އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުންތަކެއް އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ތެރެއަށް ވަދެ ހިންގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ދިން ބަޑީގެ ހަމަލާއެއްގައި އަންހެނަކު މަރުވެއްޖެއެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ސަރަހައްދަށް ޓްރަމްޕްގެ ސަޕޯޓަރުން މިރޭ އެއްވެފައިވަނީ އެގައުމުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ، ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާގެ ވޮޝިންޓަން ޑީސީގައި ވަނީ ކާފިއު ވެސް އިއުލާންކޮށްފައެވެ.
އެ ސަރަހައްދަށް މީހުން އެއްވެފައިވަނީ އިންތިހާބުގެ ނަތީޖާއާ މެދު މަޖިލީހުގައި ޖަލްސާއެއް ކުރިއަށްދަނިކޮށެވެ. އެ ސަރަހައްދަށް އެއްވި މީހުން ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ވަނުމުގެ ސަބަބުން އެތަނުގެ ތެރޭގައި ތިބި މަޖިލިސް މެންބަރުން ވެސް ވަނީ އެތަނުގެ ތެރޭގައި ތާށިވެފައެވެ.
އެ ސަރަހައްދަށް އެއްވި މީހުން ދުރަށް ޖައްސައި، އިމާރާތުގެ ތެރެއަށް ވަން މީހުން ނެރުމަށް އެމެރިކާގެ ސަލާމަތީ ބާރުތަކުން ކުރި މަސައްކަތުގެ ތެރެއިން ދިން ބަޑީގެ ހަމަލާއެއްގައި އަނިޔާވި އަންހެނަކު ފަރުވާއަށް ހޮސްޕިޓަލަށް ގެންދަނިކޮށް، އޭނާ ވަނީ މަރުވެފައެވެ. އެކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން ވަނީ އެ ހަމަނުޖެހުންތައް ހުއްޓާލުމަށް ގޮވައިލުމަށް ޓްރަމްޕްގެ ކިބައިން އެދިވަޑައިގަންނަވައިފައެވެ.
ހަމަނުޖެހުންތައް އިތުރަށް ގޯސްވަމުންދިއުމާ ގުޅިގެން ޓްރަމްޕް ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ވީޑިއޯ މެސެޖެއް ދެއްވައިފައެވެ. އެ ވީޑިއޯ މެސެޖުގައި ޓްރަމްޕް ވިދާޅުވީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވީ ނަމަވެސް ސުލްހަވެރިކަމާއެކު ހަމަނުޖެހުންތައް ހުއްޓާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ސަރަހައްދުގައި ޓްރަމްޕްގެ ސަޕޯޓަރުން ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެމަނިކުފާނުގެ ޕާޓީ، ރިޕަބްލިކަން ޕާޓީގެ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ގިނަ ބަޔަކު އަންނަނީ ޓްރަމްޕަށް ފާޑުކިޔަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ