހި މި ކަންކަން ރަނގަޅަށް ތަހުގީގުކުރާނެ ކަމަށް. އިއްޔެ ފެނިގެން ދިޔައީ ނުރައްކާތެރި އަދި ބިރުވެރި މަންޒަރެއް،" ނަޝީދު ވިދާޅުވިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ، ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ގާނޫނު ހަދާ މަޖިލިސް ސަރަހައްދަށް ޓްރަމްޕްގެ ސަޕޯޓަރުން އެއްވެ، މަޖިލީހުގެ އެތެރެއަށް ވަދެ ހަމަނުޖެހުން ހިންގާފައިވާ އިރު، އެ ހަމަނުޖެހުން ހުއްޓުވުމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން މަސައްކަތްކުރުމުގެ ތެރޭގައި ދިން ބަޑީގެ ހަމަލާއެއްގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

ހަމަނުޖެހުންތަކަށް ފަހު ވެސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުންދަނީ ރިޔާސީ އިންތިހާބު އޮޅުވާލައިފައިވާ ކަމަށާއި އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށެވެ.