ފެނާއި ތެޔޮ އެކައްޗެއްގެ ތެރޭގައި އެއް ނުވާނެ ފަދައިން އީމާންކަމާއި ކުފުރު އެއް ހިތެއްގައި ޖަމާ ނުވާނެ ކަމަށް ވިދާޅުވެ ޑރ. މުހައްމަދު އިޔާޒް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިންވެސް ޑރ. އިޔާޒް ވަނީ ރައީސް ނަޝީދަކީ މުސްލިމެއް ނޫން ކަމަށް މާނަކުރެވޭ ގޮތަށް ވިދާޅުވެ ފާޑު ވިދާޅުވެފަ އެވެ. އަދި ކުރިސްޓިއަނުން ފާހަގަ ކުރާ "ކްރިސްމަސް ޑޭ"ގެ ތަހުނިޔާ އެނަިކުފާނު ފޮނުވުމުން އެކަމާވެސް ޑރ. އިޔާޒް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ޑރ. އިޔާޒް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ މާތް ﷲގެ އެއްކައުވަންތަ ކަން ގަބޫލު ކުރާ މީހާ ކްރިސްމަސް ޑޭ ފާހަގަ ކުރުމުގައި ބައިވެރި ނުވާނެ ކަމަށާއި އެކަމުގައި ބައިވެރިވާނަމަ އޭނާގެ އީމާންކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ހިތުގައި ނެތް އެއްޗެއް ދުލު ކޮޅުން ނުބުނެވޭނެ ކަމަށާއި ފެނާއި ތެޔޮ އެކައްޗެއްގެ ތެރޭގައި އެއް ނުވާނެ ފަދައިން އީމާންކަމާއި ކުފުރުކަން އެއް ހިތެއްގައި ޖަމާ ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން ޑރ. އިޔާޒު އިތުރަށް ވިދާޅުވީ، "ރޫހާނީ ލީޑަރު"ގެ އަނިޔާވެރިކަން ވެއްޓުނު އިރު އޭނާ އާއި ދެކޮޅުވީ މީހުން ދެކެ އިންތިހާ އަށް ރުޅި އަންނަ އިރު ތިމާމެން ހައްދަވާ ގެންގުޅުއްވާ، ރިޒުގު ދެއްވާ އިލާހަށް ދަރިކަލަކު ވެޔޭ، ބައިވެރިޔަކު ވެޔޭ ބުނާ މީހުންގެ އީދު ތަކުގައި ބައިވެރިވެ ތަހުނިޔާ ކިޔޭ ކަމަށެވެ. އަދި މިއީ ކޮން ފާޑެއްތޯވެސް ޑރ. އިޔާޒް ވަނީ ސުވާލު އުފައްދަވައިފަ އެވެ.
މީގެ ކުރިން ކްރިސްމަސް ޑޭގެ ތަހުނިޔާ ވިދާޅުވެ ރައީސް ނަޝީދު ޓުވީޓު ކުރެއްވުމުން ޑރ. އިޔާޒް ވަނީ ކްރިސްމަސް ޑޭގެ ތަހުނިޔާ ވިދާޅުވަނީ އިސްލާމް ދީނުގެ އަދުއްވުން ކަމަށް ވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވަނީ ރައީސް ނަޝީދުގެ ދިފާއުގައި ތެދުވެވަޑައިގެންފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު