ޓްރަމްޕް ހައްޔަރުކުރުމަށް އިންޓަޕޯލް އިން "ރެޑް ނޯޓިސް" ނެރެން ހުށަހަޅައިފިއެވެ.

އިންޓަޕޯލް އިން ހައްޔަރުކުރުމުގެ "ރެޑް ނޯޓިސް" ނެރުމަށް ހުށަހަޅާފައިވަނީ އިރާނުންނެވެ. އެމެރިކާގެ ރައީސް ޓްރަމްޕްގެ އިތުރުން އެގައުމުގެ 47 އޮފިޝަލުން ހައްޔަރުކުރުމަށް އިރާނުން ވަނީ އެދިފައެވެ.

އިރާނުގެ ޖުޑިޝަރީގެ ތަރުޖަމާނު ގޯލަމހޮސެން އެސްމާއިލީ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެ މައްސަލަ އިންޓަނޭޝަނަލް ޕޮލިސް އޯގަނައިޒޭޝަނަށް ހުށަހެޅިކަން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

ތަރުޖަމާނު ވިދާޅުވީ ރެޑް ނޯޓިސްއަށް އެދިފައިވަނީ އީރާނުގެ އިސް ޖެނެރަލް ގާސިމް ސުލައިމާނީގެ މަރުގެ ފަހަތުގައި ވަނީ އެމެރިކާގެ އިސްފަރާތްތައް ކަމަށް ޔަގީންވުމާއެކު އެ ފަރާތްތައް ހައްޔަރުކުރުމަށް ކަމަށެވެ.

އިރާނުގެ ރެވެލިއުޝަނަރީ ގާޑުގެ އިސް ޖެނެރަލް ގާސިމް ސުލައިމާނީ މަރާލާފައިވަނީ އެމެރިކާއިން އިރާގުގެ ބަގްދާދުގައި ދިން ޑްރޯން ހަމަލާއެއްގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ.

އިރާނުން މީގެ ކުރިންވެސް ވަނީ އިންޓަޕޯލް މެދުވެރިކޮށް އެެމެރިކާގެ އިސް އޮފިޝަލުން ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައެވެ. ނަމަވެސް އިންޓަޕޯލް އިން ވަނީ އެއްބާރުލުން ނުދީފައެވެ.