ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން ނުވަތަ ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) އަށް އދ.ގެ މޫސުމަށް އަންނަ ބަދަލުތަކުގެ މުއާހަދާގެ އެގްޒެކެޓިވް ސެކްރެޓަރީ، ޕެޓްރީސިއާ އެސްޕިނޯސާ ތައުރީފު ކުރައްވައިފި އެވެ.

ޕެޓްރީސިއާ އެކަން ފާހަގަކުރައްވާފައިވަނީ، ރާއްޖޭގެ އެންޑީސީ ހުށަހެޅުމާ ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނަށް ފޮނުއްވި ސިޓީއެއްގަ އެވެ.

ޕެޓްރީސިއާގެ ސިޓީގައި ކޮވިޑް-19ގެ ގޮންޖެހުންތަކާއެކު ވެސް ކަނޑައެޅިފައިވާ މުއްދަތަށް ރާއްޖޭގެ އެންޑީސީ އަޕްޑޭޓްކޮށް ހުށަހެޅުމަކީ ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ވަކިން ހާއްސަކޮށް ރާއްޖޭން ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް ކުރިއަށްވުރެ ބޮޑަށް މަސައްކަތް ކުރުމަށް ހުށަހަޅާފައިވުމާއި އަދި ވަސީލަތްތައް ތަނަވަސް ވެއްޖެނަމަ 2030 ވަނަ އަހަރުގެ ނިޔަލަށް "ނެޓް ޒީރޯ" ހާސިލްކުރުމުގެ އަޒުމުގައި ތިބުމަކީ ވެސް ފާހަގަކޮށްލެވޭ ކަމެއް ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ހަރުދަނާ ގިނަ މަސައްކަތްތަކެއް ކުރުމަށް ރާއްޖޭން ހުށަހެޅުމާއި އޭގެތެރޭގައި ކާރިސީ ހިރާސް އިތުރުކުރުމާއި އެ ދާއިރާއިން ވެސް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވުމަކީ، ރާއްޖެފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ނާޒުކު ކަމަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ގައުމަކުން ހުށަހަޅާ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ޕެޓްރީސިއާގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭން، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ މުނާސަބަތުތަކުގައި ފާހަގަކުރައްވައިފަ އެވެ. އަދި 2030ގެ ނިޔަލަށް "ނެޓް ޒީރޯ" އެމިޝަން ހާސިލު ކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.