ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް ކަސްޓަމްސް އިން އަތުލައިގަތް ހަބަރާއެކު އެތައް ބައެއްގެ ސަމާލުކަން މި ކަމަށް އަމާޒުވި އެވެ.

އެއްބަޔަކު ބުނަމުންދިޔައީ މިއީ ސަރުކާރުގެ ބޮޑުންތަކެއް އަޑީގައި ތިބެގެން ހިންގާ ވިޔަފާރިއެއް ކަމަށެވެ. އަނެއް ބަޔަކު ބުނަމުންދިޔައީ ރާއްޖޭގައި މަނާކޮށްފައިވާ ބާވަތެއް މިހާ ގިނަ އަދަކަށް ބާނައި އޭގެ އުރަހަ ނަގައި ވިއްކައި ވިޔަފާރި ކުރެވޭނީ މުއައްސަސާތަކުގެ ދޯހަޅި ކަމުން ކަމަށެވެ. މިއީ ސިއްރިއްޔާތުގައި ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެއްބަޔަކު ބުނަމުން ދިޔަ އެވެ.

ކޮންމެއަކަސް މިއީ ރާއްޖެއިން އެކްސްޕޯޓު ކުރަން އުޅެނިކޮށް ފަހުގެ ތާރީހެއްގައި އަތުލައިގަނެވުނު އެންމެ ގިނަ އަދަދުގެ މިޔަރު އުރަހައެވެ. ލޮނުމަހުގެ ތެރޭގައި ރައްކާކޮށްފައި ހުރި 429 ކިލޯގެ މިޔަރު އުރަހަ ކަސްޓަމްސް އިން އިއްޔެ ވަނީ އަތުލައިގެންފަ އެވެ.

މި މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނިކުރި ކަނޑުމަސް އެކްސްޕޯޓު ކުރަމުން އަންނަ އެންސިސް ކުންފުނީގެ "އެންޒީ" ފޮށިގަނޑުތަކެއްގަ އެވެ. މިހިސާބުން ގިނަ ބައެއްގެ ނުރުހުމާއި އެތަކެއް ތުހުމަތުތަކެއް ވަނީ އެންޒީ ކުންފުންޏަށްވެސް އަމާޒު ވެފަ އެވެ.

މި ތުހުމަތުތަކާ ގުޅިގެން ކަސްޓަމްސް އިން ބުނީ އުރަހަތައް ބަންދުކޮށްފައި ހުރީ އެންޒީގެ ފޮށިގަނޑު ތަކެއްގައި ނަމަވެސް، މިޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ޑިކްލެއާކޮށްފައިވަނީ އެންޒީ އިން ނޫން ކަމަށެވެ. އެހެން ކަމުން މި ޝިޕްމަންޓްގެ ވެރިފަރާތަކީ ކާކުތޯ "ވަން" އިން ސުވާލު ކުރުމުން ކަސްޓަމްސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލައަކީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށްވާތީ އެމައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަން އަށް މިއަދު ބުނީ މިއީ ކަސްޓަމްސް އިން ހިންގަމުން އަންނަ ތަހުގީގެއް ކަމަށާއި މިކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ނޭނގޭ ކަމަށެވެ.

ރާއްޖޭގައި 2010 ވަނަ އަހަރުން ފެށިގެން މިޔަރުގެ މަސްވެރިކަން ކުރުން މަނާކުރި އެވެ. އޭގެ ފަހުން މިޔަރުގެ އެއްވެސް ބާވަތެއް އަދި އުރަހަވެސް އެކްސްޕޯޓު ކުރުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ.

އޭޝިއާގެ ގައުމުތަކުގައި މިޔަރު އުރަހަކީ ވަރަށް އަގުބޮޑުކޮށް ވިކޭ އެއްޗެކެވެ.